ޞާދިރު ޢަލީދީދީ   1 މޭ 2021 - 14:12
ވޭނީކަރުނަ
ވޭނީކަރުނަ
81 ވަނަ ބައި

.................

ރަނގަޅު ކަންތައްތަކުގެ އޮށްފަޅަނީ އެންމެ ފުރަތަމަ ތިމާގެ ހިތުގައެވެ. ލޯތްބަކީ ތިމާގެ ހަށިގަނޑުން އެންމެ ފުރަތަމަ ނިކުންނަ ޢިޝްޤީ ދަޅައެއް އުފައްދާ އިރެވެ.

މުޢާޒެވެ! ކަލޭ ކިހާ ރަނގަޅު ހެއްޔެވެ. ތިޔައީ މަންމަގެ ލޯބިވާ ދަރިފުޅެވެ.

ކަލޭގެ ނޭވާއިން ޖައްވުގެ މީރުވަސް އާދެއެވެ.

މުޢާޒެވެ! އަހަރެން މިހާރަކަށް އައިސް ކޮންމެ ރެއަކުވެސް ނިދަނީ އެމީރުވަހުގެ އުނދޯލީގައި އޮވެގެންނެވެ. މުޢާޒެވެ! ކަލޭ ތިޔަހާ ވިޔާނުދާ ކަމެއްކުރީ ކީއްވެގެން ހެއްޔެވެ؟

ރަމްލާ ބާލީހުގައި ބައްދައިގެން އޮވެ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ.

ލޮލުފިޔަ ޖެހުމާއިއެކު މަޢޫޒު ރޮއިގަތް އަޑަށް ލޯ ހުޅުވިއްޖެއެވެ. އޭނާ ކުއްލިއަކަށް ތެދުވެ އަށީނދެއްޖެއެވެ. ދެން އެނދުން ފައިބައިގެންގޮސް ބުއްފުޅި ތައްޔާރު ކޮށްލިއެވެ. އަވަސް އަވަހަށް އައިސް މަޢޫޒުގެ ތުނބުގައި ބުއްފުޅި ޖެއްސިއެވެ. އެއާއެކު އެސޮރު ދެއަތުން ފުޅީގައި ހިފެހެއްޓިއެވެ.

ރަމްލާ ދޮރުހުޅުވާލާފައި ބޭރަށް ނުކުތްއިރު ޖެހިގެންހުރި ކޮޓަރީގައި މުޢާޒު ނިދާފައިއޮތެވެ. އޭނާއައީ ކޮންއިރަކު ހެއްޔެވެ. އޭނާ ވަގުތުން ފާރުގައިހުރި ގަޑިއަށް ބަލާލިއެވެ. ފަތިހު ފަސްގަޑި ބައިވީއެވެ. އޭނާއައީ ފަތިސްވުމުގެ ކުރިން ކަންނޭނގެއެވެ. ރަމްލާ ފަރުވާތެރި ކަމާއިއެކު ނިދާފައި އޮތް މުޢާޒަށް ބަލާލިއެވެ. މިހާރު އޭނާ އޮތީ ހެދުންވެސް ބަދަލު ކޮށްގެންނެވެ.

މުޢާޒު ހެދުން ބަދަލުކުރީ ކޮންއިރަކު ހެއްޔެވެ؟!...... ރަމްލާ ޙައިރާން ވެއްޖެއެވެ. މެންދަމުން އަލިވެ ތިނެއް ޖަހަންދެން އޭނާ އޮތީ ފުރޮޅި ފުރޮޅިއެވެ. މީހަކުއައިސް ގޮސްވާއިރު ހިލަމެއްނުވާހާ ވަރަކަށް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ.

ރަމްލާ ރުޅި އަތުވެއްޖެއެވެ. މުޢާޒުގެ އިސްތަށިގަނޑުގައި ހިފާ ހޭލައްވާލުމަށް ރަމްލާގެ ހިތަށްއެރިއެވެ. އޭނާގެ މޫނުމަތީގައި ތަފާލެއް ޖެހުމަށް ހިތަށް އެރިއެވެ.

ކަންބޮޑުވެފައި އޭނާ ގޯތިތެރެއަށް ނުކުމެއްޖެއެވެ......

ފަތިސްވެއްޖެއެވެ.. އިރުއަރަން ތައްޔާރުވަނީއެވެ. ކޮންމެ މަންޒަރެއް މޯޅިއަކަށް ދެމިލާފައި ހޭލައި ގަންނަނީއެވެ.

ބޭރުގައިވަނީ މުޅިން އައު މޫސުމެކެވެ. އޭނާގެ އެތެރެހަށީގައި މުޅިން އައުމޫސުމެއް ވެރިވެފައިވާ ފަދައިންނެވެ.

އޭނާ ރޭހަތަރުދަމު އޮތީ ރުޅިއައިސްގެން ކެކިކެކިއެވެ. އެކަމަކު މިހާރަކު އެކަމެއްނެތެވެ. އެހެނީ އޭނާގެ އެތެރެ ހަށީގައި މިހާރުވަނީ އަޖައިބެއްފަދަ ޖޯޝެއް އުފެދިފައެވެ.

މިހާރު އޭނާ މުޢާޒުދެކެ ވަރަށް ޙައިރާންކުރުވާ ޒާތެއްގެ ރުޅިއެއް އާދެއެވެ.

އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ..... ކީއްވެގެން ހެއްޔެވެ.

ދުރުދުރުގައި އުދުހި އުދުހި ތިބިދޫނިތައް އެސޮރުމެންގެ ބަހުރުވައިން ސުވާލުކުރިއެވެ.

އަހަރެން އޭނާއާއިމެދު އެއްވެސް ފުރަވާލެއް ނުބަހައްޓަމެވެ. އެކަހަލަ ސިފަހުތުރު ފިރިހެނަކާ އަހަންނާ އޮންނާނީ ކޮންގުޅުމެއް ހެއްޔެވެ. އަހަރެން އޭނާއާއިމެދު އެއްވެސް ގުޅުމެއް ނުބަހައްޓާނަމެވެ. އިސްއުފުލާފައި ބަލައެއްވެސް ނުލާނަމެވެ. ވާހަކައެއްވެސް ނުދައްކާނަމެވެ. އޭނާ އަހަރެންގެ ދާނަށް އަނގުރު އަލިފާން އަޅަނީ ކަމުގައި ވެއްޖެއްޔާ އަހަރެންވެސް އޭނާއާ ނުލާ އުޅެފާނަމެވެ. މިހެން އޭނާ ގާތުގައި އަހަރެން ބުނާނަމެވެ.

ރުޅިއައިސްގެން ފުފިފައި އޭނާ އެތެރެއަށް އަތުވެއްޖެއެވެ.

މުޢާޒު ބަންޑުން އޮތެވެ.

އެވަގުތު ތަންކޮޅެއް ކުރީ ދުވަހަކު އަވަށްޓެރިއަކު އައިސް އޭނާގެ ފިރިމީހާ ރޭގަނޑުލަހުން ގެއަށް އަންނާތީ އެކަމާ ބެހޭގޮތުން މައިދައިތަ ގާތުގައި ދެއްކި ވާހަކަތަކާ އޭގެ ޖަވާބުގައި މަންމަ ދެއްކި ވާހަކަތައް އޭނާގެ ހަނދާނަށް އައެވެ.

ރަމްލާ އަނެއްކާވެސް ބޭރަށް ނުކުމެއްޖެއެވެ..... ބަދިގެއަށްގޮސް މަސައްކަތް ފަށައފިއެވެ. މިއަދު މައިދައިތަ ހުރިނަމަވާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. މިއަދު ނެތްކަން އެއީ ޝުކުރުވެސް ކުރާވަރުގެ ކަމެކެވެ. އެހެނީ އޭނާ ހުންނައިރު މުޢާޒަށް ފަހަރެއްގައިވެސް ރޭގަނޑު ބޭރުގައި އުޅުމުގެ ހިތްވަރެއް ނުލިބެއެވެ. ގޭގައި ދުވަސްވީ މަޔަކު އިނުމަކީ ކޮންމެހެން ބޭނުން ކަމެއްކަން އޭނާއަށް އެނގުނީ ދެނެވެ.

މުސްކުޅިންނަކީ ގޭގެ ސަލާމަތެވެ. އެމީހުން ގޭގެ ފަރުދާ ތިރިކޮށްގެން ތިބެއެވެ.

އަހަރެމެން ކިތަންމެ ނުލަފާކޮށް އުޅުނަސް މުސްކުޅިންގެ ކުރިމަތީގައި އިސްޖަހަމެވެ.

މަންމަ ހުރިނަމަ މުޢާޒަށް އެހެން ހަދާކަށް ނުކެރޭނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން މުޢާޒު މަންމަ ކައިރީގައި ވަގުތުކޮޅެއް ހޭދަކުރެއެވެ. ފައި މޮޑެދެއެވެ. ބޯމޮޑެދެއެވެ. މަންމަ އެކަން މަނާކުރެއެވެ. އެކަމަކު މުޢާޒު ކޮންމެހެންވެސް މަންމަގެ ކޮޓަރިއަށް ނުގޮހެއް ނުނިދާނެއެވެ. އެހެނިހެން އަނބިން ފަދައިން ރަމްލާ މިކަމަކާ ރުޅިއެއް ނުދައްކައެވެ. އަދި ހަސަދަވެރިކަމެއް އިޙްސާސެއް ނުކުރެއެވެ. އާނއެކެވެ! އެކަމާ އޭނާ އަޖައިބުވާކަން ހަމަގައިމެވެ. އެހެނީ އޭނާގެ ބޭބެ އެގޮތަށް ކަންތަކެއް ނުކުރެއެވެ. މަންމަ ނިމިގެން ދިޔައީވެސް އޭނާ ދެކޭހިތުން އެކަމުގެ ހިތާމައިގައެވެ.

މުޢާޒަކީ އެހެން ފިރިހެނުންނާ މުޅިން ތަފާތު މީހެއްކަން ރަމްލާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އޭނާގެ ކިބައިގައި އެކުލެވިފައި ހުރީ ބޮޑެތި މީހުންގެ އާދަކާދައެވެ. ރަމްލާ އެކަންތައްތަކަށް ގަދަރެއް ނުކުރިއެވެ. މުޢާޒު އެގޮތަށް ހަލާކުވެގެންދިޔައީ ހަމަ ރަމްލާގެ ސަބަބުންނެވެ. ރަމްލާގެ ހުތުރު އާދަތަކުގެ ސަބަބުންނެވެ. ރަމްލާގެ ސްލޫކުގެ ސަބަބުންނެވެ. ޢާއްމުންގެ ސަފަށް މުޢާޒު ވަންނަން ޖެހުނީ ރަމްލާގެ ފަރުވާޑުކަމުގެ ސަބަބުންނެވެ.

ރަމްލާ ބަދިގޭގައި އެކިއެކި ކަންތައްތައް ކޮއްލަ ކޮއްލާ ހުއްޓެވެ. އެކަމަކު ސިކުނޑިއޮތީ މުޢާޒުއާއިވީ ފަރާތުގައެވެ.

އޭނާ ބޭރަށްނުކުމެ ބަލާލިއެވެ. މުޢާޒު ތެދުވެގެން ފެންވަރާ ކޮޓަރިއަށް ހިނގައްޖެއެވެ. ރަމްލާވެސް އެތެރެއަށް އައިސް ނާސްތާ ތައްޔާރުކުރަން ފަށައިފިއެވެ.

އެކަހަލަ މީހަކަށް ނާސްތާ ހަދާދޭންވީ ކީއްކުރަން ހެއްޔެވެ. ހިލޭ އަންހެނެއްގެ ގާތަށް ގޮސްފައިވާ މީހަކާ ދޭތެރޭ ކަމޭހިތަންވީ ކީއްކުރަން ހެއްޔެވެ. ސާފުކޮށް ބުނާށެވެ. މިއަދުން ފެށިގެން ކަލެއަށް އެއްވެސް ޚިދްމަތެއް އަދާކޮށް ނުދޭނަމޭ ބުނާށެވެ.

އޭނާގެ ހިތް މިހެންބުނުމާއިއެކު މޭގައި ކަރަންޓް އުފެދުނު ކަހަލައެވެ. އަމިއްލަ ފިރިމީހާ އެހެންއަންހެނަކާ ޙަވާލުކުރުމަކީ ކިހާ ދަތިކަމެއް ހެއްޔެވެ. އެވަގުތު އޭނާ ފިރިމީހާއާއި ދަރިފުޅުގެ ތަފާތު ވަޒަން ކޮށްލިއެވެ.

މާތްކަންބޮޑީ ކުއްޖާގައި ހެއްޔެވެ. ނުވަތަ ފިރިމީހާގައި ހެއްޔެވެ.

އެއްގޮތަކަށްވެސް ނޭނގެއެވެ. ރަމްލާގެ ހިތްތެޅެން ފަށައިފިއެވެ. ކުދިންނަކީ ތިމާގެ ފުރާނައާއިގުޅިފައިވާ ބައެކެވެ. އެކަމަކު ފިރިން އެމީހުންގެ ޒާތުގައި އެހާ ގާތްކަންބޮޑީ ކީއްވެގެން ހެއްޔެވެ. ފިރިހެން ކުއްޖަކު ހުރިއްޔާ އޭނާ މީހަކާ އިނުމަށްފަހު ވަކިވެގެން ހިނގައިދާނެކަން އެނގެއެވެ. އަދި އަންހެން ކުއްޖަކުނަމަ އޭނާވެސް ކޮންމެވެސް ދުވަހަކުން މަންމަ ދޫކޮށްފައި ހިނގައި ދާނެއެވެ..... އެކަމަކު ފިރިމީހާ......

ރަމްލާ ނާސްތާ ތައްޔާރުކޮށް މޭޒު މައްޗަށް ކާންހެދުމުން އާދައިގެ މަތިން މުޢާޒު ތައްޔާރުވެލައިގެން އައިސް މޭޒުދޮށުގައި އިށީނދެއްޖެއެވެ. އޭނާ ލައިގެންހުރީ ވަރަށް ރީތި ކޯޓެކެވެ. އަރައިގެންދިޔަ މީރުވަހެއްގެ ސަބަބުން ބަނޑުފުރިގެން ދިޔަ ކަހަލައެވެ.

ރަމްލާ އިސްއުފުލާ ބަލާލިއެވެ. އެކަމަކު ސަލާމެއް ނުކުރެއެވެ. ރަމްލާއަށް ހީވީ އޭނާގެ ރަސްކަމުން ބައެއް އެހެން ބައެއްގެ އަތްދަށަށް ދިޔައީ ކަމުގައެވެ. އެކަމުގެ އަސަރު އޭނާގެ މޫނުމަތިން ފާޅުވެ ފެންނަން ހުއްޓެވެ.

ނިތްކުރިއަށް ރޫތަކެއް އަރުވައިގެން ކުރިމަތީގައި ހުރި ގޮނޑީގައި ރަމްލާ އިށީނދެއްޖެއެވެ.

އާދައިގެ މަތިން ރަމްލާ ފަރާޓާ ތަށްޓާއި ބިސްތަށި މުޢާޒުގެ ކުރިމަތީގައި ބެހެއްޓިއެވެ. ތަންކޮޅެއް ބާރަށެވެ. އޭނާގެ މިއާދައާއިމެދު މުޢާޒު އިސްއުފުލާފައި ބަލާލިއެވެ.

ދެން ހިނިތުން ވެލާފައި ބުންޏެވެ.

[މިއަދު ސައެއް ނުހަދާނަން ހެއްޔެވެ؟]

ކޮންމެ ދުވަހަކުވެސް ސައިހަދައިދެނީ ރަމްލާއެވެ. އޭނާ އަވަހަށް ސައިހަދަން ފަށައިފިއެވެ. މިފަހަރު ސައިތަށިވެސް ދިއްކޮށްލީ ކުއްލިއަކާ އެކުގައެވެ. މުޢާޒު ހިނިތުން ވެލިއެވެ. އެކަމަކު އެކައްޗެކެވޭސް ނުބުނެއެވެ. ރަމްލާ ޙަރަކާތެއްނެތި އިނެވެ. ކަލެއަށް ވެފާ ތިހިރީ ކިހިނެއްހޭވެސް އޭނާ އަހާނުލައެވެ..... އޭނާގެ ރުޅިގަނޑު ފާޅުކުރެވޭނީ ކިހިނެއް ކަމެއް ނޭނގެއެވެ.

ވަރަށް ހިމޭނުން އިނދެ ނާސްތާ ކޮށްގެން މުޢާޒު ތެދުވެއްޖެއެވެ.

ކޮންމެ ދުވަހަކުވެސް ނުކުމެގެން ދަމުން ކޮންމެވެސް މިންވަރަކަށް އޭނާ ރަމްލާއާއި ވާހަކަ ދައްކައެވެ. އެކަމަކު މިއަދު އެކައްޗެކޭވެސް ނުބުނެއެވެ. ފަހަރެއްގައިވެސް މޫޑު ގޯސްވެގެނެއް ނޫނެވެ. އެހެނީ މިއަދު އޭނާ ފެންނަނީ ވަރަށް ތާޒާ ގޮތަކަށެވެ..... އޭނާއަށް ރަމްލާއަށްވުރެ ރީތި ސޫރައެއް ފެނުނީ ކަންނޭގެއެވެ. އަދި އެސިފަ އޭނާގެ ހިތަށްނެގީ ނޫންކަމެއްވެސް ނޭނގެއެވެ.

ދެން އޭނާ ބޭރަށް ނުކުމެއްޖެއެވެ.

ރަމްލާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީއެވެ. ދެން މަޑުމަޑުން މޭޒުމަތީގައި ހުރި ތަށިތައް ނަގަން ފަށައިފިއެވެ.

ކާރު އިސްޓާޓު ކޮށްލިއަޑު އިވިއްޖެއެވެ. ދެން އިވުނީ ކާރު ނުކުމެގެން ދިޔަ އަޑެވެ. އެވަގުތު ރަމްލާއަށް ހަމަބާރަށް ރޮއިގަނެވުނެވެ.

މިއަދު ފުރަތަމަ ފަހަރަށް އޭނާ މުޢާޒު ކޮއްޕާ ދުރަށް ފޮނުވާލި ފަދައަކުންނެވެ.

މިހާރު ދެންތިޔަރޮނީ ކޮންރުއިމެއް ހެއްޔެވެ. ކަލޭ އޭނާއާއިމެދު ރަނގަޅަށް ހިތީ ކޮންއިރަކު ހެއްޔެވެ. ލޯބިވުމުގެ ވައްތަރަކީ ތިޔައީ ހެއްޔެވެ.

މިއަދު އޭނާއާއި ދޭތެރޭ ކަލޭ ކަންތައްކުރި ގޮތުން ދެވަނަ ފަހަރަށް އޭނާ ކަލެއާއިމެދު އެއްވެސް ފަރުވާލެއް ބަހައްޓާނެ ހެއްޔެވެ. ނުބަހައްޓާނެއެވެ. އޭނާގެ ކުރިމަތީގައި ކިތަންމެ މަގެއް އެބައޮތެވެ. އެއްމަގު ނެތިއްޔާ އަނެއްމަގެވެ..... ފިރިން ކެތެއް ނުކުރާނެއެވެ. އިންތިޒާރެއް ނުކުރާނެއެވެ. އެމީހުންނާ ދޭތެރޭ ފަރުވާކުޑަކުރި ވަރަކަށް ދާނީދުރަށެވެ. އެމީހުންގެ ޙަޔާތަކީ ދުވާލަކު އެއްފަހަރު ލިބޭ ޙަޔާތެކެވެ. އެމީހުންގެ ދިރިއުޅުމުގައި މާދަމައެއް ނޯންނާނެއެވެ. އަބަދުވެސް އަންނާނީ މިއަދެވެ. އެމީހުން ބޭނުންވާނީ ފުރިހަމަ އުފަލާއެކު ދިރިއުޅުމަށެވެ.

ކަލޭ ތިޔަ ހުންނަނީ ކޮން މާދަމައެއްގެ އިންތިޒާރުގައި ހެއްޔެވެ.

ކަލޭގެ މާދަމާ ނައިއްޔާވާނީ ކިހިނެއް ހެއްޔެވެ.

ފިރިމީހާއާއިއެކު އުޅެވޭނީ ހިތްވަރެއް ހުރެގެންނެވެ. ވަރަށްގިނަ ކަންތައްތައް ފެންނަން ޖެހޭނެއެވެ. ކިތަންމެ ފަހަރަކު އަމިއްލައަށް ބިންމަތިން ތެދުވާން ޖެހޭނެއެވެ.

ކަލޭގެ ފިރިމީހާ ކިހާ ރަނގަޅު ހެއްޔެވެ. އޭނާ އެއްފަހަރުވެސް ކަލޭ ބިންމައްޗަކަށް ވައްޓައެއް ނުލައެވެ. މިއީ މިކަހަލަކަމެއް ކަލެއާއި ދިމާވި ފުރަތަމަ ދުވަހެވެ. މިއަދާ ބެހޭގޮތުން ވިސްނާށެވެ. ތިޔަގޮތަށް އިނަކަސް ކަލޭ ރުއްސާކަށް އޭނާ ނާންނާނެއެވެ. ތިޔަގޮތަށް މަތިހަށި ނަގައިގެން ނުއިންނާށެވެ. ބަރުޖެހިފައިވާ ގޮފިގަނޑެއް ފަދައިން އޭނާގެ ކުރިމަތީގައި އިސްދަށަށް ޖަހާލާށެވެ.

މިއަދު ރުންސަންވީ ކާކު ހެއްޔެވެ.

ރެއަށްފަހު އެކަހަލަ އެހެން ރެއެއް އަޔަނުދޭށެވެ.

ލޯހުޅުވާށެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 251 އިން 253 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން