ޞާދިރު ޢަލީދީދީ   24 މާރިޗު 2021 - 12:11
ވޭނީކަރުނަ
ވޭނީކަރުނަ
62 ވަނަ ބައި

.................

މުޢާޒު ޙައިރާންކަމާއެކު ބަލަހައްޓައިގެން އޮތެވެ. ރަމްލާ ދެފައި ދަމަމުންކަހަލަ ގޮތަކަށްގޮސް ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެތެރޭން ތަންޑުއެޅުމަށްފަހު ބަނޑުގައި ހިފަހައްޓައިގެން ހިށީނދެއްޖެއެވެ. އޭނާގެ ބަނޑުގައި ގޮށްލާން ފަށައިފިއެވެ. ހިތް ބަންޑުންވާން ފަށައިފިއެވެ. ތިމާގެ ހަލާކު ދައްކައިދޭ ޗާޓު ކުރިމަތީގައި ފެންނަން އޮތެވެ. ސަލާމަތްވުމުގެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އާނއެކެވެ. އެންމެމަގެއް އެބައޮތެވެ. އެ ވިޔާނުދާމީހާ ދައްކާމަގެވެ. އެމަގުން ހިނގައިގެން އޭނާގެ ޒަވާޖީ ޙަޔާތް ސަލާމަތް ކުރެވިދާނެ ހެއްޔެވެ. އެނުލަފާ އިންސާނާގެ އަތްދަށު ވުމަށްފަހު އޭނާގެ ފިރިމީހާގެ ކުރިމައްޗަށް އަރަން ކެރިދާނެ ހެއްޔެވެ؟ އެންމެ ދޯޕައްޓާ އަކަށްޓަކާ އޭނާގެ ޢިއްޒަތް ވިއްކާލާފާނެ ހެއްޔެވެ؟

އެކަމަކު ދެކެބަލާށެވެ. ކަލޭގެ ބަހަށް އިތުބާރުކުރާނީ ކާކު ހެއްޔެވެ. އެވިޔާނުދާ އިންސާނާ އެކަމުގެ ހެއްކެއްގެ ގޮތުގައި ދޯޕައްޓާ ހުށަހަޅައިފިއްޔާ އެކަމާމެދު ޔަޤީންނުކުރާނީ ކާކު ހެއްޔެވެ؟ މަންމަވެސް ދޯޕައްޓާއާ ބެހޭގޮތުން ސުވާލު ކުރިއެވެ. މައިދައިތަވެސް އެވާހަކަދެއްކިއެވެ. އަދި އެދޯޕައްޓާއަކީ ކަލޭގެ ދޯޕައްޓާއެއްކަން މުޢާޒަށް މާރަނގަޅަށް އެނގޭނެއެވެ.

ކަލެއަކީ ކުށެއްނެތް މީހަކުކަމުގައި ޔަޤީންކުރާނީ ކާކު ހެއްޔެވެ.

ކަލޭ ހުވާކުރާނީ ކާކުގެ ކުރިމަތީގައި ހެއްޔެވެ؟

ދެންހުރީ ކަލޭގެ ފިރިމީހާއެވެ. އެންމެފަހު ވަގުތު އޭނާވެސް ނުބައި ހީގެ ބަހަނާތައް ހޯދަން ފަށާނެއެވެ.

ރަމްލާ ފަހަރެއްގައިވެސް މުޢާޒަކަށް ޙަޤީޤީ ލޯތްބެއް ނުދެއެވެ. މުޢާޒު އަބަދުވެސް ރަމްލާގެ ހިމޭންކަމާއިމެދު ޝަކްވާކުރެއެވެ.

ތިމާގެ ސާފުކަން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ރަމްލާގެ ކިބައަކު ނެތެވެ.

އެއްފަރާތުގައި ވަނީ އޭނާ ޙިޞާރު ކުރަން ކޮނެފައިވާ ޚަންދަޤެކެވެ. އަނެއްފަރާތުގައި ވަނީ އަނދިރި ވަޅެކެވެ.

ދެފަރާތުގައިވެސް ވަނީ މަރުކަން އޭނާއަށް ޔަޤީން ކުރެވެއެވެ.

އޭނާ ވަރަށް އުނދަގުލުން ކަރުނަ ކޮންޓްރޯލް ކޮށްފިއެވެ. މިވަގުތު ރޮމުން ބޭރަށް ނުކުމެއްޖެއްޔާ މުޢާޒު ސުވާލު ކުރާނެއެވެ.

މުޢާޒު ބޭރުގައި ރަމްލާގެ އިންތިޒާރުގައި އިނެވެ. މިއަދު ރަމްލާ މުޢާޒުގެ ހިތުގައި އަލިފާން ޖަހައިފިއެވެ. ލޯތްބަކަށް ފުރަތަމަ ފަހަރަށް ކިސަޑު ބުރުވައިފިއެވެ.

މާގިނައިރަކު އެތެރެއަކުވެސް ނީނދެވޭނެއެވެ.

އަމިއްލައަށް ހިތްރުއްސަން ޖެހޭނެއެވެ. ބޭރަށް ނިކުންނަން ޖެހޭނެއެވެ. މަލުގެ ތަންމަތި ތައްޔާރުކުރަން ޖެހޭނެއެވެ. އެކަމަކު ހިތުގައި އަނދަ އަނދާހުރި އޮލައަލިފާނެވެ.

ހުރިހާ ވާހަކައެއް މުޢާޒަށް ކިޔާދިނުމަށް އޭނާގެ ހިތަށް އެރިއެވެ. ފިރިމީހާއަށްވުރެ ގާތްމީހަކު ނުހުންނާނެއެވެ. މިވަގުތު އޭނާ ސަލާމަތް ކުރެވޭނީ މުޢާޒަށެވެ.

އެކަމަކު........ ފެށުނީއްސުރެ ހުރިހާ ވާހަކައެއް ކިޔާދޭން ޖެހޭނެއެވެ. ހުރިހާ ވާހަކައެއް ކިޔާދޭން ކިހާ ލަދެއް ގަންނަން ޖެހޭނެ ހެއްޔެވެ.

އަހަރެން ކުރާނީ ކީއްހެއްޔެވެ؟

ރަމްލާގެ ހާސްކަން އޭނާ ކަންނެތް ކޮށްފިއެވެ. އޭނާ އަތުކުރީގައި އޮތްގަޑިއަށް ބަލާލިއެވެ. އޭނާ ފެންވަރާ ކޮޓަރީގައި އިންނަތާ ބައިގަޑިއިރު ވެއްޖެއެވެ.

މާތްކަލާކޯއެވެ. އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އަވަސް އަވަހަށް އިސްކުރު ދޫކޮށްލިއެވެ. ދެން ރަނގަޅަށް މޫނު ދޮވެލިއެވެ. އެއަށްފަހު ތުވާލިން މޫނު ފޮހެމުން ބޭރަށް ނުކުމެއްޖެއެވެ.

މުޢާޒު އޮތީ ބޮކި ނިވައިގެންނެވެ. އަދި ބާލީހުގައި މޫނު ފޮރުވައިގެން ބަންޑުންނެވެ. ބިރުންހުރެ ރަމްލާވެސް އައިސް ދިގުދަމާލާފައި އޮށޯވެއްޖެއެވެ. އޭނާގެ ކަނާތްއޮތީ ބަނޑުމަތީގައި ބާއްވާފައެވެ.

މުޢާޒު ލޯހުޅުވާލާފައި ރަމްލާއާ ދިމާއަށް ބަލާލިއެވެ. ދެން މަޑުމަޑުން އޭނާގެ އަތްދަނޑީގައި އަތްޖައްސާލިއެވެ. އެއާއެކު ރަމްލާ ސިހިފައި ބޮނޑިވެގަތެވެ. އޭނާގެ އަނގައިން ހިމޭން އާހެއްގެ އަޑުވެސް ނުކުތެވެ.

[ރަމޫއެވެ. ކިހިނެއް ވީހެއްޔެވެ؟]

މުޢާޒު ބޯއުފުލާލިއެވެ. އަދި ފަނޑުއަލިކަމުގެ ތެރޭން އޭނާގެ މޫނުބަލަން އުޅުނެވެ.

[އެއްވެސް ކަމެއްނު ނުވެއެވެ.....] ރަމްލާ ތުރުތުރު އަޅައިގެންފައި ބުންޏެވެ..... [އަޅުގަނޑުގެ ބަނޑުގައި ރިއްސަނީއެވެ.]

މުޢާޒު ތެދުވެ އިށީނދެއްޖެއެވެ.

[އެއީ ކީއްވެގެން ހެއްޔެވެ؟ ބޭހެއް ގެނެސްދެން ހެއްޔެވެ؟ ތިޔަހާބޮޑަށް ތަދުވަންޏާ ޖެހޭނީ ޑޮކްޓަރަކު ގެންނާށެވެ.]

[ނޫނެކެވެ......] ރަމްލާ އަދިވަކިން ބޮޑަށް ބިރުގެންފިއެވެ.

[މުޢާޒު ނިދިކުރައްވާށެވެ. ދެން ރިހުން ރަނގަޅު ވެދާނެއެވެ.] ރަމްލާ މިހެން ބުނުމުން މުޢާޒު އޮށޯވެއްޖެއެވެ.

ރަމްލާ ކުކުރަމުން ދިޔައެވެ.

މުއާޒު ބަލަހައްޓައިގެން އޮތެވެ. ދެން ނިދީކަންނޭނގެއެވެ. އެކަމަކު ރަމްލާގެ ލޮލަކަށް ނިންޖެއްނައެވެ. އޭނާ އެނބުރި އެނބުރިއޮތެވެ. އެންމެފަހުން އޭނާ އެނދުން ތެދުވެއްޖެއެވެ. އެހާވަރަށް ފުރޮޅެން ފެށުމުން މުޢާޒަށް އުނދަގޫ ވެދާނެތީއެވެ.... އޭނާގޮސް ދޫލަމަތީގައި އޮށޯވެއްޖެއެވެ.

ދޫލަމަތީގައި އޮށޯތުމާއެކު އުޑުން ބިމަށް އާދެވުނީ ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. މިހެން ހީކުރެވުމާއިއެކު އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާއަށް ސަލާމަތްވާނެ ހަމަ އެއްވެސް މަގެއް ނުފެނުނެވެ. އޭނާއަށް ޔާދިރުގެ އަތްދަށުން ސަލާމަތް ވެއްޖެއެވެ. އޭނާ ޓޯއީ އަކަށްވެގެން ޔާދިރުގެ ކުރިމަތީގައި ނުނަށާނެއެވެ. އެހެނީ އެވައްތަރުގެ ބްލެކްމޭލްއާއިބެހޭ އެތައް ވައްތަރެއްގެ ވާހަކަ ފޮތެއް އޭނާވަނީ ކިޔާފައެވެ. މިއީ އެންމެ ފަހަރެއްގެ ކަމެއްނޫނެވެ. އޭނާ އަބަދުގެ އަބަދަށް ޔާދިރުގެ ދަލުގައި ޖެހެންވީއެވެ.

ރަނގަޅެވެ. އޭނާ ގޮތެއްނިންމިއެވެ. އޭނާ ފަހަރެއްގައިވެސް ޔާދިރުގެ ވާހަކައަށް ބިރުވެތިވެ އޭނާއަކާ ބައްދަލެއް ނުކުރާނެއެވެ.

އެކަމަކު ޔާދިރު އެކަހަލަ ކިތައްރޭވުން ރާވާނެ ހެއްޔެވެ؟ މިހެން ހިތަށްއެރެމާއިއެކު ރަމްލާ ރޫރޫއަޅައިގަނެއެވެ. މިހާތަނަށް އޭނާއައީ ރަމްލާއާ ކުރިމަތިލާނެ މަގެއްފެނޭތޯ ބަލަމުންނެވެ. އޭނާ ރަމްލާ ގާތުގައި ސިޓީލިޔަން ބުނީވެސް އެހެން ވެގެންނެވެ. އޭރުން އެސިޓީތަކުގެ އެހީގައި އޭނާއަށް ރަމްލާ ބްލެކްމެއިލް ކުރެވިދާނެއެވެ.

ރަމްލާ ސިޓީއެއް ނުލިޔެއެވެ. އެހެންނަމަވެސްއޭނާ މިހާރު އެއިނީ މަޅީގައި ޖެހިފައެވެ.

ބައެއް ފަހަރަށް މައިދައިތައާއި މެދުގައިވެސް ޚިޔާލުކުރެވެއެވެ. އޭނާއޮތީ ދަރިފުޅަކީ ރަނގަޅު ޢާއިލާއެއްގެ ދަރިއެކޭ ބުނެފައެވެ...... ރަނގަޅު ޢާއިލާގެ ކުދިންނަކީ މިކަހަލަ ބައެއް ހެއްޔެވެ. އޭނާގެ ސަބަބުން އޭނާގެ ލޯބިވާ ދައްތަމެންގެ އުފާތައް ގެއްލި ދިއުމަކީވެސް އެކަށީގެންވާ ކަމަކެވެ.

މިރޭ އޭނާ ގޮތެއްނިންމަން ވާނެއެވެ. އެހެނީ ނަސީބު ދިމާކުރިގޮތުން މިރޭ ފޯނުނެގުނީ ރަމްލާއަށެވެ. މާދަމާ ކޮންމެވެސް އެހެން މީހަކަށް ފޯނު ނެގިދާނެއެވެ.

މިރޭ އޭނާ ނުބައި ނަމްބަރެކޭ ބުނެ ވާހަކަ ހަދާލީއެވެ. މާދަމާ ބުނާނީ ކީކޭހެއްޔެވެ......

ހިތާމައިން އޭނާ ހަލާކުވަނީއެވެ.....

މާދަމާ ހެނދުނު އޭނާގެ މަކްރޫހަ މޫނު އެހެންމީހުނަށް ނުދެއްކޭނެއެވެ... ބަދުނާމު ޙަޔާތަކަށްވުރެ މަރުވުންވެސް މާހެވެވެ.

ކުއްލިއަކަށް އޭނާ ތެދުވެއްޖެއެވެ.

މުޢާޒުގެ ބޯލާކޮޅުގައި ހުރި މޭޒުމަތީ ބައްތި ނަގައިފިއެވެ. އޭގެ ސުވިޗް ރޫޅާލައިފިއެވެ.

އޭނާ އެވަގުތު އިނީ ހަމައެހެއްގައެއް ނޫނެވެ. ހޭވަރިކަން އައީ ކުއްލިއަކަށް ކަރަންޓުގާޖެހި ވިއްސައިގެންގޮސް ގުޅައަކަށް ޖެހުނީމައެވެ. އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި ހަލޭކެއްގެ އަޑުވެސް ނުކުތުވެ.

ހަމައަކަށް އެޅުނުއިރު އޭނާގެ ބޯލާކޮޅުގައި މުޢާޒުކޮޅަށް ހުއްޓާ ފެނުނެވެ. ރުޅިއައިސް ރަތްވެފައެވެ.

މުޢާޒު ރަމްލާގެ އަތުތެރޭގައި އޮތްކަރަންޓް ވާގަނޑު ދަމައިގަތެވެ. އެއާއެކު ވެއްޓަފައި އޮތް ޓޭބަލްލޭމްޕް ނަގާ އެއްފަރާތެއްގައި ބަހައްޓައިފިއެވެ. ދެން ގުދުވެލާފައި ރަމްލާގެ ދެއަތުގައި ހިފައިފިއެވެ. ވަރަށް ބާރަށެވެ. ބޮޑުގަހެއް މުލުން ލުހެލަން އުޅޭކަހަލަ ގޮތަކަށެވެ. މިހިނދުކޮޅުގެ ތެރޭގައި މުޢާޒުގެ ބާރު ރަމްލާއަށް އަންދާޒާ ކުރިވެއްޖެއެވެ. އޭނާ ސިހުންތެރި ކަމާއެކު މުޢާޒުގެ ރަތްވެފައިވާ މޫނަށް ބަލާލިއެވެ. މިވަގުތު އެލޮލުގައިވަނީ ކޮން އެއްޗެއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

[އަހަރެން ބަދުނާމުކުރަން އުޅެނީ ހެއްޔެވެ؟ އަހަރެން ނިކަމެތިކޮށްލަން ބޭނުންވަނީ ހެއްޔެވެ؟ ރަމްލާ ކަށްވަޅަށްގޮސް ނިދާލީމާ އަހަރެން މިފަސްގަނޑުގެ މަތީގައި ހުރެގެން ބިކަތެޅެންވީ ހެއްޔެވެ؟] މުޢާޒު ހަޅޭލައިގަތެވެ.

[ބުނެބަލާށެވެ. ކިހިނެއްވީ ހެއްޔެވެ؟]

[އެއީ ކާކުގެ ފޯނެއް ހެއްޔެވެ. ރަމްލާ ތިޔަ ދަރަޖައަށް ވެއްޓިގެން ތިޔައުޅެނީ އޭގެ ފަހުންނެވެ.]

ފަހަރެއްގައިވެސް ރަމްލާއާމެދު ނުބައިހީއެއް ނުކުރާމީހާ މިއަދު ހުރިހާ ނުބައިހީއެއްގެ އަސީރަކަށް ވެއްޖެއެވެ.

ރަމްލާ ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ.

އަދިވެސް މުޢާޒުހުރީ އޭނާގެ ވަރުގަދަ އަތުން ރަމްލާގެ ގައިގައި ހިފަހައްޓައި ގެންނެވެ. އޭނާ ރަމްލާ ގެންގޮސް ސޯފާގައި ބައިންދައިފިއެވެ. ބޭރަށް ނުކުމެއްޖެއެވެ. އަދި ފިނި ފެންތަށްޓެއް ހިފައިގެން އައިސް ރަމްލާއަށް ބޯންދީފިއެވެ.

ރަމްލާ އޭނާގެ ލޯފޮހެލިއެވެ. މޫނު ސާފުކޮށްލިއެވެ. އަދި ފަރުވާތެރި ކަމާއެކު މުޢާޒުގެ ލޮލަށް ބަލާލިއެވެ. ދެން ބުންޏެވެ.

[އިށީންނަވާށެވެ. އަޅުގަނޑު ހުރިހާ ވާހަކައެއް ކިޔާދޭނަމެވެ.]

މުޢާޒު އެހުރިގޮތަށް ހުރެފައި ކުރިމަތީގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ.

ރަމްލާ، ދަންޖައްސަން ތައްޔާރުވެފައިހުރި މީހަކު އޭނާގެ އެންމެފަހުގެ އެދުންފާޅުކުރާ ފަދައިން ބުނަންފެށިއެވެ.

[އަޅުގަނޑު މިނަންގަންނަ ކަންތައްތަކުގައި ކުށްވެރިއަކީ އަޅުގަނޑު ކަމުގައި ވަނީނަމަ މާފުކޮށްދެއްވުން އެދެމެވެ. މުޢާޒަކީ މާތްމީހެކެވެ. މާތް އައުލާދެއްގެ ދަރިއެކެވެ. މާތް މަންމައެއްގެ ދަރިއެކެވެ. އަޅުގަނޑު ސަލާމަތް ކުރައްވަން އެދެނީނަމަ މިމުޞީބާތުން ސަލާމަތް ކޮށްދެއްވާށެވެ. އެކަމަކު ވަރީގެ އަދަބު ނުދެއްވުން އެދެމެވެ. އަޅުގަނޑު އަމިއްލައަށް މަރުވާން އުޅުނީވެސް އެހެންވެގެންނެވެ. އަޅުގަނޑު ވަރިކުރައްވައިފިކަން ބައްޕަމެނަށް އެނގިލައްވައިފީވިއްޔާ އެމީހުނަކަށް ކެތެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް އަޅުގަނޑުގެ ވަރީގެ ޚަބަރު މަންމައަށް އިވޭދުވަހަކީމަންމަގެ މަރުދުވަހެވެ. އަޅުގަނޑުގެ ސަބަބުން މަންމަ މަރުވާކަށް ނޭދެމެވެ..... މީގެ އިތުރުން މުޢާޒުދެއްވި ކޮންމެ އަދަބަކަށް އަޅުގަނޑު ކެތްކުރާނަމެވެ.]

މުޢާޒު ހިމޭނުން އިނެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 188 އިން 190 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން