ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން
އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާކަހަލަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މި މޭރުމުން ވިދާޅުވެފައިވަނީ، އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާގެ އަސްކަރިއްޔާއާއެކު އެއްބަސް ވެފައިވާ އެގްރީމެންޓްގެ ދެލި ކޮޕީއެއް ކަމަށް ބުނާ ލިއުމެއް މިއަދު މީސް މީޑިއާގައި ލީކް ކޮށްލާފައިވާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ. ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މިލިއުން އޭނާގެ ފޭސް ބުކް ޕޭޖުގައި ހިއްސާ ކުރަށްވާ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭގެ ފަހުން އުމަރު ވަނީ މިއީ ފޭކް އެއްޗެއްް ކަމަށްވާނަމަ އޭގެ އަސްލު ހާމަ ކުރުމަށް ގޮވާލައްވާފައެވެ.

އުމަރު ލީކްކޮށްލި އެއްބަސްވުމަކީ ފޭކް ޑޮކިއުމެންޓެއް ކަމަށާއި، އަދި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީކަމަށް ބުނެ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ، ސިޔާސީ މަންފާއަށް ގައުމީ ސަލާމަތާއި ދޭދޭ ގައުމުތަކުގެ ޚާރިޖީ ގުުޅުންތަކަށް ބުރޫއަރާޒާތުގެ ވާހަކަތައް ދެއްކުމަކީ ދިވެހި ސިޔާސީ މަސްރަހުގައި އޭރުވެސް މިހާރުވެސް ހިނގާކަމެއް ކަމަށެވެ. އަދި އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާކަހަލަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ޑިފެންސް މިނިސްޓްރީންވެސް މިއަދު ވަނީ ލީކުވެގެން އުޅޭ އެއްބަސްވުމާއި ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ޑިިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ތަކެއްކަމަށާއި، އެފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ގޮތަކަށް، އަދި ރައްޔިތުންގެ މަސްލަހަތު ގެއްލި، ހަމަނުޖެހުން އުފެދޭ ގޮތަކަށް އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން