ޞާދިރު ޢަލީދީދީ   7 މާރިޗު 2021 - 15:45
ވޭނީކަރުނަ
ވޭނީކަރުނަ
56 ވަނަ ބައި

...............

ރަމްލާގެ ހިތާމަވެރި ޙަޔާތުގެ އިސްތިހާރުތައް ކުރަމުން ތިޔަގެންދަނީ ޚުދް އަމިއްލައަށެވެ.] ރަމްލާ ރޯންފަށައިފިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. މިއަދު އޭނާއަށް ދިމާވެފައިވާ ނާކާމިޔާބީ ރަނގަޅަށް އިޙްސާސް ކުރެވިއްޖެއެވެ. އެތެރެހަށީގައިވާ ހަމަނުޖެހުމުގެ ބޮޑުކަމުން ހޯސްލާފައި ލޮލުންކަރުނަ ފައިބައިގަތެވެ. އޭނާގެ ކޯތާފަތް ތެމިފޯވެއްޖެއެވެ. އިރުކޮޅެއް ވަންދެން ރުއިމަށްފަހު ބުންޏެވެ.

ޖައްޔިދާއެވެ. އަދުގެ ފަހަށް އަހަރެން ޖައްޔިދާއަކާ ބައްދަލެއް ނުކުރާނަމެވެ. އަދި ޖައްޔިދާވެސް އަހަންނާ ބައްދަލުކުރަން މަސައްކަތް ނުކުރާށެވެ. އަހަރެން މީގެކުރީގައިވެސް ދެފަހަރެއްގެ މަތިން މިގޮތަށް ވިސްނީމެވެ. އެކަމަކު ހަމަކޮންމެ ފަހަރަކު ޖައްޔިދާގެ ވާހަކައިގެ އަވައިގައި ޖެހިގެން އަހަރެން މަގު އޮޅުވާލަނީއެވެ. އަދި މިހާރު މިގޮތަށް މިވާހަކަ ދެކެވުމުން އަހަރެންގެ ޙަޔާތް ބަރުބާދު ވިޔަނުދީ ސަލާމަތްކުރަން އަހަރެން ބޭނުމެވެ. އެއްވެސް މީހަކާއިމެދު އަހަރެންގެ ފަރުވާލެއް ނެތެވެ. ޚަބަރުދާރުއެވެ! މިއަދަށް ފަހުގައި އަހަންނާ ބައްދަލުކުރަން މަސައްކަތް ނުކުރާށެވެ.]

ޖައްޔިދާ ތެދުވެ އިށީނދެއްޖެއެވެ. އަދި ބާރަށް ހޭންފަށައިފިއެވެ. ދެން ރަމްލާގެ ކައިރިއަށްގޮސް ސޯފާގައި އިށީނދެއްޖެއެވެ. އަދި އޭނާގެ ގައިގައި ހިފައިގަތެވެ.

[ރަމްލާއެވެ. އަހަރެން މިއައީ އަރާރުންވާކަށް ނޫނެވެ. އުނދަގުލެއް ދޭންވެގެނެއް ނޫނެވެ. އަހަރެން މިއައީ އަހަރެންގެ ޚިޔާލު ރަމްލާއަށް ހުށަހަޅަން ވެގެންނެވެ. ދެމީހުންގެ ރަޙްމަތްތެރި ކަމަށްޓަކާ ނިކަން އަހަރެންގެ ވާހަކަ އަޑުއަހާ ބަލާށެވެ.]

ރަމްލާ ހިމޭން ވެއްޖެއެވެ.

ޖައްޔިދާ ބުނަން ފެށިއެވެ.

[އަހަރެންގެ ޙަޔާތަކީ ފުރިހަމަނުވެ އޮތް އުނި ޙަޔާތެއްކަން ރަމްލާއަށް އެނގޭނެއެވެ. ރަމްލާވެސް އަމިއްލަ ޙަޔާތާއިމެދު އުފަލެއް ނުވެއެވެ. ރަމްލާ މުޢާޒުގެ ގާތުން ވަރިވެގެން ޔާދިރާއި އިންކަމުގައި ވިޔަސް އޭނާ އަހަރެން ދުލެއް ނުކުރާނެއެވެ. އޭނާއަށް ރަމްލާގެ ފަރާތުން ދަރިން ލިބިދާނެއެވެ. ދެން އަހަރެމެން ދެމީހުންވެގެން ދަރިން ބަލާނީއެވެ. ރަމްލާ ނޫން އެހެންމީހަކާ އޭނާ އިނދެފިއްޔާ އަހަރެން ދޫކޮށްލާނެކަން އެއީ ހަމަޔަޤީން ކަމެކެވެ. އަހަރެން ޔާދިރުދެކެ ލޯބިވަމެވެ. އަހަރެން އޭނާއާ ވަކިވާކަށް ބޭނުމެއްނޫނެވެ. ތިޔައީ އަހަރެންގެ ރަޙްމަތްތެރިޔާއެވެ.]

ރަމްލާގެ ރޮވިފައިވާ ލޮލުން ފަރުވާތެރި ކަމާއިއެކު ޖައްޔިދާއަށް ބަލާލިއެވެ.

[ޖައްޔިދާއެވެ. ކައިވެންޏަކީ ސަމާސާއެއް ކަމުގައި ހީކުރަނީ ހެއްޔެވެ. ތިޔަހާ ބޮޑުވާހައެއް ދައްކަން ކިހާފަސޭހަ ހެއްޔެވެ؟]

[މިދުނިޔޭގައި ނުވަނީ ކޮންކަމެއް ހެއްޔެވެ. ޝަރީޢަތުންވެސް އަންހެނުންނަށް ވަރިވުމުގެ ޙައްޤުލިބިފައިވެއެވެ.]

ތިޔަބުނާ ގޮތަށް ވަރިވުމުން މުޅި ޢާއިލާ ހަލާކުވެގެން ހިނގައިދާނެއެވެ. މިއީ ޖައްޔިދާއަށްވެސް އޮޅިފައި އޮންނާނޭކަމެއް ނޫނެވެ. ނިކަން އަހަރެންގެ މައިންބަފައިންނާއި މެދުގައި ވިސްނާލަ ބަލާށެވެ. އެޢުމުރުގައި އަހަރެންގެ ފަރާތުން އެމީހުންނަށް އެހާބޮޑު ހިތްދަތިކަމެއް ދޭންވީ ކީއްވެގެން ހެއްޔެވެ. އަނެއްކޮޅުން އަހަރެންގެ މައިދައިތައާއިމެދު ވިސްނާލަ ބަލާށެވެ. އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ. އަދި މުޢާޒު އަހަންނަށް ދިނީކޮން އަނިޔާއެއް ހެއްޔެވެ؟]

[ރަމްލާއަށް އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ހިތްދަތިކަމެއް ނުލިބޭނަމަ ތިޔަގޮތަށް ހިތާމައިގެ ލައްގަނޑު ނިތްކުރީގައި ހަރުކޮށްގެން އުޅެނީ ކީއްކުރަން ހެއްޔެވެ. ހިއްސުތައް ގެއްލިފައި ތިޔައިންނަނީ ކީއްވެގެން ހެއްޔެވެ. އުފަލުގައި ނީންނަނީ ކީއްވެގެން ހެއްޔެވެ؟]

[އެއީ އަހަރެންގެ އަމިއްލަ ކަމެކެވެ.] ރަމްލާ ބުންޏެވެ.

[މިހާރު އޭގައި އަދި އެހެން މީހަކުވެސް ބައިވެރި ވެއްޖެއެވެ.]

[އެއީ ކާކު ހެއްޔެވެ؟ ރަމްލާ ރުޅި އައިސްފައި ބުންޏެވެ.]

[އެއީ އަހަރެންގެ ފިރިމީހާއެވެ.]

[ޖައްޔިދާގެ ފިރިމީހާ ޖައްޔިދާ ހަމަޖައްސާށެވެ. މިއަދަށްފަހު އަހަރެން ކަލޭމެންނާ ބައްދަލެއް ނުކުރާނަމޭ ކުރިންވެސް ބުނެފީމެއްނޫން ހެއްޔެވެ؟]

[ރަމްލާއެވެ.....!] ޖައްޔިދާ ރަމްލާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ބުންޏެވެ.] އަނެއްކާވެސް ރުޅިގަނޑު ގަދަވީ ހެއްޔެވެ. އަހަރެންގެ ވާހަކަ ވިސްނޭތޯ މަސައްކަތް ކޮށްބަލާށެވެ. ނިކަން ސިކުނޑި ބޭނުންކޮށްގެން މިކަމާ ދޭތެރޭ ފިކުރު ކޮށްލަބަލާށެވެ. އަހަރެން މިދައްކަނީ މާބޮޑު ވާހަކައެއްނޫނެވެ. އަހަރެންވެސް ރަމްލާއާއިމެދު ހަމްދަރުދީވަމެވެ. ތިޔަ ޢަޒާބުން ސަލާމަތްވާނެ މަގެއް ފެންނަން އޮއްވާ މުޅި ޙަޔާތް ބަރުބާރު ކުރަމުން ތިޔަގެންދަނީ ކީއްވެގެން ހެއްޔެވެ.]

[މިއީ ޢަޒާބެއް ކަމުގައި ވަންޏާ އަހަރެން މިޢަޒާބަކުން ސަލާމަތްވާކަށް ނެތީމެވެ.]

[ނޫނެކެވެ. ރަމޫއެވެ! ރަމޫގެ ކުރިމަތީގައި މަގެއް އެބައޮތެވެ. ގޮތެއް ނިންމި ދާނެއެވެ. ޔާދިރު ރަމްލާދެކެ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. ޔާދިރު ރަމްލާއަށް ނުދޭނީ ކޮން އެއްޗެއް ހެއްޔެވެ. އޭނާ ރަމްލާއަށްޓަކާ ވަމުންދާ ޤުރްބާނީ ރަމްލާއަކަށް ނުފެންނާނެއެވެ. ތިޔަ ދެމީހުން ކިހާގުޅޭ ހެއްޔެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކާ އަހަރެންގެ ބަސް ޤަބޫލުކުރާށެވެ. އަހަރެން ރަމްލާގެ ނޯކަރަކަށްވެގެން ރަމްލާގެ ގޭގައި އިނދެފާނަމެވެ.]

[ޖައްޔިދާއެވެ. ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ނުދައްކާށެވެ.]

[ރަމޫއެވެ! ޙަޔާތަކީ ހަމައެންމެ ފަހަރަކު ލިބޭނެއެއްޗެކެވެ. ޒުވާންކަމަކީ މުޅިޢުމުރުގައި އެންމެ ފަހަރަކު ލިބޭނެ އެއްޗެކެވެ. އަންހެނުންނަށްވެސް އުފާކުރުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި އަހަރެމެންގެ ޝަރީޢަތުންވެސް އެނގެން އޮންނަ ގޮތުގައި ކޮންމެވެސް ސަބަބަކާހުރެ ފިރިމީހާގެ ފަރާތުން ހިތްދަތިކަމެއް ލިބެމުން ދަނީނަމަ އޭނާ ވަރި ކޮށްދެވިދާނެއެވެ. ރަމޫ ގޮތެއް ނިންމާށެވެ. އަދި ހިތްވަރުކޮށްފައި މިވާހަކަ މުޢާޒު ގާތުގައި ބުނާށެވެ. ވަރިވާންއެދޭ ވާހަކަ ބުނާށެވެ. އޭނާ ރަމޫދެކެ ލޯބިން ރަމޫ އުފަލުގައި ހުންނަން އެދޭނަމަ ވަރިކޮށްދޭނެކަން ހަމަގައިމެވެ. އަހަރެންގެ ފިރިމީހާދެކެ އަހަރެން ލޯބިވާ ފަދައިންނެވެ. ކޮންމެފަދަ ޙާލެއްގައި ނަމަވެސް އޭނާ އުފަލުގައި ހުރުމަށް އަހަރެން އެދޭފަދައިންނެވެ. ދެމަފިރިންގެ މި ނިންމުން ހަމަޖެހިއްޖެއްޔާ ގޭގެ އެހެންމީހުން މިކަމުގެ ތެރެއަކަށް ނުވަންނާނެއެވެ.]

ރަމްލާ މިހޭންވެފައި އިނެވެ. ޖައްޔިދާ އަނެއްކާވެސް ބުންޏެވެ.

[މިއީ ފިރިހެނުންނަށްޓަކާ ހައްދަވާފައިވާ ދުނިޔެއެކެވެ. ރަމްލާ ނުދެކެމު ހެއްޔެވެ. ފިރިހެނުން ހަމައެއްވެސް ކަމަކާނުލާވެސް އަނބިން ވަރިކޮށްލައެވެ. އަންހެނުންގެ އާދޭހެއް އަޑެއްނާހައެވެ. އެމީހުނާމެދު ރަޙުމެއް ހަމްދަރްދީއެއް ނުބަހައްޓައެވެ. އެއީ އެމީހުންގެ ކުރިމަތީގައި މާކަބޮޑުކަމެއް ނޫނެވެ. ކޮންމެވެސް އެހެން އަންހެނެއްގެ މައްޗަށް ތިމާގެ ހިތް ހިނގައްޖެއްޔާ ހަމަވަގުތުން އަނބިމީހާ ވަރިކޮށްލައެވެ. އެމީހާ ގާތުގައި އެކަމާއިމެދު ސުވާލެއް ކޮށްލާނެ މީހަކުވެސް ނުހުރެއެވެ.... ފިރިހެނުން މިގޮތަށް ކަންތައް ކުރަމުން ގެންދާއިރު އަންހެނުން އެހެން ނަހަދަންވީ ކީއްވެގެން ހެއްޔެވެ؟]

[އަހަންނަކީ ތިޔަކަހަލަ އަންހެނެއްނޫނެވެ.] ރަމްލާ މައިތިރި ކަމާއެކު ބުންޏެވެ. [އަހަރެން މުޢާޒުއާ ވަކިވުމުގެ ޚިޔާލެއް އެއްގޮތަކަށްވެސް ނުކުރަމެވެ.]

[އެކަމަކު ރަމްލާގެ ހިތްބުނަނީ އޭނާއާއި ދުރުހެލި ވުމަށެވެ. ރަމްލާ އޭނާއާއިއެކު އެއްވެސްތާކަށް ނުދަމުއެވެ. އެއްވެސް މީހަކަށް އޭނާ ތަޢާރަފްކޮށެއް ނުދެމުއެވެ. ރަމްލާ އަބަދުވެސް ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ.]

]އެއީ އަހަރެންގެ އަމިއްލަ ކަމެކެވެ. އެހެން މީހަކާ ބެހޭކަމެއްނޫނެވެ.] ރަމްލާ ރޮވިފައިވާ އަޑަކުން ބުންޏެވެ.

[މޮޔައަންހެނާއެވެ. އަހަރެންވެސް މިހެން މިބުނަނީ ހަމަ ރަމްލާއަށްޓަކައެވެ.]

[ޖައްޔިދާއެވެ! ދެން މިހާރު ދާށެވެ!] ރަމްލާ ކަރުނަ ފޮހެލަމުން ބުންޏެވެ.

[ރަމޫއެވެ. އަހަންނަކީ އެންމެގާތް ރަޙްމަތްތެރިޔާއެވެ. ރަމްލާގެ ހަތުރެއްނޫނެވެ. ވިސްނާނެ ވަގުތު އަހަރެން ދޭނަމެވެ. ދެވަނަ މީހަކާ އިނުމަކީ މިއަދުގެ ސޮސައިޓީގައި އައިބުކަމެއް ނޫނެވެ. ރަމްލާއަކީ ޒުވާން އަންހެން ކުއްޖެކެވެ.]

ޖައްޔިދާ އިރުކޮޅަކު ހިމޭންވެލާފައި އަނެއްކާވެސް ބުނަން ފެށިއެވެ.

[މިކަމާމެދު ރަމްލާގެ ތިމާގެ އެންމެން ދެކޮޅު ހަދާފާނެ ކަމުގައި ބިރުހީވަންޏާ އަހަރެމެން ދެމަފިރިން މިތިބީ ރަމްލާއަށް އެހީވުމަށް ތައްޔާރު ވެގެންނެވެ. އަހަރެމެން އެކަން ހަމަޖައްސާނަމެވެ. އަދި އަހަރެމެން ރަމްލާ ރައްކާތެރި ކުރާނަމެވެ.]

[ދެން ހުއްޓާލާށެވެ....] ރަމްލާ ބާރަށް ރޯންފަށައިފިއެވެ. [ޖައްޔިދާއެވެ! ވަރަށްގިނަ ވާހަކަ ދެކެވިއްޖެއެވެ. މިހާރު ދެން ދާށެވެ. ދެން އިތުރަށް އަޑެއް ނޭހޭނެއެވެ.]

ޖައްޔިދާ ހިކި ހިނިތުން ވުމަކާއިއެކު ކޮޅަށް ތެދުވެއްޖެއެވެ.

[މިވަގުތު ރަމްލާ ތިޔައިނީ ހަމަ ހެއެއްގައެއް ނޫނެވެ.... ރަމްލާއެވެ! ފުރަތަމަ ހިލަބުރިން ޖެހޭތަން ބޮޑަށް ހަލާކުވާނެއެވެ. ރަމްލާގެ މަޤާމުގައި އަހަރެން ހުރިކަމުގައި ވިޔަސް ޖެހޭނީ ހަމަތިޔަ ދަތުރެވެ..... ދެން އެންމެ ރަނގަޅެވެ.... ރަމްލާގެ ފިރިމީހާ އައުމާއިމެދު އަދި ދުވަސްކޮޅެއް އެބައޮތެވެ. އެދެމެދުގައި ވިސްނާށެވެ. ގޮތެއް ނިންމާށެވެ.... އަދި ބުނަން ހެއްޔެވެ...... ރަމްލާ ނިންމިގޮތެއް އަހަރެން ގާތުގައި ބުނާށެވެ. އަހަރެމެންގެ ރަޙްމަތްތެރިކަމަށް އެއްވެސް ކަހަލަ ބުރުލެއް އަޔަދީގެން ނުވާނެއެވެ.]

މިހެން ބުނެފައި ޖައްޔިދާ ބޭރަށް ނުކުމެއްޖެއެވެ.

ރަމްލާ ހިތްފުރެންދެން ރޯން އިނެވެ. މިއަދު އޭނާގެ ޙާލަތާމެދު ރުޅިވެސް އަތުވެއްޖެއެވެ. ދެރަވެސް ވެއްޖެއެވެ. ޖައްޔިދާ އެދެއްކީ ކިހާ ޙައިރާންކަން އެކުލެވޭ ވާހަކަތަކެއް ހެއްޔެވެ. މާތް މީހުންވެސް އެކަހަލަ ކަންތައްކުރޭ ހެއްޔެވެ. މީހުން ބުނާނީ ކީކޭ ހެއްޔެވެ. ދުނިޔެ ހީކުރާނީ ކޮންގޮތަކަށް ހެއްޔެވެ.

އެދުވަހު ހަތަރުދަމު އޭނާ ހިތާ ހަނގުރާމަ ކުރިއެވެ. އިރުއިރުކޮޅުން އަމިއްލަ ނަފްސުދެކެ ރުޅިއާދެއެވެ....

ރަމްލާ ރޭގަނޑަށް މުޢާޒުގެ ގެއަށް އަތުވެއްޖެއެވެ. އޭނާގެ މޫނުދެކެފައި މައިދައިތަ ބުންޏެވެ.

]ދަރިފުޅާއެވެ! ކިހިނެއްވީ ހެއްޔެވެ؟]

[ކަމެއްނުވެއެވެ.....] އޭނާ ވަރަށް މަޑުމަޑުން ބުންޏެވެ. ]މިއަދު ހަތަރުދަމު އަޅުގަނޑު އުޅުނީ ބޮލުގައި ރިއްސާތީއެވެ.] މިހެން ބުނެފައި އޭނާ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ފަރުވާތެރި ކަމާއެކު އެރީތި ކޮޓަރިއަށް ބަލާލިއެވެ..... މައިދައިތަ އޭނާގެ ފަހަތުން އައެވެ.....

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން