ޞާދިރު ޢަލީދީދީ   20 މާރިޗު 2021 - 15:56
ވޭނީކަރުނަ
ވޭނީކަރުނަ
60 ވަނަ ބައި

.................

[މަންމަގެ ޙާލު ރަނގަޅެވެ.] މަންމަ ހިތާދެކޮޅަށް ބުންޏެވެ. [ގަވައިދުން ބޭސް ކޭންބައްލަވަމުތޯއެވެ؟]

[އާނއެކެވެ....] އޭނާގެ އަޑުގައިވަނީ ބަލިކަށިކަމެވެ. [ބޭސްވެސް ކަމެވެ. ޑަކްޓަރަށްވެސް ދައްކަމެވެ. އެކަމަކު މިހުރިހާ ކަމަކީވެސް ހަމައެކަނި ކަލޭމެންގެ ހިތްހަމަޖައްސާ ދިނުމަށްޓަކާ ކުރާ ކަންތަކެވެ. ޙަޤީޤަތުގައި.....]

މަންމަ ހިމޭން ވެއްޖެއެވެ.

ރަމްލާ ހިނގައި ގަތުމާއެކު އަނެއްކާވެސް މަންމަ ބުންޏެވެ.

[ރަމްލާއެވެ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފާ އެބައޮތެވެ. ދަރިފުޅާއެވެ.... ވަގުތު އޮތިއްޔާ ކުޑަކޮށް މަޑުކޮށްލަ ބަލާށެވެ....]

[މިވަގުތު މަޑުކުރެވޭކަށް ނެތެވެ.] ރަމްލާ ހަމައަވަހަށް ބުންޏެވެ. [ކޮންމެވެސް އެހެން ވަގުތަކުން އަތުވެ ދާނަމަވެ.]

މަންމަ ގޮނޑީގައި އިށީނދެއްޖެއެވެ.

[މަންމާއެވެ. އަޅުގަނޑު އެހެން ވަގުތަކުން އަތުވެދާނަމެވެ. މިވަގުތު އަޅުގަނޑު ކޮންމެހެން ދާން ބޭނުމެވެ.] މި ހިސާބުގަނޑުގައި މިނިކާވަގެއް އުޅޭވާހަކަ އޭނާއަކަށް ނުބުނެވުނެވެ. [މަންމާއެވެ. އަޅުގަނޑު މުޙައްމަދު ގޮވައިގެން ދަންތޯއެވެ.]

[އެއީ ކީއްކުރަން ހެއްޔެވެ؟] މަންމަ އަނެއްކާވެސް ޙައިރާން ވެއްޖެއެވެ.

[ޓެކްސީގައި އެކަނިދާން ބިރުގަންނަނީއެވެ.] ޙަޤީޤަތުގައި މިއަދު ރަމްލާ ވައިރޯޅިދެކެވެސް ބިރުގަނެއެވެ. ކޮންމެ ހަތަރު އަނގޮޅިއަކުން ވައިރޯޅިއެއްގެ ސިފާގައި އޭނާއަށް ޔާދިރު ފެންނަ ކަހަލައެވެ. ދޯޕައްޓާ ހިފައިގެންހުރެ އޭނާ ބިރުގަންނަވާ ކަހަލައެވެ.

ރަމްލާ ގޭގެ ކައިރިއަށް ޓެކްސީ މަޑުކުރުވާފައި މުޙައްމަދަށް އެނބުރިދިއުމުގެ ފީދިނުމަށްފަހު އަވަސް އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. މިއަދު އޭނާހުރީ ގެއަށްވަނުން ލަސްވެފައެވެ. އަވަސް އަރުވާލާފައިހުރި ވަރުން އޭނާ ދިޔައިރު އަޅައިގެންހުރީ ރަތް ދޯޕައްޓާއެއްކަމެއް ހަނދާނެއްނެތެވެ. އަދި މިހާރު އޭނާ އެއައީ އެއްވެސް ފިކުރެއްނެތި ކަޅު ދޯޕައްޓާއެއް އަޅައިގެންނެވެ. މައިދައިތަ ފެންޑާގައި އަވަށްޓެރި އަންހެނަކާ ވާހަކަދައްކަން އިނެވެ. މިވަގުތު މަންމަގެ ގާތުގައި މި އަންހެންމީހާ އިނުން ރަމްލާދުށީ ލިބުނު ޣަނީމާއެއް ކަމުގައެވެ. އެހެންނޫންނަމަ މަންމަގެ ގާތުގައި އަބަދުވެސް ކޮންމެވެސް އަންހެނަކު އިނދެގެން އަނގަތެޅުމަކީ އޭނާ ވަރަށް ރުޅިއަންނަ ކަމެކެވެ.

ރަމްލާ ސަލާމްކުރުމަށްފަހު އެތެރެއަށް ވަދެގެން ދާން ފަށައިފިއެވެ.

އެއާއެކު މައިދައިތަ އިސްއުފުލާފައި ބަލާލިއެވެ. ދެން އައިނު ނަގަމުން ޙައިރާންވެފައި ބުންޏެވެ.

[ދަރިފުޅާއެވެ. ދޯޕައްޓާ ބަދަލުކޮށްގެން ތިޔައައީ ކޮންތާކުން ހެއްޔެވެ؟]

[ކީކޭތޯއެވެ......؟] ރަމްލާގެ ފައިގައި ބިންގަނޑު ހިފެހެއްޓިއެވެ. ކުށުގެ އިޙްސާސްތައް އޭނާގެ ދޫ ތަޅުލިއެވެ. އެހެންކަމުން ވަގުތުން އޭނާއަކަށް ޖަވާބެއް ނުދެވުނެވެ.

[މިއީ..... އަޅުގަނޑު....] ރަމްލާ ބޭރަށްދިޔައީ މަންމަގާތުގައި ޖައްޔިދާގެ ގެއަށްދާނެ ވާހަކަ ބުނެފައެއްނޫނެވެ. [އަޅުގަނޑު ގެއަށްދިޔައިރު ހަޝްރާ ދައްތަ ގެއަށްއައިސް އުޅެއެވެ. އޭނާ ނަމޫނާއަކަށް އަތުލީއެވެ.]

[އެހެން ހެއްޔެވެ..... އެހެންވީއިރު ތިޔަކަޅު ދޯޕައްޓާ ނަގާށެވެ.] މައިދައިތަ އަނެއްކާވެސް އައިނު އަޅާލިއެވެ.] ތިޔަކަހަލަ ކަޅުކުލަތައް ބޭނުންނުކުރާށޭ ކުރިންވެސް މަންމަ ބުނީމެއްނޫން ހެއްޔެވެ. ދަރިފުޅު މާކަރަނގަޅު ހެނެއްވެސް ހިޔެއް ނުވެއެވެ. ހެނދުނު ދިޔައިރު ހަނދެއް ފަދައިން މޫނު ވިދައެވެ. މިހާރު ނިކަން މޫނު ދެކެބަލާށެވެ. ތިހިރީ މުޅިން ރީނދޫ ވެފައެވެ. ތިޔަ ދޯޕައްޓާގަނޑު އެއްލާލާށެވެ.

ރަމްލާ ކޮޓަރިއަށް ހިނގައްޖެއެވެ. މަޢޫޒު އަދިވެސް އޮތީ ނިދާފައެވެ. އޭނާ ކަރުގައިއޮތް ކަޅު ދޯޕައްޓާ ނަގާ އެއްފަރާތަކަށް އެއްލާލިގޮތުން ހީވީ ކަޅުހަރުފައެއް ނަގާ ފޮޅުވާލި ހެންނެވެ. ހިފައިގެންއައި ބޮކްސާ ސޯފާ މައްޗަށް ޖަހާފައި އޭނާ ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ.

އިސްކުރު ދޫކޮށްލާފައި އޭނާ އިށީނދެއްޖެއެވެ. އިސްކުރުން ފެންއަންނަ ބާރުމިނުގައި އޭނާގެ ލޮލުން ކަރުނަވެސް އަތުވެއްޖެއެވެ. އޭނާއަށް މިއިނދެވުނީ ހެދުން ނުބާލާކަން ހަނދާންވީވެސް އިރުކޮޅެއްގެ ފަހުންނެވެ.

އޭނާއަށް މިރޮވެނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާގެ ހުވަފެންތަކުގެ ބިއްލޫރި ގަނޑުވަރު ކުދިކުދިވެގެން ދިޔައީ ނޫންކަމެއްވެސް ނޭނގެއެވެ..... އޭނާގެ ލޯބިވެތި ޝަހެޒާދާ ބިރުވެރި ދެޔޯއަކަށް ބަދަލުވީ ނޫންކަމެއް ނޭނގެއެވެ. އެހެންނޫނީ ހަމަ ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ޚިޔާލުތައް ބަދަލުވީއެވެ. ހަމައެއާއެކު ނޭގޭމަގަކުން އޭނާއަށް ދެވުނީއެވެ.

ފެން އޮހެމުންދެއެވެ..... ދުންގަނޑެއް ހެންނެވެ. ގިސްލެވޭފަދަ އަޑަކާ އެކުގައެވެ. އަމިއްލަ ވުޖޫދު ކުދިކުދި ކޮށްލުމަށް ބައެއް ފަހަރު އޭނގެ ހިތަށްއަރައެވެ. އޭނާ ކިތައް މީހުންނަށް އިތުބާރުކުރި ހެއްޔެވެ. ބަލާބެލުމަށް ޖައްޔިދާއަކީ ކިހާ މަޢުޞޫމު ކުއްޖެއް ހެއްޔެވެ. ކިހާ މިސްކީނު ހެއްޔެވެ. އޭނާއާމެދު ހަމްދަރްދީ އުފެދެއެވެ. އޭނާއަކީ ކިހާމަޖާ ހެއްވާ ވާހަކަ ދައްކާ ކުއްޖެއް ހެއްޔެވެ. އޭނާއަކީވެސް އެހާ ދަށް އަންހެނެއް ހެއްޔެވެ. އޭނާ ކެހިވެރިކަމުގެ ދަލުގައި ރަމްލާ ޖެއްސީ ކިހާ ފުރިހަމަކަމާ އެކުގައި ހެއްޔެވެ.

އޭނާ ސަލާމަތްވީ މައިދައިތަގެ ދުޢާގެ ސަބަބުން ނޫންކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ.

ޖައްޔިދާގެ މަޅީގައި ރަމްލާ ޖެހުނުނަމަ އޭނާގެ ޙާލަކީ ކޮބައިހެއްޔެވެ. އެޙާދިސާގެ ފަހުން އޭނާއަކީ ދިރިހުރުމަށް އެކަށީގެންވާފަދަ އަންހެނަކަށް ވާނެ ހެއްޔެވެ. އޭނާއަށް މުޢާޒުއާއި ހަތަރުކަޅި ހަމަކުރަން ކެރޭނެ ހެއްޔެވެ.....؟ އޭނާ ބޮޑުވީ ކިހާ މާތް ބައެއްގެ އަތްމަތީގައި ހެއްޔެވެ؟ އެކަހަލަ ނުބައި މަގެއްގައި ފައިއަޅަން ޖެހުނީ ކީއްވެގެން ހެއްޔެވެ.

ރަމްލާއެވެ! އެމަޅީގައި ކަލޭ ބެދުނުނަމަ ދުނިޔޭގައިވާ ހުރިހާ ކޯރެއް އެކުވެގެން ދޮންނަން އުޅުނަސް ކަލޭގެ މުޑުދާރުކަން ނުދޮވެވޭނެއެވެ.

ރަމްލާއެވެ! ދުނިޔޭގައިވާ ހުރިހާމީރުވަހެއް އެކުވިޔަސް ކަލޭގެ ވުޖޫދުގެ ނުބައިވަސް ކަނޑުވައެއް ނުލެވޭނެއެވެ.

ރަމްލާއެވެ! ދުނިޔޭގައިވާ އެއްވެސް ސައިބޯންޏަކުން ކަލޭގެ ހަށިގަނޑުގެ މިލަ ކަނޑުވައެއް ނުލެވޭނެއެވެ.

ރަމްލާއެވެ! ގެއްލިފައިވާ އަބުރެއް އަލަކުން ނުލިބޭނެއެވެ.

ރަމްލާއެވެ! އަބުރު ގެއްލިފައިވާ އަންހެނެއްގެ ގައިގައި ޖެހިފައިވާ ލައްގަނޑު ފިލުވައެއް ނުލެވޭނެއެވެ.

ކުޑަ ލޮޅުމެއް އަރުވާލި ކަމުގައި ވިޔަސް ފުރިހަމައަށް ހުރި ބިއްލޫރިގަނޑެއް ފުނޑުފުނޑު ވެދާނެއެވެ. އަދި އެކުދިކުދި ވެފައިވާ އެތިކޮޅުތަކުން ތިމާގެ ފުރިހަމަ މޫނެއް ނުފެންނާނެއެވެ.

ފުނޑު ފުނޑުވެފައިވާ މޫނަކާއިގެން ދިރިހުރެވޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ.

އަންހެނާގެ ޢިސްމަތްތެރިކަން ގެއްލިގެންދާ ހިނދު އެޢިސްމަތްތެރި ކަމާއިއެކު އެއަންހެން މީހާވެސް ކަށްވަޅަށް ދެއެވެ. ރަމްލާއެވެ! މި ފިރެހުންނަކީ ވަރަށް ވިޔާނުދާ ބައެކެވެ. އެމީހުންގައި އެތައް ބާރުތަކެއްވެއެވެ.

ކަލޭގެ ކިބައިގައިވަނީ ހަމައެންމެ ބާރެކެވެ. އަންހެނާގެ ކިބައިގައި ވަނީ އެންމެ ހިތް ވަރެކެވެ.

އެ ޢިސްމަތްތެރިކަން ގެއްލިއްޖެއްޔާ އަންހެނާގެ ގޮތް ހުސްވެދެއެވެ. ޙާލުގައި ޖެހިދެއެވެ. ކަލޭ ސަލާމަތްވިކަމުގެ މައްޗަށް ޝުކުރުކުރާށެވެ. ކަލޭގެ އަމިއްލަ ޚަޒާނާގެ މައްޗަށް ރައްކާތެރި ނުވީމުއެވެ.... އެކަމަކު މާތްރަސްކަލާނގެ ކަލޭ ރައްކާތެރި ކުރައްވައިފިއެވެ. މިންވަރަށް ޝުކުރުނުކުރުން އެއީ އެންމެބޮޑު ބަދުނަސީބެވެ. ބަލައިގެން އުޅޭށެވެ. ލޯހުޅުވައިގެން އުޅޭށެވެ......

ދެން ހަމަ ކުއްލިއަކަށް ޝާންބޭބެގެ މަތިން ހަނދާން ވެއްޖެއެވެ. އަދި އެރޭވެސްމެއެވެ.....

އޭނާ ތިމާގެ މޮޔަކަމުގެ މައްޗަށް ރޯންފަށައިފިއެވެ. ވިސްނައިގަތުމަށްޓަކާ އެންމެ ރެއެއްވެސް ފުދެއެވެ. ވީއިރު އޭނާގެ ލޯ ނުހުޅުވުނީ ކީއްވެގެން ހެއްޔެވެ.

ރަމްލާއެވެ. ކަލޭގެ މޫނުމަތީގައި ލިޔެވިފައިވަނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ބާރުބާރަށް މޫނުމޮޑެން ފެށިއެވެ. އެއާއެކު ބާރަށް ފެންއައިސް އައިސްހުރި އިސްކުރާ ދިމާއަށް މޫނު ދިއްކޮށްލިއެވެ. މިއަދު އޭނާ މޫނުމަތީގައިވާ ހުރިހާ ނޭއްގާނީކަމެއް ދޮވެ ސާފުކޮށްލަން އެދޭކަހަލަ ގޮތަކަށެވެ.

ދެން އަނެއްކާވެސް އޭނާއަށް އޭނާގެ ކައިވެނީގެ ފުރަތަމަރޭ ހަނދާން ކުރެވުނެވެ. އަދި އެރެއާއި ގުޅިގެން ހިނގި ހުރިހާ ކަމެއްވެސް ހަނދާނަށް އައެވެ.

ވެދިޔަ ކަންތަކަކީ ހަނދާން ނައްތާލަން ޖެހޭކަމެއްކަން އޭނާއަށް އެނގެއެވެ. އޭނާ ކުށްހިތަކުން ދުރުވެ ސީދާމަގުން ހިނގަން ގަސްތުކޮށްފިއެވެ. އެހެންކަމުން ދުވާލު ހަތަރުދަމު އޭނާ ހަމަޖެހިލައިގެން ހުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. މިއަދު އޭނާ ވަރަށް ލޯތްބާއިއެކު އެންމެ ފުރަތަމަ ފަހަރަށް މަޢޫޒު ފެންވެރުވިއެވެ. އޭނާއާއިއެކު ކުޅެން އުޅުނެވެ. ވާހަކަ ދެއްކިއެވެ. އިރުއިރުކޮޅާގޮސް މައިދައިތަ ގާތުގައި އިނދެއެވެ. އަވަށްޓެރިންނާއި ބެހޭގޮތުން ސުވާލުކޮށް ހަދައެވެ. ހިތްހަމަޖެހޭ ފަދަ ހުރިހާކަމެއް ކުރެވޭތޯ ބަލައެވެ. އެ ޙާދިސާއަށްފަހު ހިތްހަމަ ޖެހުމުގެ ހުރިހާ ބޭހެއް ބޭނުންކުރިއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 182 އިން 184 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން