ޞާދިރު ޢަލީދީދީ   22 މާރިޗު 2021 - 15:5
ވޭނީކަރުނަ
ވޭނީކަރުނަ
ވޭނީކަރުނަ - 61 ވަނަ ބައި

ވެދިޔަ ކަންތަކަކީ ހަނދާން ނައްތާލަން ޖެހޭކަމެއްކަން އޭނާއަށް އެނގެއެވެ. އޭނާ ކުށްހިތަކުން ދުރުވެ ސީދާމަގުން ހިނގަން ގަސްތުކޮށްފިއެވެ. އެހެންކަމުން ދުވާލު ހަތަރުދަމު އޭނާ ހަމަޖެހިލައިގެން ހުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. މިއަދު އޭނާ ވަރަށް ލޯތްބާއިއެކު އެންމެ ފުރަތަމަ ފަހަރަށް މަޢޫޒު ފެންވެރުވިއެވެ. އޭނާއާއިއެކު ކުޅެން އުޅުނެވެ. ވާހަކަ ދެއްކިއެވެ. އިރުއިރުކޮޅާގޮސް މައިދައިތަ ގާތުގައި އިނދެއެވެ. އަވަށްޓެރިންނާއި ބެހޭގޮތުން ސުވާލުކޮށް ހަދައެވެ. ހިތްހަމަޖެހޭ ފަދަ ހުރިހާކަމެއް ކުރެވޭތޯ ބަލައެވެ. އެ ޙާދިސާއަށްފަހު ހިތްހަމަ ޖެހުމުގެ ހުރިހާ ބޭހެއް ބޭނުންކުރިއެވެ.

ހަވީރު މުޢާޒު އައިއިރު ރަމްލާއިނީ ވަރަށް ރީއްޗަށް ނަލަހެދި ލައިގެންނެވެ. އެކަމަކު އޭނާގެ ކިބައަކު މުޢާޒުއާ ދިމާއަށް އިސްއުފުލާފައި ބަލާލާހާ ހިތްވަރެއްނެތެވެ. މުޢާޒު އޭނާގެ މައްޗަށް ފުރަތަމަ ނަޒަރު ދޫކޮށްލަމުން ސުވާލުކުރިއެވެ.

[ތަނަކަށް ދާން އުޅެނީ ހެއްޔެވެ؟]

[ނޫނެކެވެ.....] އޭނާ އިސްޖަހާލިއެވެ. އޭނާގެ ލަދުވެތިކަން މުޢާޒުއަށް އިޙްސާސް ކުރެވުނެވެ. އޭނާ އިރުކޮޅެއް ވަންދެން ވަރަށް ހޫނު ނަޒަރަކުން ބަލަމުން ގެންދިޔައެވެ. ދެން ބުންޏެވެ.

[އަބަދުވެސް ތިޔަގޮތަށް ނަލަހެދިލައިގެން އިންނާށެވެ. އޭރުން އަހަރެން ވަރަށް އުފާވާނެއެވެ.]

[އާނއެކެވެ..... ކުރިއަށް އޮތްތާނގައި މިގޮތަށް އިންނާނަމެވެ.] ރަމްލާގެ ހިތުން އަޑުނުކުތެވެ. އެކަމަކު އޭނާގެ ތުންފަތް ތުރުތުރަކާއެކު ހިމޭންވިއެވެ. ހެނދުނުގެ ހާދިސާ އޭނާގެ ލޯމަތީގައި އެނބުރިގަތެވެ. އޭނާ ދަތްކުނޑި ވިކައިގަތެވެ. އެތުންފަތް ދަތުން ކަނޑާ ވަކިކޮށްލަން އެދޭކަހަލަ ގޮތަކަށެވެ.

[ތިޔަގޮތަށް ތުންފަތް ނުހަފާށެވެ.] މުޢާޒު ލާނެއްވެލަމުން ބުންޏެވެ. [ރޭގަނޑު އަދި އޮތީ ވަރަށް ދުރުގައެވެ.]

އެހިނދުން މުޢާޒުގެ ކޮނޑުމަތީގައި ބޯއަޅާލައިގެން ގިސްލަ ގިސްލާފައި ރޯންފެށުމަށް ރަމްލާގެ ހިތަށްއެރިއެވެ.

މުޢާޒުގެ ވާހަކަ ހުންނަނީ އަބަދުވެސް އެކަހަލަ ގޮތަކަށެވެ. ވީއިރު މިއަދު އޭނާގެވާހަކަތައް ރަނގަޅަށް ވިސްނިގެން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. އޭނާ މުޢާޒާއި ހަތަރުކަޅި ހަމަކޮށްލަން އުޅުނެވެ. އެކަމަކު އޭނާގެ ލޮލުގައި ބޮޑު ދެކަރުނަތިކި ޤަރާރުވެ އެކަމަށް ހުރަސް އަޅައިފިއެވެ. އެހެންކަމުން ކުޑަކޮށް އެސްފިޔަ ތަޅުވާލާފައި ކަރުނަތިކި ވައްޓާލިއެވެ. ދެން ބުންޏެވެ.

[ސައިތަށްޓެއް ގެންނަންތޯއެވެ؟]

[ގެންނާށެވެ. އަވަހަށް ގެންނާށެވެ....... ހުރިހާ އެއްޗެއްވެސް ގެންނާށެވެ......]

މުޢާޒު ހީނލިއެވެ... މުޢާޒުގެ ހުދުދަތްތައް ފެންނަން ހުއްޓެވެ. މިގޮތަށް އޭނާ ހީނލާ ކޮންމެ ފަހަރަކު ރަމްލާ ސިހިފައިވެއެވެ. ހީވަނީ ކަޅުދެޔޯއެއް ދަތްތައް ދައްކާލައިގެން ހުންނަހެންނެވެ. އެކަމަކު މިއަދު އެކަހަލަ އިޙްސާސެއް ނުކުރެވެއެވެ. އެހެނީ މިއަދު މުޢާޒުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މިސިފަގަނޑު ރަމްލާއަށް ވަރަށް ކަމުދިޔައެވެ.

އޭނާ ދުވެލާފައިގޮސް ސައިތައްޔާރު ކޮށްގެން އަތުވެއްޖެއެވެ.

[ޙަޤީޤަތުގައިވެސް ތިޔައީ ވަރަށް ޚިދްމަތްތެރި އަންބެކެވެ. މުޢާޒު ސައިތަށީގައި ހިފިއެވެ. [އަހަންނަކީ މަޖާ އުފާވެރި އަންހެނުން ދެކެ ވަރަށް ލޯބިވާ މީހަކީމެވެ. އަހަރެން އޮފީހުން އަންނައިރަށް ކަންފަތަށް އުނދަގޫވާ ވަރަށް އަނގަ ގަދަކުރަން ޖެހޭނެއެވެ. ފިރިހެނުން ގެއަށް އަންނަނީ ވަރުބަލިވެފައިވާ ފިރިހެން ގެރިއެއް ފަދައިންނެވެ........... މި ނޯކިރީ އިންސާނާގެ ހުރިހާ ލެއެއް ފެލާލައެވެ. ދެން ހަމައެކަނި ބޭނުންވަނީ ހިތަށް އަޑު އިއްވުމަށެވެ....... ރަމްލާ ވާހަކަ ދައްކާ އަޑު ނުއިވިއްޖެއްޔާ އަހަރެން މިޔުޒިކް އަޑު އަހަނީއެވެ.]

ރަމްލާ ހިމޭނުން ހުއްޓެވެ.

މުޢާޒު ގާތުގައި ބުނެފާނަމޭ އޭނާގެ ހިތަށް އެރިއެވެ. ދެން އަހަރެން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރާނަމެވެ. ދެން އަނގަ މަޑުންލައިގެން ނީންނާނަމެވެ. އެކަމަކު ދުލުންހަމަ އެކައްޗެކޭވެސް ނުބުނެވުނެވެ. އޭނާ ވިސްނާލިއެވެ. ހިތުގައި ހިނގަމުންދާ ހުރިހާ ޖަޒުބާތުތަކެއް ފާޅުކުރެވޭފަދަ ހަތިޔާރެއް އީޖާދު ކުރެވިފައިވާނަމަ ކޮންފަދަ ހެއްޔެވެ. ނުވަތަ އޭނާއަށް އެގޮތަށް އަނގަތެޅޭނެނަމަ ކޮންފަދަ ހެއްޔެވެ. އެހެންނަމަ މިވަގުތު ކޮންމެވެސް އެއްޗެކޭ ބުނެވިއްޖެއީހެވެ.

މިހާތަނުން މަޢޫޒު ފިރުކެމުން ހިނގަމުން ކަހަލަގޮތަކަށް ކޮޓަރިއަށް އަތުވެއްޖެއެވެ. މުޢާޒު ތަށިބަހައްޓާފައި މަޢޫޒުގެ ގާތަށް ޖެހިލިއެވެ. މުޢާޒު އޭނާގެ ފުރާނައަށްވުރެވެސް ބޮޑަށް ދަރިފުޅު ދެކެ ލޯބިވެއެވެ. އެހެންކަމުން މަޢޫޒު ހަމަފެނުމާއިއެކު އޭނާގެ ހޭބުއްދި ފިލާދެއެވެ............ މަޢޫޒަކަށް އަދި ވާހަކައެއް ނުދެއްކެއެވެ. އެކަމަކު މުޢާޒުގެ މަންމަގެ މަސައްކަތުން މިހާރު ބައްޕައޭ ކިޔައެވެ. އޭނާވެސް ބައްޕަ ފެނުމާއިއެކު އަވަސް އަވަހަށް ގާތަށް އާދެއެވެ. ރަމްލާގެ ހިތަށް އެރިއެވެ..... މައިންބަފައިންގެ ލޯތްބަކީވެސް އަޖައިބެއްފަދަ އެއްޗެކެވެ. ކުދިންނަކަށް މައިންބަފައިންގެ ހުތުރު ސިފައެއް އިޙްސާސެއް ނުކުރެވެއެވެ. އަދި ދަރިފުޅުގެ ހުތުރު ސިފައެއް މައިންބަފައިންނަކަށް އިޙްސާސެއް ނުކުރެވެއެވެ. ހަމައެންމެ ގުޅުމެކެވެ. އެންމެ ތިމާގެކަމެކެވެ. ލޯތްބަކީ ކަނު އެއްޗެކެވެ. އެކަމަކު މިއަދު އޭނާ އެބަލަނީ މުޅިން އެހެންގޮތަކަށެވެ. އެއާއިއެކު ލޯބީގެ ބެލުމަކީ ދުނިޔޭގައިވާ އެންމެތަނަވަސް ބެލުން ކަމުގައި އޭނާއަށް އެނގި ކަށަވަރުވިއެވެ. ލޯބީގެ ބެލުން އެހާތަނަވަސް ނުވިނަމަ ދުނިޔޭގައިވާ ހުރިހާ ރީތި މީހުން ބޭނުންގޮތަކަށް އުޅުނީހެވެ.

އާދައިގެ މަތިން މެހްމާނުން އައިސްގޮސްވުމުގައި ހަވީރުގެ ވަގުތުތައް ފާއިތުވެގެން ހިނގައްޖެއެވެ. ރަމްލާވެސް ހުރިހާ ކަމެއްގައި މަޝްޣޫލުވެ އުޅުނެވެ.

މުޢޫޒު މަންމަގެ ކޮޓަރީގައި ނިދައިފިއްޔާ ރަމްލާގޮސްއިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި މަންމައާ ވާހަކަ ދައްކާ ހެދުމަށްފަހު އެނބުރި އާދެއެވެ. މިރޭވެސް އޭނާ ކޮޓަރިއަށް އައިއިރު ދިހައެއް ޖަހައިފިއެވެ. މުޢާޒު ހެދުން ބަދަލު ކޮށްގެން އެނދުގައި އޮށޯވެއޮތެވެ. އެކަމަކު ނުނިދައެވެ. އަތުގައި ފޮތެއް އޮތެވެ. ސައިޑް ލޭމްޕް ދިއްލާފައި ހުއްޓެވެ. ރަމްލާ ކޮޓަރިއަށް ވެދެފައި އެތަން މިތަނަށް ފެތުރިފައިވާ މަޢޫޒުގެ ކުޅޭސާމާނާއި ހެދުންތައް ނަގާ އަލަމާރީގައި ބެހެއްޓިއެވެ. ދެން އައިސް އެނދުގައި އިށީނދެއްޖެއެވެ.

މުޢާޒު ދެލޯބޮޑުކޮށްލާފައި ބަލާލަމުން ޚުދް އޭނާ ހިނިތުންވެލިއެވެ. މުޢާޒުގެ ލޮލުގައިވާ ހުރިހާ އެއްޗެއް އޭނާއަށް ސާފުކޮށް އެނގިއްޖެއެވެ. އޭނާ ވިސްނާލިއެވެ. އެންމެ ފުރަތަމަ ފަހަރަށް މިރޭ އިސްނަގާނީ އޭނާއެވެ. މިރެއަށްފަހުގައި މުޢާޒު ޝަކްވާއެއް ނުކުރާނެއެވެ. މިމަޤާމު ފުރިހަމަ ކުރުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު ކޮންމެ ދަތިކަމަކާ އެންމެ ފުރަތަމަ ކުރިމަތިވަނީ ވަރަށް އުނދަގުލާ ވޭނާ އެކުގައެވެ.

މިރޭ އޭނާގެ ހިތުގެ ޠޫފާނުވަނީ ކެކިއަރާފައެވެ. މިރޭ ވަރަށްގިނަ ވާހަކަދައްކަން އޭނާ ބޭނުމެވެ. މިސީދާ މަގުން އަވަހަށްގޮސް ކަޑައްތުކޮށްލަން އޭނާ އެދެއެވެ.

މުޢާޒު ފޮތް ބާއްވާފައި އޭނާއާއި ދިމާއަށް އެނބުރިލިއެވެ. ދެން ވާހަކަދައްކަން ފެށިއެވެ. ވަރަށް އޯގާވެރިކަމާ އެކުގައެވެ. ހިމޭން އަޑަކުންނެވެ. އޭނާގެ އަޑުގެ ދިލަ ރަމްލާ ފުރަތަމަ ފަހަރަށް އިޙްސާސްކުރިއެވެ. ކަޅިޖަހާނުލާ އޭނާ މުޢާޒުގެ މޫނަށް ބަލަމުން ގެންދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ނަޒަރު ވަކިކޮށްނުލައެވެ. އެއީ ހަމަކުރީގެ މޫނެވެ. އޭނާ އެ މޫނުދެކެ ސިހޭ މޫނެވެ. ބިރުގަންނަ މޫނެވެ. ހޮޑުލަވާ މޫނެވެ. އެކަމަކު މިއަދު އެއިނީ އެސްފިޔަވެސް ޖަހާނުލާ ބަލަހައްޓައި ގެންނެވެ. ޝައުޤުވެރި ކަމާއެކު އަޑުއަހާށެވެ.

އެވަގުތު ފޯނުގެ ރަނގަބީލު ވެއްޖެއެވެ.

[ގޮސް ފޯނު ނަގާބަލާށެވެ.] މުޢާޒު ބުންޏެވެ. [އަހަންނަށްއައި ފޯނެއް ކަމުގައިވަންޏާ އަހަރެން އޮތީ ނިދާފައޭ ބުނާށެވެ.]

މުޢާޒު އެހެން އެބުނީ ކިހިނެއް ވެގެންކަން ރަމްލާއަށް އެނގެއެވެ. އެހެންކަމުން ދުވެލާފައިގޮސް ފޯނު ނަގައިފިއެވެ. އޭނާގެ ނޭވާހުރީ އަވަސްވެފައެވެ.

އޭނާ ދެފަހަރަކު ހަލޯއޭ ބުނުމަށްފަހު އަނެއްކޮޅުން ފިސާރި ބަރު ބިރުވެރި އަޑެއްއައެވެ.

[ރަމްލާއެވެ......]

ރަމްލާ ހިމޭން ވެއްޖެއެވެ.

ރަމްލާއަށް އެއަޑު ފާހަގަ ކުރެވިއްޖެއެވެ. އެއްފަހަރަކު އެއަޑު އޭނާގެ ހިތްހަލާކު ކުރިއެވެ. މިހާރު އެއަޑު އެ ގަސްތުކުރަނީ އޭނާގެ ޙަޔާތްެ ބަރުބާދު ކޮށްލުމަށެވެ.

[ރަމްލާއެވެ........] އޭނާ އަޖައިބު ގޮތަކަށް ބުންޏެވެ.

[ރަމްލާ ހީކޮށްގެން ތިޔަހުރީ އަހަރެންގެ އަތްދަށުން ސަލާމަތް ވެވިއްޖެ ކަމުގައި ހެއްޔެވެ. އެކަމަކު ބުނަން ހެއްޔެވެ. އެއީ ރަމްލާގެ މޮޔަކަމެވެ. ރަމްލާގެ ދޯޕައްޓާ ބޭނުންނަމަ އެއްފަހަރު އަންނާށެވެ. ދޯޕައްޓާގެ އަގު އަދާކުރާށެވެ. އެހެންނޫނީ މިދޯޕައްޓާ އޭގެ އަގު އަމިއްލައަށް ހޯދަފާނެއެވެ. އަދި މިދޯޕައްޓާގޮސް ރަމްލާގެ ފިރިމީހާގާތުގައި ހުރިހާ ވާހަކައެއް ދެއްކުންއެއީ ރަމްލާ ރުހޭނެ ކަމެއްނޫނެވެ..........]

ރަމްލާއަށްހީވީ ކުއްލިއަކަށް ވަށައިގެން ހުޅުރޯވިހެންނެވެ. އަދި ސަލާމަތްވުމުގެ ގޮތުން އޭނާއަށް އެކައްޗެކޭވެސް ނުބުނެވުނެވެ.

އޭނާ ހިމޭންވުމުން އަނެއްކާވެސް އެއަޑު ބުންޏެވެ.

[އަހަންނަކީ ދަރަނި މާފުކުރާ މީހަކީމެއް ނޫނީމެވެ. ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމާށެވެ. އެހެންނޫނީ ރަމްލާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަމެވެ.

ރަމްލާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެހުރިގޮތަށް ހުއްޓާ ކޮންމެވެސް މީހަކު އޭނާގެ ލޭބޯލި ފަދައިންނެވެ. އެނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. އެންމެފަހުން މަޑުމަޑުން ރިސީވަރު ބާއްވައިފިއެވެ. ފޯނު އަތްގަނޑު ހިފަހައްޓައިގެން ހުންނަތާ މާގިނައިރުވެސް ވީއެވެ. އޭނާގޮސް މުޢާޒަށް ޖަވާބުދޭން ޖެހޭނެއެވެ. އޭނާ އޮންނާނީ ރަމްލާގެ އިންތިޒާރުގައެވެ.

ރަމްލާ މަޑުމަޑުން ހިނގާފައި ކޮޓަރިއަށް އަތުވެއްޖެއެވެ.

މުޢާޒު ސުވާލުކުރިއެވެ.

[ކާކުގެ ފޯނެއް ހެއްޔެވެ؟]

[ކޮންމެވެސް މީހަކަށް ނުބައި ނަމްބަރަކަށް ފޯނުކުރެވުނީއެވެ.] ރަމްލާ ބުންޏެވެ.

މިހެންބުނި ވަގުތު ހީވީ ކަތިލާފައި ބިންމައްޗަށް އެއްލާލެވިފައި އޮތް ކުކުޅެއްގެ އަނގައިން ނުކުތް އެންމެފަހުގެ އަޑު ހެންނެވެ.

މުޢާޒު އިސްއުފުލާފައި ބަލާލިއެވެ. ރަމްލާގެ މޫނުމަތީގެ ކުލަ ރީނދޫވަމުން ދަނީއެވެ. އެނާއަކަށް ރަނގަޅަކަށް ނުވެސް ހިނގެއެވެ.

މުޢާޒު ޙައިރާންކަމާއެކު ބަލަހައްޓައިގެން އޮތެވެ. ރަމްލާ ދެފައި ދަމަމުންކަހަލަ ގޮތަކަށްގޮސް ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެތެރޭން ތަންޑުއެޅުމަށްފަހު ބަނޑުގައި ހިފަހައްޓައިގެން ހިށީނދެއްޖެއެވެ. އޭނާގެ ބަނޑުގައި ގޮށްލާން ފަށައިފިއެވެ. ހިތް ބަންޑުންވާން ފަށައިފިއެވެ. ތިމާގެ ހަލާކު ދައްކައިދޭ ޗާޓު ކުރިމަތީގައި ފެންނަން އޮތެވެ. ސަލާމަތްވުމުގެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އާނއެކެވެ. އެންމެމަގެއް އެބައޮތެވެ. އެ ވިޔާނުދާމީހާ ދައްކާމަގެވެ. އެމަގުން ހިނގައިގެން އޭނާގެ ޒަވާޖީ ޙަޔާތް ސަލާމަތް ކުރެވިދާނެ ހެއްޔެވެ. އެނުލަފާ އިންސާނާގެ އަތްދަށު ވުމަށްފަހު އޭނާގެ ފިރިމީހާގެ ކުރިމައްޗަށް އަރަން ކެރިދާނެ ހެއްޔެވެ؟ އެންމެ ދޯޕައްޓާ އަކަށްޓަކާ އޭނާގެ ޢިއްޒަތް ވިއްކާލާފާނެ ހެއްޔެވެ؟

އެކަމަކު ދެކެބަލާށެވެ. ކަލޭގެ ބަހަށް އިތުބާރުކުރާނީ ކާކު ހެއްޔެވެ. އެވިޔާނުދާ އިންސާނާ އެކަމުގެ ހެއްކެއްގެ ގޮތުގައި ދޯޕައްޓާ ހުށަހަޅައިފިއްޔާ އެކަމާމެދު ޔަޤީންނުކުރާނީ ކާކު ހެއްޔެވެ؟ މަންމަވެސް ދޯޕައްޓާއާ ބެހޭގޮތުން ސުވާލު ކުރިއެވެ. މައިދައިތަވެސް އެވާހަކަދެއްކިއެވެ. އަދި އެދޯޕައްޓާއަކީ ކަލޭގެ ދޯޕައްޓާއެއްކަން މުޢާޒަށް މާރަނގަޅަށް އެނގޭނެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 185 އިން 187 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން