ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
މުސްލިމުންނާ ދެކޮޅަށް ލަންކާއިން އެޅި ފިޔަވަޅު ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީނުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު އަދި ޑީއެންއޭގެ އިސް ސަފުގައި ޙަރަކާތްތެރިވާ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރުމުގެ ގަވާއިދެއް އެކުލަވާލާ، ހާހެއްހާ އިސްލާމީ ސްކޫލް ބަންދުކުރުމަށް އެޤައުމުގެ ކެބިނެޓަށް ހުށައަޅައިފައިވާ ކަމަށް ސްރީލަންކާގެ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކަރަ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ބުރުގާގެ ހުރިހާ ވައްތަރެއް މަނާ ކުރާ ގަވާއިދެއް ނޫން ކަމަށާއި، މިގަވާއިދުގައި މަނާކުރަނީ ހަމައެކަނި މީހާ އަކީ ކާކުކަން ނޭނގޭވަރަށް ހަށިގަނޑާއި މޫނު ނިވާކޮށްފައި ހުންނަ ބުރުގާކަމަށްވެސް ސަރަތު ވިދާޅުވެފައިވެއެވެ.

އަވަށްޓެރި ލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން ދުންޔާ ވިދާޅުވީ، ލަންކާގެ މުސްލިމުންނާއި ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް މިއީ ވަރަށް އަނދިރި ދުވަހެއް ކަމަށެވެ. އަދި ލަންކާގެ އަވައްޓެރި މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، މުސްލިމުންނާ ދެކޮޅަށް މިއަޅާ ހަރުކަށި ފިޔަވަޅުތައް ވަރަށް ފާޅުގައި ރާއްޖެއިން ކުއްވެރި ކުރަންޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.



މިކަމާއި ގުޅިގެން ސްރީލަންކާގެ މުސްލިމުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މިއީ އެގައުމުގައި މުސްލިމު ކޮމިއުނިޓީތަކަށް އެކިފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ހިންގާ ޖަރީމާ އެއްކަމަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ސްރީލަންކާގައި ކޮވިޑާއެކު މީހުން ވަޅުލުން މަނާކުރި ގަވާއިދަށް ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ފާޑު ކިޔުމާއެކު، މުސްލިމުންގެ ހައްގުތައް ނިގުޅައިގަތް އެގަވާއިދު ބަދަލު ކުރަންޖެހުމުން، ބުރުގާ އެޅުން މަނާ ކުރާ ގަވާއިދެއްގެ ނަމުގައި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނާނެ އިތުރުގޮތަކަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސްރީލަންކާގެ ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން