މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް
މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް
ލ. މާވަށުގައި އިއްޔެ ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.

މާވަށުގައި އިއްޔެ ހެނދުނު ދިން ހަމަލާގައި މަރުވީ އެ ރަށު މޫސާ އިބްރާހިމް، 29، އެވެ.

އިއްޔެ ހެނދުނު ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. މޫސަ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ މޫސާ އިބްރާހިމް މަރާލަން ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން އިއްޔެ ވަނީ ހޯދާފައެވެ. މި ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހިމް އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް