ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
މިއީ މި ވެރިކަން ފުރޮޅާލުމަށް ފުރަތަމަ ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ލިއުމަށް އިޝާރާތް ކުރަށްވާ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން ވަނީ އެއީ ޤައުމީ ސަލާމަތަށްއޮތް ނުރައްކަލެއް ކަމަށް ސިފަ ކުރަށްވާފައެވެ.

ޣައްސާން ވިދާޅުވީ، ކާބަފައިންގެ ބުރަ މަސައްކަތުން މި ޖީލަށް ވާސިލްކޮށް ދެއްވި މިނިވަން ދިވެހި ޤައުމުގެ އެންމެ ވެލިފުކެއްވެސް ދޫނުކުރުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހި ރައްޔިތުން ވާނެ ކަމަށެވެ. އަދި މިއީ މި ވެރިކަން ފުރޮޅާލުމަށް ފުރަތަމަ ފިޔަވަޅު އަޅަންވީ ވަގުތު ކަމަށާއި އެކަމަށް ޕީޕީއެމްގެ ލަޝްކަރު ތައްޔާރު ކަމަށް ޣައްސާން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެންމެންވެސް ޢަޒުމް ކަނޑައަޅަންވީ ޝަހީދު ޙުސައިން އާދަމް ފަދައިން އަޅުގަނޑަކީވެސް ޝަހީދު ޙުސައިން އާދަމޭ، ތިމަންނައަކީ ޝަހީދު ޙުސައިން އާދަމޭ، އައިއޭމް ޝަހީދު ޙުސައިން އާދަމްއޭ،" ޣައްސާން ވިދާޅުވިއެވެ.



އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔުމާ ގުޅިގެން ދިވެހި ކޮންމެ ރައްޔިތަކު ޝަހީދު ޙުސައިން އާދަމަށް ވުމަށް ޣައްސާން ގޮވާލައްވާފައިވާއިރު، މިއަދު މީސް މީޑިއާގައި ޢާއްމުވެފައިވާ ލިޔުމަކީ ފޭކް ޑޮކިއުމެންޓެއް ކަމަށާއި، އަދި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީކަމަށް ބުނެ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީންވެސް މިއަދު ވަނީ ލީކުވެގެން އުޅޭ އެއްބަސްވުމާއި ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ޑިިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ތަކެއްކަމަށާއި، އެފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ގޮތަކަށް، އަދި ރައްޔިތުންގެ މަސްލަހަތު ގެއްލި، ހަމަނުޖެހުން އުފެދޭ ގޮތަކަށް އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން