ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ސޮއިކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރުގެ ސޮއި އަނބުރާ ގެންދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ޒަހާ ވަޙީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއިކުރެއްވި ލިޔުމުގައި އޭނާ ސޮއިކުރަށްވާފައިވަނީ، މިނިސްޓަރ ޒަހާ އާއި ޙަވާލު ކުރައްވާފައިވާ މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާޢަތަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަމާއިއެކު، ދައުލަތުގެ ވަޒީރަކާއި ސަރުކާރުން ޙަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އެވަޒީރަކު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ފާހަގަ ކުރެވޭތީ ކަަމަށެވެ.

އަދި މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ މަޤާމުގައި ހުންނެވި ވަޒީރު ޖަވާބުދާރީ ކުރުވުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަނިކޮށް، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ކަނޑުގެ ޚަޒާނާ ހުޅުވާލުމަށާއި އަދި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ގެނެސް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، ދިވެހި މަސްވެރިންނާއި، ދަނޑުވެރިންގެ ޙައްޤުގައި ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާ ފެނިގެން ދިއުން ކަމަށް ޤަބޫލު ކުރެވޭތީ، މިހިނދަށް އެވަޒީރަށް އިތުބާރުކޮށް، މިނިސްޓަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށް ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާކަމަށް މެމްބަރު ޖާބިރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން