ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރު
ޢުމަރު ނަސީރަށް ރާއްޖޭގެ ސިޔާސީ މަޝްރަޙް ރިފޯމް ކުރުމަށް ކުރެވޭނެ މަސައްކަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރަށްވާ ޢަބްދުﷲ ޖާބިރު ނުވަތަ ޗެއާމަން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަޙް އިސްލާޙް ކުރުމަށް ރޭ އިފްތިތާޙް ކުރި "ޑީއެންއޭ" ޙަރަކާތަކީ އެއްވެސް ބުރަދަނެއް ނެތް ބަޔަކު އިސްވެތިބެ އުފެއްދި ޙަރަކާތެއްކަމަށެވެ. ޚާއްސަކޮށް އެ ޙަރަކާތް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށާއި، އެބޭފުޅާއަށް އިސްލާޙް ކުރެވޭނެ ކަމެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތްކަމަށެވެ.

ޑީއެންއޭ އުފެއްދުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ ކައިރިއަށްގޮސް ވޯޓެއް ހޯދައިގެން މަޤާމަކަށް އިންތިޚާބުވީ މީހަކު ނެތްކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ، އިސްލާޙް ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، މިހާރުވެސް ރައްޔިތުންގެ މަޖިލީހުން ދަނީ އެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ސިޔާސީގޮތުން ފެއިލްވެ ރައްޔިތުން ބަލައި ނުގަތުމުން ބާކީވެފައިތިބި ބަޔަކު ބަސްބުނަން އުފައްދާ ޕްލެޓްފޯމަކުން ރައްޔިތުންގެ ތާޢީދު ނުހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ޢުމަރު ނަސީރު އަޅުގަނޑު ޖަލުގައި ހުރިއިރު ވަރަށް އިހާނަތްތެރި ގޮތަކަށް ކަންތައްކުރީ. އަޅުގަނޑަކީ ކާށިދޫ ދާއިރާގެ މެމްބަރު. އެކަމަކު އޭނާ ކާށިދޫއަށް ކެމްޕޭނަށް ގޮސްފައި ރައްޔިތުން ކައިރީގައި މި ބުނަނީ މި ރަށުގައި ޖަލެއް އަޅާށޭ މިއުޅެނީ ޖާބިރު ލާން. އެހެން އުޅުނު މީހުން ރާއްޖެ ރިފޯމްކުރަން ނިކުތީމާ އަޅުގަނޑު ވަރަށް ޙައިރާންވެއްޖެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގައި އޮތީ މަލްޓިޕާޓީ ސިސްޓަމެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނީ ޕާޓީ ތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި އެމަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަގުމައްޗަށް ނުކުމެގެން ކުރާކަމެއް ނޫންކަމަށާއި، އެއީ ޤާނޫނީ އިމުގެ ތެރެއިން އެކަމަށް ކަނޑައެޅިފައިވާ ތަރަހައިގެ ތެރޭގައި ކުރާ ކަމެއް ކަމަށްވެސް ޖާބިރު ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ރޭގެ ޙަފްލާގައި ދުންޔާ މައުމޫން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިވަގުތު ތިބީ ސަރުކާރާ އިދިކޮޅު ޙަރަކާތްތަކެއް ހިންގުމުގެ ވިސްނުމުގައި ނޫންކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޤާބިލުކަން ޑީއެންއޭ އުފެއްދުމުގައި އުޅުއްވާ ބޭފުޅުންގެ ކިބައިގައި ނެތްކަމަށާއި، ޑީއާރުޕީންވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ބާރަށް ކުރަމުން ގެންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކަންތައް ތަކެއް ކަމެއް ޖާބިރު ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޞިރި

07-Mar-2021

ލޮލީ ޓައްޕެއްގެ ބަރުދަން ހުރީމަ ވާނެތަ


5

ޙސނ

06-Mar-2021

ހޮނޑައިދޫ އަތިރިމަތީގައި ބޮއިގެން ތިބި މީހުނަށް ރިފޯމް ކުރެވޭނީ. އެހެންވެގެން އޭގެ މީހަކު ފުލުހުންގެ ބޯޑަށް ލާން މަޖިލީހުން ފާސްކުރީވެސް.



ޓްރެންޑިން