ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު އިންސާފުވެރިވާނެ ކަމާމެދު އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޮންމެ ހުކުރު ދުވަހަކު ބާއްވާ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ފުލުހުން މިއަދުވެސް ވަނީ ޕީޕީއެމްގެ އޮފީސް ހުންނަ ސަރަޙައްދު ބަންދުކޮށް އެ އޮފީހަށް ދެވެން އޮތް ހުރިހާ މަގެއްވެސް ބަންދުކޮށްފައެވެ. އަދި އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބު އިންސާފުވެރި ވެދާނެ ކަމާމެދު ސުވާލު އުފައްދަވައިފައެވެ. ޝިޔާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާ ދެކޮޅަށް ވާދަކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ނަމަވެސް ފުލުހުން ޕީޕީއެމްގެ އޮފީސް ބަންދުކުރުމުން އިންތިޚާބަށް ތައްޔާރުވުމަށް އެތަށް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިންތިޚާބަށް މަސްދުވަސް ނެތް. އޮބްޒަރވަރުން ހުށައެޅުމުގެ ފުރުސަތު މިމަހު 15 އަށް ހަމަވޭ. އިންތިޚާބު އިންސާފުވެރިވާނީ ކިހިނެއްތޯ؟" ޝިޔާމް ސުވާލު އުފައްދަވާފައިވެއެވެ.



ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަޙައްދު ބަންދުކޮށްފައިވާތީ އިދިކޮޅު ޕީޕީއެމުން އީސީއަށް ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވަނީ، މި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުން އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެކަން ހުއްޓުވާ ދިނުމަށް އެދޭ ކަމަށެވެ. ޕީޕީއެމުން ބުނެފައިވަނީ އެޕާޓީގެ އޮފީހުގައި އިދާރީ މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ވަދެނުކުމެ އުޅުމަށްވެސް ފުލުހުން ހުރަސްއަޅާފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން ގެންދާ މުޒާހަރާ ފުލުހުން ހުއްޓުވަނީ އެ ހަރަކާތް ތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބާއްވަމުންދާ އެއްވުން ތަކެއް ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން