ޙަޔާތުގައިވެސް މިއަށްވުރެ ރަނގަޅު ވެރިކަމެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޒް އެމްޑީޕީ ސަރުކާރަށް ވަރަށްބޮޑަށް ތަޢުރީފް ކުރަށްވައިފި އެވެ.

މިފަހަކަށް އައިސް ސަރުކާރުގެ ބައެއް ދީނީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. އިޔާޒުގެ ރާގު ބަދަލުވެ އެމްޑީޕީ އިސްވެ އޮވެ ހިންގަމުން ގެންދާ ސަރުކާރަށް ތަޢުރީފު ކުރަށްވާފައި ވާއިރު، ސޯޝަލް މީޑިއާގައި އޭނާ ކުރަށްވާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުން ކަމަށްބުނެ އިޔާޒު ވަޒީފާ އަދާކުރަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ވަނީ 14 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފައެވެ.

އެހެން ނަމަވެސް ޑރ އިޔާޒް ވިދާޅުވީ، ޚިޔާލު ތަފާތު ކަންތައްތަކެއް ހުރި ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ ޙަޔާތުގައި ދުށް އެންމެ ރަނގަޅު ވެރިކަން ކަމަށެވެ.

ޑރ. އިޔާޒް މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، މާލޭގެ މަގުމަތިން ރައީސް ޞާލިޙް ބައެއް ނޫސްވެރިންނާއި ބައްދަލު ކުރަށްވައި ނޫސްވެރިން އެދުނު ގޮތަށް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޑރ. އިޔާޒް ވިދާޅުވީ ރައީސް ޞާލިޙް ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުން އެމަނިކުފާނުގެ ހިތްތިރިކަން އެނގިގެންދާ ކަމަށެވެ.



ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާ ޚިޔާލުތަކާގުޅިގެން ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅިގެން ޑރ އިޔާޒް ވިދާޅުވެފައިވަނީ، އޭނާ އަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނިހުރެ އެދީނުގެ ތަޢުލީމު މީސްތަކުންނަށް ފޯރުކޮށްދޭން ރެޔާއިދުވާލު މަސައްކަތް ކުރާ މީހެއް ކަމަށާއި، އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ޔުނިވަރސިޓީގެ ޤަދަރާއި ކަރާމާތްވާނީ މަތިވެރި ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު