ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް (މ)
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް (މ)
އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔާން އެންމެ ފައްކާ ނަމަކީ ކެމްޕޭން ބަނދަރު ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އިޤްތިޞާދީ ވުޒާރާއިން ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓް ފަހަރަށް ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ، ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީ ކުރުމަށް މިސަރުކާރުން ހުޅުވާލުމާ ގުޅިގެން ކުރީގެ މެމްބަރު ޢަރީފް ވިދާޅުވީ، އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަކީ ބޮޑުތިލަންދުންމަތީ ރައްޔިތުންގެ ވޯޓު ހޯދުމަށް ސަރުކާރު ތަކުން ބޭނުން ކުރާ ކެމްޕޭން ޓޫލް އެއް ކަމަށެވެ.

"ބޮޑުތިލަންދުންމަތީގެ ރައްޔިތުން ތިޔަ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔާން އެންމެ ފައްކާ ނަމަކީ، ކެމްޕޭނު ބަނދަރު." ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވިއެވެ.

މެމްބަރު ޢަރީފް ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ބޮޑުތިލަންދުންމަތީގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއި އިތުރު ޚިދުމަތްތަކެއް ޤާއިމުކުރާ ވާހަކަ ދައްކަމުން ދާކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުނީ ވެސް އެ މަސައްކަތް އެއްވެސް ބަޔަކާ ޙަވާލު ނުކޮށްކަމަށާއި، އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ޙުސައިން ޢަރީފް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވުމާއެކު މި ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމުކުރުމަށް ވަރަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެ އެވެ.

އަދި މި މަޝްރޫއު ކާމިޔާބު ކަމާއެކީ ތަންފީޒުކުރެވިއްޖެނަމަ އިގްތިޞާދު ފުޅާކޮށް، ޑައިވެސިފައި ކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށާއި، އިގްތިޞާދީ ތަރައްގީ ލާމަރުކަޒު ކުރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިގްތިޞާދީ ވަރުގަދަ ހަބެއް ގާއިމުކުރެވޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން