އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)
އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)
ކިތަންމެ ގިނައިން ޢާއްމު މެމްބަރުން ހައްޔަރު ކުރިޔަސް އިދިކޮޅު ކޯލިޝަން ފަހަތަކަށް ނުޖެއްސޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 31 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިއަދު ކުރިއަށްދާ މުޒާހަރާއަކީ ޤާނޫނީ އިމުގެ ބޭރުން ކުރާ މުޒާހަރާއެއްކަމަށް ބުނެ މުޒާހަރާ ހުއްޓުވާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ފުލުހުން ވަނީ ޕީޕީއެމްގެ އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް މުޒާހަރާ ފެށުމުގެ ކުރިން ބަންދުކޮށްފައެވެ.

އެކަމާ ގުޅިގެން އަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށްފަހު ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް އިދިކޮޅު ކޯލިޝަން ފަހަތަކަށް ނުޖެއްސޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި މަސައްކަތް ހުއްޓާލާނީ ސުލްޙަވެރިކަން ގާއިމުކޮށްފަ. ޢަދުލު އިންޞާފު ކަށަވަރުކޮށްދީފަ. ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފަ. ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ. ފަހަތަށްޖެހުމެއްނެތް. ޕީޕީއެމް ޕީއެންސީ ދާނީ ގައުމައިގެން ކުރިއަށް." އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.



މީގެ އިތުރުން އެޗްޕީއޭއިން ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު މަސްދުވަހަށް ދަންމާލާފައިވާތީ އެކަމާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ، ރައީސް ޞާލިހުގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބަޔަށް އެކުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުން ރަންގަޅުވާނެ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެމް.ސީ ޙަމީދުގެ ބެލުމުގެ ދަށުން ނޫނީ ދިވެހި ރައްޔިތުން މަގު މައްޗަށް ނުކުތުން މަނާކުރަން ވިސްނާލުން ރަނގަޅުވާނެ ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު މުޒާހަރާކުރަމުން ދާއިރު އެޗްޕީއޭއިން ވަނީ މަގުތަކަށް އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެކަން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން