ޞާދިރު ޢަލީދީދީ   29 މާރިޗު 2021 - 19:4
ވޭނީކަރުނަ
ވޭނީކަރުނަ
63 ވަނަ ބައި

.................

މުޢާޒަކީ މާތްމީހެކެވެ. މާތް އައުލާދެއްގެ ދަރިއެކެވެ. މާތް މަންމައެއްގެ ދަރިއެކެވެ. އަޅުގަނޑު ސަލާމަތް ކުރައްވަން އެދެނީނަމަ މިމުޞީބާތުން ސަލާމަތް ކޮށްދެއްވާށެވެ. އެކަމަކު ވަރީގެ އަދަބު ނުދެއްވުން އެދެމެވެ. އަޅުގަނޑު އަމިއްލައަށް މަރުވާން އުޅުނީވެސް އެހެންވެގެންނެވެ. އަޅުގަނޑު ވަރިކުރައްވައިފިކަން ބައްޕަމެނަށް އެނގިލައްވައިފީވިއްޔާ އެމީހުނަކަށް ކެތެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް އަޅުގަނޑުގެ ވަރީގެ ޚަބަރު މަންމައަށް އިވޭދުވަހަކީމަންމަގެ މަރުދުވަހެވެ. އަޅުގަނޑުގެ ސަބަބުން މަންމަ މަރުވާކަށް ނޭދެމެވެ..... މީގެ އިތުރުން މުޢާޒުދެއްވި ކޮންމެ އަދަބަކަށް އަޅުގަނޑު ކެތްކުރާނަމެވެ.] މުޢާޒު ހިމޭނުން އިނެވެ.

މުޢާޒު ހިމޭނުން އިނެވެ.

ރަމްލާ އަނެއްކާވެސް ފަރުވާތެރި ކަމާއިއެކު އޭނާއަށް ބަލާލިއެވެ......

ފިނި ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުން އެއްވެސް އެއްޗެއް ނޭނގެއެވެ. މިއަދު ރަމްލާގެ ޙަޔާތާއިމެދު ގޮތެއް ނިންމުން އޮތީ އެމަކްރޫހަ އިންސާނާގެ އަތްމަތީގައެވެ.

[މުޢާޒުއެވެ......!]

ރަމްލާ ގޮވާލިގޮތުން ހީވީ ނޭވާ ހުސްވާން ކައިރިވެފައިވާ މީހަކު އޭނާގެ ކަލާނގެއަށް ގޮވާލިހެންނެވެ.

[މުޢާޒުއެވެ....!]

އަޅުގަނޑަކީ ކުށްވެރިއަކީމެވެ...........]

ދެން އޭނާ ފެށުނީއްސުރެ ހުރިހާ ވާހަކައެއް މުޢާޒަށް ކިޔައިދީފިއެވެ.

ރަމްލާއަށް ލޯހުޅުވާލެވުމާއިއެކު ތެދުވެ އިށީންދެއްޖެއެވެ. ބޮލަށްހުރީ އެނބުރުން އަރާފައެވެ. އޭނާ އެނދުން ދެފައި ބޭލިއެވެ. އެއާއިއެކު އޭނާއަށް ހީވީއެތައް ގަރުނަކުއްސުރެ ވައިގެ ތެރޭގައި އުޅެފައި އައިހެންނެވެ. އޭނާގެ ފައި ކަންނެއްވެފައި ވާވަރުން ބިމުގައި ޖައްސާލަންވެސް ނުކެރުނެވެ.... އޭނާ ބަލިވެފައިވާކަމުގެ އިޙްސާސަކާއިއެކު ގުދުވެލާފައި ފަޔަށް ބަލާލިއެވެ. ދެން ސިކުނޑިއަށް ބާރުލާފައި އޭނާ ރޭގައި އުޅުނު ދުނިޔެއާއިމެދު ހަނދާންކުރަން ފަށައިފިއެވެ. އެއާއިއެކު ހުރިހާކަމެއް މަޑުމަޑުން ހަނދާނަށް އަންނަން ފަށައިފިއެވެ. އޭނާ ރޮއިރޮއިފައި ހިތާމައާއެކު ހުރިހާ ވާހަކައެއް މުޢާޒަށް ކިޔާދިނެވެ. އަދި މުޢާޒުގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެންހުރެ ތިމާ އަމިއްލައަށް ނިމިގެންދިއުމަށް އެދޭކަހަލަ ގޮތަކަށް ރުޔެވެ. އެންމެފަހުން މުޢާޒު އޭނާއަށް ނިދާބޭސް ގުޅައެއް ކާންދީފައި ބޭއްވީއެވެ. އެއަށްފަހުގައި އެއްކަމެއްވެސް ހަނދާނެއް ނުވެއެވެ.

އިސްއުފުލާފައި އޭނާ ދޮރާދިމާއަށް ބަލާލިއެވެ. ދޮރުހުރީ ހުޅުވާފައެވެ. މުޅި ގޯތިތެރެއަށް އޮތީ އަވިއަރާފައެވެ. މަޢޫޒު ދުވެދުވެފައި ގޯތިތެރޭގައި ތިބި ކުކުޅު ފިޔޮއްތަކާއި އެކުގައި ކުޅެން އުޅެއެވެ. ރޭ ހުރިރޮށި ފުނޑުވާފައި ކުކުޅުތަކަށް ކާންދޭން މަންމަ ހުއްޓެވެ....... ރަމްލާ ހިތްވަރު ކޮށްލާފައި ތެދުވެއްޖެއެވެ. ދެން މަޑުމަޑުން ހިނގާފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ ފެނިފައި މައިދައިތަގެ އަތަށް ހުއްޓުން އަރައިފިއެވެ.

[ބިސްމިﷲއެވެ! ދަރިފުޅާއެވެ. މިހާރު ކިހިނެއް ހެއްޔެވެ؟]

ރަމްލާ ލޯއުނގުޅަމުން ފައިވާނަކަށްވެސް ނާރާ އެއައިގޮތަށް އައިސް މައިދައިތަގެ ގާތުގައި ބިންމަތީގައި އިށީނދެއްޖެއެވެ.

[ރޭހަތަރުދަމު ދަރިފުޅު އުޅުނީ ބަނޑުގައި ރިއްސާތީވެއޭ މުޢާޒު ބުންޏެވެ. ރޭގަނޑުގެ ނިދިގެއްލިފައި ވުމާއެކު އަމިއްލައަށް ހޭލެވެންދެން ދަރިފުޅަށް ނުގޮވާ ބޭއްވީއެވެ.]

ރަމްލާ ހަމައެކަނި ބޯޖަހާލިއެވެ.

[އަހަންނަށް ނުގޮވީ ކީއްވެގެން ހެއްޔެވެ. ރޭގަނޑު ދަންވަރު އެއީކޮންފަދަ ރިހުންގަނޑެއް ހެއްޔެވެ. އަހަރެންގެ އަލަމާރީގައި އަބަދުވެސް އުނގުޅާބޭހާއި ކާބޭސް ހުންނާނެއެވެ. އެތަނުން ބޭސްގުޅައެއް ކާލިނަމަ ވަގުތުން ފަސޭހަވީސް ނޫން ހެއްޔެވެ.

[ރޭގައި ޒަހަރުފޮދެއް ލިބުނު ކަމުގައިވިޔަސް ހަމަވަގުތުން ދިރުވާލީމުހެވެ.] ރަމްލާގެ ހިތްބުންޏެވެ. އެއާއެކު މޫނު މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ.

[ދަރިފުޅުގެ ލޯތިހިރީ މުޅިން ރަތްވެފައެވެ. އަވަހަށްގޮސް ފެންވަރާލައިގެން ރީތިކޮށް ބޯއޮމާން ކޮށްލާށެވެ.] ބޭއިޚްތިޔާރުގައި މައިދައިތަގެ އަތްއުފުލިއްޖެއެވެ. އޭނާ ރަމްލާގެ ހާވާލެއިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅާދޭން ފަށައިފިއެވެ......... ރަމްލާގެ ނިތްކުރީގައި އަތްލެވުމާއިއެކު އޭނާ ސިހިފައި ބުންޏެވެ.

[ދަރިފުޅާއެވެ. ނިތްކުރި އަނދަނީ ނޫން ހެއްޔެވެ؟

ރަމްލާ އަތުގެ ނުފުށުން ނިތްކުރީގައި އަތްޖައްސާލިއެވެ. އޭނާއަށް އެއްވެސްކަމެއް އިޙްސާސެއް ނުކުރެވުނެވެ. އޭނާގެ ހިތް އެތެރޭން އަނދަމުންދާތީ ބޭރުގެ ހޫނުކަމެއް އިޙްސާސް ނުކުރެވެނީއެވެ.

މަންމަ އޭނާ ގޮވައިގެން އެތެރެއަށްވަދެ އެނދުގައި ބާއްވައިފިއެވެ.

[ދަރިފުޅާއެވެ. ތިޔައޮތީ ގަދައަށް ހުންއައިސްފައެވެ...... ރީތިކޮށް އޮންނާށެވެ. އަހަރެން މުޢާޒަށް ފޯނުކޮށްގެން ޑޮކްޓަރު ގެނުވާނަމެވެ.]

ރަމްލާ އަނެއްކާވެސް އެނދުމައްޗަށް ޑަންލާފައި ވެއްޓިގަތެވެ. އެންމެރެއެއްގެ ބިރުވެރިކަމުން އޭނާ ހުން އައީއެވެ.

މިހުން ފަންސަވީސްދުވަސް ވަންދެންއައެވެ. މިފަންސަވީސްދުވަހުގެ ތެރޭގައި މުޢާޒު ވަރަށް ރަނގަޅަށް ރަމްލާއަށް ފަރުވާދިނެވެ. މަންމަވެސް ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ.

ފަންސަވީސް ދުވަހުގެ ތެރޭގައިއޭނާގެ ހުންގަނޑު ކިރިޔާ ފިނިވެލާއިރަށް މަރުވުމަށް އެދި ދުޢާކުރިއެވެ. ހިތާމަ ކުރުމަށްޓަކާ ފަންސަވީސް ދުވަހަކީ ވަރަށްގިނަ ދުވަހެވެ.

މިއަދު ރަމްލާއަށް ރަނގަޅެވެ.

އޭނާ ތެދުވެ ފެންވަރައިގެން ރީތިހެދުމެއް ލިއެވެ. އިސްތަށިގަނޑުގައި ރީތިކޮށް ފުނާއެޅިއެވެ. ދެން އައިސް އެނދުގައި އިށީނދެއްޖެއެވެ. އެވަގުތު މަޢޫޒު ދުވެފައި އައިސް އޭނާގެ ފައިގައިހިފާ އޮޅުލައިގަތެވެ. ރަމްލާގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި އެކުއްޖާގެ މައްޗަށް ބަންޑުން ޖަހާލިއެވެ. އޭނާ ދަރިފުޅުގެ ގައިގައި އަތްވެސް ނުލާތާ ފަންސަވީސް ދުވަސްވެއްޖެއެވެ. މައިދައިތަ ނެތްނަމަ މިކުއްޖާފުޅުގެ ޙާލަކީ ކޮބައި ހެއްޔެވެ. މިހެން ހިތަށް އެރުމާއިއެކު އޭނާ މަޢޫޒުނަގާ ބޮނޑިކޮށްލިއެވެ. އެއާއެކު މަޢޫޒުގެ މޫނުފެނިފައި ކުއްލިއަކަށް ހަޅޭލައިގަތެވެ. އޭނާގެ މޫނުގައި އެތައް ބައިވަރު ބިހިތަކެއް ހުއްޓެވެ.

ހޫނު ކިރުތަށްޓެއް ހިފައިގެން އައިސް އައިސްހުރި މައިދައިތައަށް އޭނާގެ އަޑު އިވިއްޖެއެވެ. އެހެންކަމުން ބިރުންހުރެ ދުވެފައި އައިސް ބުންޏެވެ.

[ދަރިފުޅާއެވެ. ކިހިނެއްވީ ހެއްޔެވެ؟]

[މަންމާއެވެ..........] ރަމްލާ ބިރުވެރި އަދި ރިހުން އެކުލެވިފައިވާ އަޑަކުން ބުންޏެވެ.

[ބައްލަވާށެވެ. މަޢޫޒުގެ މޫނު ބައްލަވާށެވެ.]

[އާނއެކެވެ. އެބަފެނެއެވެ.] އޭނާ މަޑުމައިތިރި ކަމާއިއެކު ބުންޏެވެ.

[އަނެއްކާ.... އަނެއްކާ އަޅުގަނޑުގެ ދަރިފުޅަށްވެސް ކަށިވިދުރި ޖެހެނީ ނޫންބާވައެވެ. މީނާގެ މޫނުވެސް.......]

ދެން ޖުމްލަ ފުރިހަމަނުކޮށް ހިމޭން ވެއްޖެއެވެ. އޭނާ ބުނަން އުޅުނީ ކީކޭ ބާވައެވެ؟

މައިދައިތަ މޭޒުމަތީގައި ކިރުތަށި ބަހައްޓައިފިއެވެ. މަޢޫޒު އުރާލާފައި އޭނާގެ ދޯޕައްޓާއިން މަޢޫޒުގެ މޫނު ސާފު ކޮށްލިއެވެ. ދެން ކުރިމަތީގައި ހުރި ސޯފާގައި މަޢޫޒު ގޮވައިގެން އިށީނދެއްޖެއެވެ. މަންމަގެ މޫނުމައްޗަށްވަނީ ކަޅުވިލާކޮޅެއް ހިޔަނި އަޅާފައެވެ. ރަމްލާ ބުނަން އުޅުނު އެއްޗެއް އޭނާއަށް އަންދާޒާ ކުރެވުނީ ކަންނޭގެއެވެ.

އޭނާ މަޢޫޒު އުނގުގައި ބައިންދަމުން ބުނަން ފެށިއެވެ.

[ބިރު ނުގަންނާށެވެ... މިއީ ކަށިވިދުރިއެއްނޫނެވެ. މިއީ ކަށިވިދުރީގެ ބިއްސެއްނޫނެވެ. އިއްޔެރެއަކު ސްޕްރޭއެއް ނުކުރެއެވެ. އެހެންކަމުން މިހިރީ މަދިރި ހަފާފައެވެ. ހެނދުނު އަހަރެން އެބިހިތައް ތުއްވާލީމާ މިހާރު އެހެރީ ފޮޅުތަކެއް ހެންނެވެ. މިކަހަލަ ބިއްސަށް މާބޮޑަށް ގޯނާކުރާކަށް ނުވާނެއެވެ. ވަރަށް އަވަހަށް ފަސޭހަވެ އޮބިދާނެއެވެ.

ލަދުވެތި ކަމާއެކު ރަމްލާ ކިރުތަށި ނަގާފައި މަޑުމަޑުން އިނދެ ބޯން ފަށައިފިއެވެ.

މަޢޫޒު މައިދައިތަގެ އުނގުގައި އިނދެފައި ފުންމާލައިގެން ބޭރަށް ނުކުމެއްޖެއެވެ. މަންމަ އިރުކޮޅެއް ވަންދެން ރަމްލާގެ މިލާފައިވާ މޫނަށް ބަލަން އިނެވެ. ދެން ވަރަށް އަސަރާއި އެކުގައި ބުންޏެވެ.

ދަރިފުޅާއެވެ. އަހަރެމެންގެ ޒަމާނަކީ ނިކަމެތިންގެ ޒަމާނެވެ. އަހަރެންގެ މައިދައިތައަކީ ވަރަށް ހަރުކަށި އަންހެނެކެވެ. ގޭގައި ހިނގަނީ އޭނާގެ އަމުރެވެ. މުޢާޒު ލިބި އަދި އަހަރެމެން ކަށިވިދުރީގެ އިންޖެކްޝަން ޖައްސަން އުޅުމުން އޭނާ އެކަން މަނާކުރީއެވެ. އޭނާއަކީ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކާ ޚިލާފު މީހެކެވެ. އޭނާ ބުނިގޮތުގައި އެހާކުޑަ ކުއްޖެއްގެ ގަޔަށް އިންޖެކްޝަން ޖެހުމުގެ އެއްވެސް ބޭނުމެއްނެތެވެ. އޭނާއަކަށް ކަށިވިދުރީގެ ނުރައްކަލެއް ނުވިސްނެއެވެ. އަހަރެންވެސް އޭނާދެކެ ވަރަށްބިރުގަނެއެވެ. އަހެންކަމުން ދެވަނަ ފަހަރަކަށް އިންޖެކްޝަން ޖެހުމާއި ބެހޭގޮތުން ހަނދާނެއްވެސް ނުވިއެވެ. އެދުވަސްވަރަކީ ކަށިވިދުރީގެ ވަބާ މުޅި އަވަށްގަނޑަށް ފެތުރިފައި އޮތް ދުވަސްރެވެ. އެންމެފަހުން އަހަރެންގެ ދަރިފުޅަށްވެސް ޖެހުނީއެވެ.

ރަމްލާ އިސްއުފުލާވެސް ނުލާ ހިމޭނުން އިނދެ ކިރުތަށި ބޮމުން ގެންދިޔައެވެ.

މަންމަ ފިނި ނޭވާއެއް ދޫކޮށްލިއެވެ. ދެން އަނެއްކާވެސް ބުންޏެވެ.

[ދަރިފުޅާއެވެ! ކޮންމެ މައަކު ތިމާގެ ދަރިއާމެދު ދެކެނީ އެއީ ސާދަވިލޭރޭގެ ހަނދު ކަމުގައެވެ. ކާޅަށްވެސް ކާޅުގެދަރި ދޮންފުތުވާނެއެވެ. އެކަމަކު މުޢާޒު ދުނިޔެއަށް އައިއިރު އޭނާއަކީ ހުރިހާ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުގައި ލިޔެވިފައިވާ އިއްތިފާޤީ ޙާދިސާގެ ސަބަބުން އޭނާ ހަލާކުވީއެވެ. ކަށިވިދުރިއަކީ އެހާނުރައްކާތެރި އެއްޗެކެވެ. ލޮލުގެ އެތެރޭގައާއި ބޭރުގައި ގޮށްނަގާފައި ލޯ ކުރުގެޅިއްޖެއެވެ. ގައިގެ ކުލަ ކަޅުވެއްޖެއެވެ. އެދުވަސް ކޮޅުގެ ތެރޭގައި އެއްދުވަހަކު މުޢާޒު ކުޅެންއުޅެނިކޮށް ވަޅަކަށްވެސް ވެއްޓުނެވެ. އެތައްދުވަހެއް ވަންދެން ހޭނާރާ އޮތެވެ. ޅަޢުމުރުގައި އެތައް އެތައް ބައްޔެއް އޭނާއާއި ޙަމަލާދިނެވެ. ދެފަހަރު މަތިން ޓައިފޮއިޑް ޖެހުނެވެ. އަހަރެން އަބަދުމެ އިންނަނީ ﷲގެ ޙަޟްރަތަށް ޝިފާއަށް އެދި ދަންނަވާލަ ދަންނަވާލައެވެ......]

އޭނާ ތެދުވެއްޖެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 191 އިން 193 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން