ސޯޝަލް މީޑިއާގައި ދީނީގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ތަފްސީރު ޢިލްމުވެރިޔާ ޑރ. އިޔާޒް ހައްޔަރުު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާ ކަމަށްބުނެ އެކަން ތަހުގީގު ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ 14 ދުވަހުގެ މުއްދަތަށް ސަސްފެންޑް ކޮށްފައެވެ. ފަރުޟު ނަމާދުގެ ޖަމާޢަތުގައި ގައިދުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަށް ދެކޮޅު ހައްދަވައި ޑރ. އިޔާޒް ފަހަކަށް އައިސް ގެންދަވަނީ ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރަށްވަމުންނެވެ.

އެގޮތުން ފަރުޟު ނަމާދުގެ ޖަމާޢަތުގައި ގައިދުރު ކުރުމަކީ ވަރަށްބޮޑު ނުބައެއްގެ ފެށުން ކަމަށާއި، އެއީ 2020 ވަނަ އަހަރުގެ ބިދުޢައެއް ކަމަށް ޑރ. އިޔާޒް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޑރ. ޢިޔާޒްގެ ވާހަކަތަކާ ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، ޑރ. އިޔާޒަކީ ހައްޔަރުކޮށް އެކަހެރިކުރަން ޖެހޭ މީހެއް ކަމަށާއި، ޑރ. އިޔާޒް ދޫކޮށްލާފައި ބަހައްޓައިފިނަމަ އަންހެން ދަރިން މަރަންވެސް ގޮވާލަފާނެ ކަމަށެވެ.

"ދިވެހި މުޖްތަމަޢުގެ އިތުރުން އިސްލާމީ އުންމަތް ބައިބައި ކުރަން މަސައްކަތްކުރާ މިފަދަ މުނާފިޤުން ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލަން." ޢަލީ އާޒިމް ވިދާޅުވެފައިވެއެވެ.



ޑރ. އިޔާޒް މީސްމީޑިއާގައި ސިޔާސީ ޕޯސްޓް ކުރަށްވާކަމަށް ބުނެ ޔުނިވަރސިޓީން މީގެ ކުރިން ވަނީ ޑރ. އިޔާޒަށް އިންޒާރުވެސް ދީފައެވެ. އޭގެ ފަހުންވެސް މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމުން އެކަމަށް ދެކޮޅުހައްދަވައި ގިނަ ހުއްޖަތް ތަކެއް ޑރ. އިޔާޒް ދައްކަވާފައިވެއެވެ.

ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ހަކުރާގޭގައި އެކޮޅުކޮޅުން އެލުވާފައި ހަވަރަށް ދިނަސް ޙައްޤުބަސް ބުނުމަށް ފަސް ނުޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު