ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އުތުރު ތިލަފަޅު އެއްބަސްވުން ކަމަށްބުނެ މިއަދު ލީކު ކޮށްލާފައިވަނީ ސައްޙަ ލިޔުމެއްކަމަށާއި އެއީ އިންޑިއާއިން ފޮނުވި ލިޔުންކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ ސޮއިނުކޮށް އޮތް ޑްރާފްޓް އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ލީކް ކޮށްލާފައިވާ ލިޔުމަށް އިޝާރާތް ކުރަށްވައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މިއީ ފޭކް އެއްޗެއްް ކަމަށްވާނަމަ އޭގެ އަސްލު ހާމަ ކުރުމަށް ގޮވާލައްވާފައެވެ.

އޭގެ ފަހުން މިއަދު އިރުއޮއްސެމުން ދަނިކޮށް ޢުމަރު ވިދާޅުވީ، މިއީ ސައްޙަ ލިޔުމެއް ކަމަށާއި، އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ. އަދި އެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު މާދަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެނެސްދޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

އުމަރު ލީކްކޮށްލި އެއްބަސްވުމަކީ ފޭކް ޑޮކިއުމެންޓެއް ކަމަށާއި، އަދި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީކަމަށް ބުނެ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީންވެސް މިއަދު ވަނީ ލީކުވެގެން އުޅޭ އެއްބަސްވުމާއި ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ޑިިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ތަކެއްކަމަށާއި، އެފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ގޮތަކަށް، އަދި ރައްޔިތުންގެ މަސްލަހަތު ގެއްލި، ހަމަނުޖެހުން އުފެދޭ ގޮތަކަށް އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޒ

19-Mar-2021

ތިކަމުގެ ޙައްލު އެބައޮތް ތީ ކަންބޮޑުވާން ޖެހޭކަމެއްނޫން. އެ އެއްބަސްވުމުގެ އަސްލު ރައްޔިތުންނާ ޙިއްޞާ ކުރީމަ އެކަން އެ ނިމުނީ.



ޓްރެންޑިން