ޞާދިރު ޢަލީދީދީ   2 މޭ 2021 - 13:49
ވޭނީކަރުނަ
ވޭނީކަރުނަ
82 ވަނަ ބައި

.................

ކަލޭގެ މާދަމާ ނައިއްޔާވާނީ ކިހިނެއް ހެއްޔެވެ. ފިރިމީހާއާއިއެކު އުޅެވޭނީ ހިތްވަރެއް ހުރެގެންނެވެ. ވަރަށްގިނަ ކަންތައްތައް ފެންނަން ޖެހޭނެއެވެ. ކިތަންމެ ފަހަރަކު އަމިއްލައަށް ބިންމަތިން ތެދުވާން ޖެހޭނެއެވެ.

ކަލޭގެ ފިރިމީހާ ކިހާ ރަނގަޅު ހެއްޔެވެ. އޭނާ އެއްފަހަރުވެސް ކަލޭ ބިންމައްޗަކަށް ވައްޓައެއް ނުލައެވެ. މިއީ މިކަހަލަކަމެއް ކަލެއާއި ދިމާވި ފުރަތަމަ ދުވަހެވެ. މިއަދާ ބެހޭގޮތުން ވިސްނާށެވެ. ތިޔަގޮތަށް އިނަކަސް ކަލޭ ރުއްސާކަށް އޭނާ ނާންނާނެއެވެ. ތިޔަގޮތަށް މަތިހަށި ނަގައިގެން ނުއިންނާށެވެ. ބަރުޖެހިފައިވާ ގޮފިގަނޑެއް ފަދައިން އޭނާގެ ކުރިމަތީގައި އިސްދަށަށް ޖަހާލާށެވެ.

މިއަދު ރުންސަންވީ ކާކު ހެއްޔެވެ. ރެއަށްފަހު އެކަހަލަ އެހެން ރެއެއް އަޔަނުދޭށެވެ.

ލޯހުޅުވާށެވެ.

އެތައްދުވަހެއް ވަންދެން ރަމްލާގެ މޫޑުގޯސްވެފައި ހުއްޓެވެ. ހިތްހެޔޮ ކަމާއިއެކު މުޢާޒަކާ ވާހަކައެއް ނުދައްކައެވެ. އަދި ހިތްހެޔޮ ކަމާއިއެކު އޭނާގެ އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެއެވެ. މުޢާޒުގެ ކޮންމެކަމެއް އޭނާކުރަނީ ރުޅިއައިސްގެން ހުރެގެންނެވެ. އެތައް ފަހަރަކު މުޢާޒުގެ ކުރިމަތީގައި އޭނާ ކުޑަދަރިފުޅުގެ ގައިގައިވެސް ތެޅިއެވެ. އެކަމަކު އޭނާގެ މިޢަމަލުން މުޢާޒަކަށް އެއްވެސް އަސަރެއްނުކުރިއެވެ. އޭނާ ހުންނަނީ އަބަދުގެ އާދަފަދައިން މަޑުމައިތިރި ކަމާއިއެކު ހިމޭނުންނެވެ. އެކަހަލަ ކޮންމެ ވަގުތަކު އޭނާ މަޢޫޒުނަގާ އުރާލައެވެ. ލޮއްސަން މަސައްކަތް ކުރެއެވެ. ފަހަރެއްގައިވެސް ކުދިންގެ ގައިގައި ތަޅަނީ ކީއްވެގެންތޯ ސުވާލެއް ނުކުރެއެވެ.

ގޭގެ ހުރިހާ ކަމެއްވެސް އާދައިގެ މަތިން ހިނގަމުން ދިޔައެވެ. އެކަމަކު ބައެއް ފަހަރަށް ރަމްލާ ރުޅިހަދާލައެވެ. އޭނާ ބޭނުންވަނީ މުޢާޒު ރުޅިއަރުވާ ލުމަށެވެ. އޭނާއާ އަރާރުން ވުމަށެވެ. އޭރުން ރަމްލާއަށްވެސް ހިތުގައިވާ ރުޅިގަނޑު ބޭރުކޮށްލުމުގެ ދަނޑިވަޅު ލިބިދާނެއެވެ. ރަމްލާވެސް ބަހަނާއަކާ ލައިގެން ހާސްކަން ބޭރުކޮށްލަން ބޭނުންވެއެވެ. އޭނާ ބޭނުންވަނީ ދެމަފިރިން އަރާރުންވާގޮތަށް ރަނގަޅަށް އަރާރުން ވެލުމަށެވެ.

އެއްފަހަރަކު މުޢާޒުވެސް އޮތީ މިގޮތަށް އަރާރުން ނުވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އަރާރުންވެ ތަޅާފޮޅުމަކީ ގަދައަށް ލޯބިވުމުގެ ހެއްކެކެވެ.

ލޯބީގެ ހެއްކެއްގެ ގޮތުން އަހަރެން އޭނާއާ އަރާރުންވާންވީ ހެއްޔެވެ. އެކަހަލަ ވިޔާނުދާ މީހުންނަކީ އެއްވެސް ގޮތަކަށް ގުޅެން ހެޔޮވާ ވަރުގެ ބައެއްނޫނެވެ.

މިހާރު މުޢާޒުގެ ހުރިހާކަމާއިމެދު އޭނާއަށް ޝައްކުކުރެވެން ފަށައިފިއެވެ. ކުރިންވެސް ކިތަންމެ ފަހަރަކު އޭނާ ރަސްމީގަޑީގައި އޮފީހުން އައިސްފައިވެއެވެ. އޭރު އެކަމާއިމެދު އޭނާ އުފާވެއެވެ......... މުޢާޒު ވަރުބަލިކަމާއެކު ގެއަށްވަދެފައި ރަމްލާއާ ސަމާސާ ކޮށްލައެވެ. ރަމްލާވެސް ހިތާހިތުން ކޮންމެވެސް އެއްޗެކޭ ބުނެލަން އެދެއެވެ. އެކަމަކުވެސް އޭނާ ތައްބައްދައިގެން އިންނަނީއެވެ.

[މިއަދު އޮފީހަށް ބޭރުގައުމަކުން ޓީމެއް އައީއެވެ. މުޢާޒު ބުނެލައެވެ. އެހެންނޫނީ ކޮންމެވެސް އެހެން ބަހަނާ އަކުން ފޫބައްދާލައެވެ. ރަމްލާ އަޑުއަހަން އިނދެއެވެ.

އެކަމަކު މިއަދު މުޢާޒު ގެއަށް އައުން ލަސްވާހިނދު ރަމްލާ ކަންބޮޑުވެއެވެ. އެތައް ވައްތަރެއްގެ ވަސްވާހަކުން އޭނާއަށް އުނދަގޫވެއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. މަގުމަތިން ކާރެއް ހުރަސްކޮށްފިއްޔާ އޭނާގެ ހިތުގެ ވިންދު އަވަސް ވެގަނެއެވެ.

މިހާރަކަށްއައިސް މުޢާޒު ރޭގަނޑުވެސް ގެއަށްއައުން ލަސްކުރަން ފަށައިފިއެވެ. ރަމްލާ ކާންހަދައިގެން މުޢާޒުގެ އިންތިޒާރުގައި އިނދެއެވެ..... މިގޮތަށް އޭނާ އިންދާ މަޢޫޒު ނިދައެވެ. މުޅިގެއަށް ހިމޭކަން ވެރިވެއެވެ. ހުރިހާ ނޯކަރުން އެމީހުންގެ ކްއާޓަރ ތަކަށްގޮސް ނިމިދެއެވެ. އެއާއިއެކު އޭނާ މުޅިގެ ދެކެ ބިރުގަންނަން ފަށައެވެ. މައިދައިތަ އިންނައިރު ދުވާލު ހަތަރުދަމު ރަމްލާ އިންނަނީ މައިދައިތަ ކައިރީގައެވެ. އަބަދުވެސް އުޅޭނީ ކޮންމެވެސް ވާހަކައެއްގެ ތެރޭގައެވެ. އޭނާ އެއްގޮތަކަށްވެސް މުޢާޒަކާ އެހާގިނައަކުން ވާހަކައެއް ނުދައްކައެވެ. މިހާރު މަންމައެއްވެސް ނެތެވެ. އެހެންކަމުން ރޭގަނޑު އޭނާ އުޅެންޖެހެނީ ހާސްކަމުގެ ތެރޭގައެވެ. ކޮންމެވެސް މީހަކާ ގަދައަށް ވާހަކަ ދައްކައިގަތުމުގެ އުއްމީދުތައް އޭނާގެ ހިތުގައި ހޭލައި ގަނެއެވެ. މުޢާޒުވެސް މިހާރު އެހާގިނައިން ވާހަކައެއް ނުދައްކައެވެ. ތަންކޮޅެއް ކުރިން އޭނާއަށް ގެއަށް އާދެވިއްޖެއްޔާ މަޢޫޒުއާއިއެކު އިރުކޮޅެއް ވަންދެން ކުޅެން އުޅެއެވެ. ދެން ކެއުމުގެ ކަންތައް ނިންމުމަށްފަހު ސްޓަޑީރޫމަށް ހިނގައިދެއެވެ.

މުޢާޒު އައިސް ގެއަށް ވަނުމާއިއެކު ހިނިތުން ވެލާފައި ރަމްލާއަށް ބަލާލައެވެ. ދެން ފަރި ހިނގުމެއްގައި އައިސް ވަރަށް ލޯތްބާއިއެކު ކައިރީގައި އިށީނދެލައެވެ. އެއާއިއެކު އަސަރު ކުރުވަނިވި ގޮތަކަށް ނުބެލައެވެ.

މުފާކުރާށެވެ. ރަމޫއެވެ! މިއަދު ހަމަ ރަނގަޅަށްވެސް ލަސްވެއްޖެއެވެ. ޒަމާންވީ ރަޙްމަތްތެރިން ކޮޅަކާއިއެކު ހޮޓަލަށް ގޮސްލަން މަޖުބޫރުވީއެވެ.

ދެން ވާހަކައިގައި ޖެހިފައި އެތަނުގައި ތިބެވުނީއެވެ.

އަނެއްކާވެސް މުޢާޒު އަހާލިއެވެ.

ރަމްލާ ކައިފިން ހެއްޔެވެ.

ނޫނެކެވެ..... ރަމްލާ މަޑުމަޑުން ބުނެލިއެވެ.

ރަމޫއެވެ! ކަލޭ އަހަރެންގެ އިންތިޒާރުގައި ނުކައި ނުއިންނާށެވެ. ކައިގެން އިންނާށެވެ. ތެދުވާށެވެ. އަވަހަށް ކާންދާށެވެ. ހިނގާށެވެ. އަހަރެންވެސް ދާނަމެވެ.

އޭނާ ތެޅިގެންފައި ތެދުވެއެވެ. ދެން އޭނާ ގޮތަށް ރުޅިއާދެއެވެ. މުޢާޒުގެ ކުރިމަތީގައި އެހާފިނޑިވެގެން ރަމްލާ އެއިންނަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ސާފުބަހުން މުޢާޒުއާއި ސުވާލުކޮށްލަން ނުކެރިފައި އެއިންނަނީ ކީއްވެގެން ބާވައެވެ.

އެކަމަކު އަރާރުން ވެލާނެގޮތެއް އޭނާއަކަށް ނޭނގެއެވެ. މުޢާޒު ކަމާނުބެހޭ ދެތިންޖުމްލައެއް ބުނެލާފައި ހިނގައި ދާނެއެވެ. ރަމްލާ ރުޅިއައިސް ރަތްވެފައި އިންނަނީނެވެ.

ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ކޮންމެވެސް އަންހެނަކު މުޢާޒަށް ފޯނުކުރިއެވެ. ކުރީގައިވެސް ވަރަށްގިނަ ފަހަރަށް މުޢާޒަށް އަންހެނުން ފޯނުކުރެއެވެ. އެކަހަލަ ފޯނުތައް ރަމްލާވެސް ނަގައެވެ. މަންމަވެސް ނަގައެވެ. އެއީ ހަމަގެއާއިގުޅޭ ކޮންމެވެސް ކަމަކާއިބެހޭގޮތުން ނުވަތަ އޮފީހުގެ ކޮންމެވެސް ކަމެއްގައި މަޢުލޫމާތު ސާފުކުރަން އެދި އަންނަ ފޯނު ކޯލުތަކެވެ. އެކަމަކު އެއްވެސް ފަހަރަކު ރަމްލާ އެއީ ނުބައެކޭ ހީކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް އަންހެނަކު ފޯނުކޮށްފިއްޔާ ކޮނެކޮނެގެން އެމީހެއް ހުރިހާ މަޢުލޫމާތެއް ސާފުކުރެއެވެ. އަދި މުޢާޒުއާ ގުޅަން ބޭނުންވަނީ ކީއްވެގެންތޯވެސް ސުވާލުކުރެއެވެ.

ރަމްލާ ސިއްރުން މުޢާޒުގެ ފޯނުގެ އަޑުއަހަން ހުރެއެވެ. ފޯނުކުރަނީ ކާކަށްތޯއާއި ދައްކަނީ ކޮން ވާހަކައެއްތޯ ބަލައެވެ..... އޭނާ މުޢާޒުގެ ޖީބުތައް ފާސްކުރެއެވެ. އެކަމަކު ހަމައެއްވެސް ގޮތަކަށް މުޢާޒު މީހަކު ދެކެ ލޯބީންކޮށްފައިވާ އެއްވެސް ކަމެއްގެ ހެއްކެއް ނުފެނެއެވެ. އެހެންކަމާއެކުވެސް އޭނާ އިންނަނީ އަބަދުމެ އަނދައަނދައެވެ.

އެއްދުވަހަކު މުޢާޒަށް މެންދުރު ކާންދޭން އުޅެމުން ވަރަށް ނުކުޅެދޭ ފަދަ ރާގަކަށް ރަމްލާ ބުންޏެވެ.

[ރުޚްސާނާއަކީ ކާކުތޯއެވެ.......؟]

މިހެން ބުނެ ނިންމާލުމަށްފަހު ޚުދް ރަމްލާ ޙައިރާންވިއެވެ. އޭނާއަށް ބުނެވުނީ އަންބަކު ފިރިމީހާ ގާތުގައި ބުނާ ކަހަލަ ގޮތަކަށެވެ.

މުޢާޒު އަނގައަށް ސުވައެއްލާފައި އިސްއުފުލާ ބަލާލިއެވެ.

ދެން އަނެއްކާވެސް ރަމްލާ ބުންޏެވެ.

[ވަރަށްގިނައިން މުޢާޒަށް ފޯނުކުރެއެވެ. އަދި މުޢާޒުގެ ޢަމަލުތަކާ ބެހޭގޮތުންވެސް ސުވާލުކުރެއެވެ.]

[އަންހެނެއް ދޯއެވެ......]

މުޢާޒު ބުންޏެވެ.

[އެއީ ކޮން އަންހެނެއް ތޯއެވެ؟]

މިހެން އަހާލަމުން ރަމްލާގެ އަޑު ހަރުކަށި ވެއްޖެއެވެ.

މުޢާޒު ޙައިރާން ކަމާއިއެކު ރަމްލާއަށް ބަލާލިއެވެ. އަދި ޖަވާބުދިނުމުގެ ބަދަލުގައި ކާންފެށިއެވެ.

[އެއީ ކޮންއިރަކުއްސުރެ ގުޅުން އޮންނަ އަންހެނެއް ތޯއެވެ.]

ހީވާގޮތުން މިހާރު ރަމްލާ އެއުޅެނީ ރަނގަޅަށް އަރާރުން ވާންވެގެންނެވެ.

[ތިޔަކުރަނީ އެއްވެސް މާނައެއްހުރި ސުވާލުތަކެއް ނޫނެވެ.] މުޢާޒު ބުންޏެވެ. [ވިޔަފާރީގެ ދުނިޔޭގައި އެތައްހާސް އަންހެނުންނަކާ ގުޅުން އުފައްދަން ޖެހެއެވެ. މީހަކު ފޯނެއްކޮށްފިއްޔާ އެއިން ދޭހަވަނީ އެމީހަކު ކޮންމެވެސް ކަމަކަށް ބޭނުންވެފައިވާކަމެވެ.]

[އޭނާ މުޢާޒުއާ ބެހޭގޮތުން ވަރަށްގިނަ ސުވާލުކުރިއެވެ.]

މުޢާޒު ހިނިތުންވެލިއެވެ.

[ރަމްލާ އެކަމާ ފިކުރުކުރަނީ ކީއްވެގެން ހެއްޔެވެ. ރަމްލާގެ ފިރިމީހާއަކީ ސިފަހުތުރު މީހެކެވެ. މިމީހާއާއިމެދު ފަރުވާލެއް ބަހައްޓާނީ ކާކުހެއްޔެވެ.] މުޢާޒުގެ އަޑުގައިހުރީ މަލާމާތުގެ ރާގެވެ. އެކަމަކު ރަމްލާގެ އެތެރެހަށީގައިވަނީ އަލިފާން ހިފާފައެވެ. އެހެންކަމުން މުޢާޒުގެ ވާހަކައާއިމެދު ވިސްނާލުމަކާ ނުލާ ބުންޏެވެ.

[އެއީ ވަރަށް ރީތި އަންހެނެއް ތޯއެވެ.......]

މުޢާޒު އިސްޖަހާލިއެވެ. ދެން ބަނޑަށް އިނދެ ހޭން ފަށައިފިއެވެ. އަދި ހެމުން ކަމުން ގެންދިޔައެވެ.

މުޢާޒު މިގޮތަށް ކާންފެށުމުން ރަމްލާ ވަރަށްބޮޑަށް ރުޅި އަތުވެއްޖެއެވެ.

ކޮންމެއަކަސް މުޢާޒު ކައި ނިންމައިފިއެވެ. ތުވާލުން އަތް ފޮހެލިއެވެ. ދެން ތަށި އެއްފަރާތަކަށް ޖައްސާލާފައި މޭޒުމަތީގައި އުޅަނބޮށި ޖައްސާލަމުން ރަމްލާގެ ލޮލަށް ބަލާލިއެވެ. އޭނާ ބުންޏެވެ.

[އަންހެނުންގެ އެންމެ ރަނގަޅުކަމަކީ އެމީހާ ރީތިވުން ހެއްޔެވެ.]

ރަމްލާ އިސްޖަހާލިއެވެ. އޭނާގެ މޫނުގެ ކުލަ ރީނދޫވެއްޖެއެވެ. ލަދުވެތިކަމުގެ ރާޅެއް އޭނާގެ ހިތުގައި އުފެދުނެވެ. އަދި އެރާޅު އޭނާގެ ސިކުނޑިއާހަމައަށް ދަތުރުކޮށްފިއެވެ. އޭނާއަށް ހީވީ މުޢާޒު އޭނާގެ މޫނުމަތީގައި ބޮނޑިއެއް އެޅިހެންނެވެ.

ރަމްލާ ނިޔަފަތިން މޭޒުގެ ކަނުގައި ކޮއްޓަން ފަށައިފިއެވެ...... މުޢާޒު ދޮންކެޔޮވަކެއް ނަގައިގެން ކާން ފަށައިފިއެވެ.

ތަނަށް އޮތީ ހިމޭންކަމެއް ވެރިވެފައެވެ. އެ ހިމޭންކަން ކަނޑުވާލީ މުޢާޒެވެ.

[އަންހެނުން ހީކުރަނީ ފިރިހެނުން މަރުދެނީ ހަމައެކަނި ރީތި އަންހެން ކުދިންގެ މައްޗަށް ކަމުގައި ހެއްޔެވެ. އެމީހުން ދެކޭގޮތުގައި ފިރިހެނުންގެ ބަލިފަޔަކީ ރީތި މޫނުތަކެވެ. މިއީ ދޮގެއް ހެއްޔެވެ؟]

ރަމްލާ ހިމޭންވެއްޖެއެވެ.

މުޢާޒު އަރާމުގައި އިނދެ ކެޔޮވައް ކާލައިފިއެވެ. އަތް ފޮހެލިއެވެ. ދެން ކޮޅަށް ތެދުވެއްޖެއެވެ. އަދި ފަޓުލޫނު ޖީބަށް އަތްކޮށްޕާލާފައި މާތްގޮތަކަށް ހިނިތުން ވެލިއެވެ. ދެން ބުންޏެވެ.

[ރަމޫއެވެ. ރީތި އަންހެނުންނަކީ އަނެކުންގެ އިޙްސާސްތައް ރަނގަޅަށް ދަންނަ އަންހެނުންނެވެ.]

ދެން އޭނާ ބޭރަށް ނުކުމެއްޖެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 254 އިން 256 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން