ޞާދިރު ޢަލީދީދީ   30 މާރިޗު 2021 - 11:19
ވޭނީކަރުނަ
ވޭނީކަރުނަ
64 ވަނަ ބައި

.................

[ދަރިފުޅާއެވެ! ކޮންމެ މައަކު ތިމާގެ ދަރިއާމެދު ދެކެނީ އެއީ ސާދަވިލޭރޭގެ ހަނދު ކަމުގައެވެ. ކާޅަށްވެސް ކާޅުގެދަރި ދޮންފުތުވާނެއެވެ. އެކަމަކު މުޢާޒު ދުނިޔެއަށް އައިއިރު އޭނާއަކީ ހުރިހާ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުގައި ލިޔެވިފައިވާ އިއްތިފާޤީ ޙާދިސާގެ ސަބަބުން އޭނާ ހަލާކުވީއެވެ. ކަށިވިދުރިއަކީ އެހާނުރައްކާތެރި އެއްޗެކެވެ. ލޮލުގެ އެތެރޭގައާއި ބޭރުގައި ގޮށްނަގާފައި ލޯ ކުރުގެޅިއްޖެއެވެ. ގައިގެ ކުލަ ކަޅުވެއްޖެއެވެ. އެދުވަސް ކޮޅުގެ ތެރޭގައި އެއްދުވަހަކު މުޢާޒު ކުޅެންއުޅެނިކޮށް ވަޅަކަށްވެސް ވެއްޓުނެވެ. އެތައްދުވަހެއް ވަންދެން ހޭނާރާ އޮތެވެ. ޅަޢުމުރުގައި އެތައް އެތައް ބައްޔެއް އޭނާއާއި ޙަމަލާދިނެވެ. ދެފަހަރު މަތިން ޓައިފޮއިޑް ޖެހުނެވެ. އަހަރެން އަބަދުމެ އިންނަނީ ﷲގެ ޙަޟްރަތަށް ޝިފާއަށް އެދި ދަންނަވާލަ ދަންނަވާލައެވެ......]

އޭނާ ތެދުވެއްޖެއެވެ.

[ދަރިފުޅާއެވެ. އަހަރެންގެ މުޢާޒަކީ ސިފަހުތުރު ކުއްޖެއްކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން އޭނާ ތަރުބިއްޔަތު ކޮށްފައިވަނީ އޭނާގެ ސޫރައަށް އަސަރުނުކުރާފަދަ ފެންވަރަކަށެވެ. އަހަރެންގެ ދަރިފުޅަކީ ކޮންފަދަ މީހެއްކަން އަހަންނަށް އެނގެއެވެ.

ރަމްލާ ކިރުތަށި ބުއިމަށްފަހު މޭޒުމަތީގައި ހުސްތަށި ބަހައްޓައިފިއެވެ. ދެން ލަދުން އިސްދަށަށް ޖަހާލިއެވެ.

މަންމަ ކުރިއަށް ޖެހިލާފައި ތަށިނެގިއެވެ. އަދި ބުނަން ފެށިއެވެ.

[އެކަމަކު ރަމްލާ ކުރީބައިގައި މަޢޫޒުގެ ގަޔަށް އިންޖެކްޝަން ޖައްސައިފީމުއެވެ.]

[ލައްބައެވެ.]

[އެހެންވީއިރު ކޮންބިރެއް ހެއްޔެވެ؟]

ރަމްލާ އެއްވެސް ޖަވާބެއް ނުދިނެވެ.

[މާތްކަލާނގެ ރުއްސެވިއްޔާ މަޢޫޒު ހުންނާނީ ހަމަ އެރީތި ކަމުގައެވެ. ހުރިހާ އެސްފީނާއަކުން އެދަރިފުޅު ސަލާމަތް ކުރައްވާށިއެވެ. ދަރިފުޅާއެވެ. ވައްތަރު ވައްތަރުގެ ވަހުމުތައް ހިތުރެރޭގައި ނުގެންގުޅޭށެވެ.... އިންސާނާގެ ސޫރައަކީ ބަދަލުވަމުންދާ އެއްޗެކެވެ.]

މައިދައިތަ އެބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކު ރަމްލާކުރާނީ ކީއްހެއްޔެވެ. އޭނާގެ ބޭއިޚްތިޔާރުގައި މިވާހަކަ ބުނެވުނީއެވެ.... މައިދައިތަ އަނެއްކާވެސް އިށީނދެއްޖެއެވެ. އަދި ބުނަންފެށިއެވެ.

[ދަރިފުޅާއެވެ! ތިޔައީ ނަސީބުވެރިންނެވެ. އަހަރެމެން ޒަމާނުގައި ކިތަންމެ އެއްޗެއް ލިބުނަސް އަދި މިނިވަންކަމުގެ ފަޟާގެ ތެރެއަށް ނޭވާލިއަސް ކުރެވޭ ހަމައެއްކަމެއް ނޯވެއެވެ. ތިބެންޖެހެނީ ފިތިގެންނެވެ. ގޭތެރޭގައި ހިނގަނީ ބޮޑެތި މީހުންގެ އަމުރެވެ.

އަހަރެން އަބަދުވެސް މީހުން އެނުބާފާޑުގެ މައިދައިތައަކަށް ނުވުމަށް މަސައްކަތް މިކުރަނީ އެހެންވެގެންނެވެ. ތަޖުރިބާލިބިފައި ހުރީމައެވެ. ގޭގައި ތިބޭ މުސްކުޅިން އުޅެންޖެހޭނީ އަލަށް އަންނަ ނަސްލާއި އެކުވެގެންނެވެ. އަހަރެން ހުރިހާކަމެއް ދަސްކުރަން މިއުޅެނީ އެހެންވެގެންނެވެ. ޒަމާނީ އާދަތަކަށް އަހަރެން ރުހެމެވެ.

އައު އެދުންތައް އަހަރެން ޤަބޫލުކުރަމެވެ. ތެދުތެދަށް ބުނާނަމަ އެއްގޮތަކަށްވެސް ގޭގެ ބޮޑުމީހެއްގެ ގޮތުގައި އަހަރެން ހުންނާކަށް ބޭނުމެއްނޫނެވެ. އެއީ އަހަރެން ނަފްރަތުކުރާ ކަމެކެވެ.

ދަރިފުޅާއެވެ. ދެން މަންމަ ދަނީއެވެ. ދަރިފުޅު އޮށޯވެލާށެވެ. އެއްގޮތަކަށްވެސް ފިކުރުނުކުރާށެވެ. އެއްވެސް ކަމަކުން ސިކުނޑި ހާސްވާކަމަށް ވަންޏާ މަންމަ ގާތުގައި ބުނާށެވެ. އަމިއްލައަށް ބަލިވެ ނުގަންނާށެވެ. މިހާ ޅަޢުމުރުގައި ޖެހޭ ބަލިތައް މުޅި އުމުރަށްވެސް ކަށީގައި ހަރުލާފައި ހުރެދާނެއެވެ.]

މަންމަ ބޭރަށް ނުކުމެއްޖެއެވެ.

ރަމްލާގެ ކަންފަތުގައި އޭނާގެ އެންމެފަހު ޖުމްލަ ހަރުލާފައި ހުރެއްޖެއެވެ.

[މިހާ ޅަޢުމުގައި ޖެހޭ ބަލިތައް މުޅި ޢުމުރަށްވެސް ކަށީގައި ހަރުލާފައި ހުރެދާނެއެވެ.]

ރަމްލާ އިސްއުފުލާފައި ބަލާލުމާއިއެކު ކުރިމަތީގައި ހުރި މޫނުބަލާ ލޯގަނޑުން އަމިއްލަ ހިޔަނި ފެނިއްޖެއެވެ.

ރަމްލާ ކިހާވަރަކަށް ބަދަލުވެއްޖެ ހެއްޔެވެ. ފެންވަރުދެރަ ފޮތިގަނޑެއް ފެނަށްލާ ދޮވެލުމުން ކުލަ ފަނޑުވެގެންދާ ބީދައިންނެވެ. ދެލޯ ވަޅުވަދެފައެވެ. މޫނު ރީނދޫ ވެފައެވެ. ތުންފަތް ކަޅުވެފައެވެ. އޭނާގެ ސިފަ މުޅިން ބަދަލުވެއްޖެއެވެ.

މައިދައިތަ ބުނީ ރަނގަޅު ވާހަކައެކެވެ. ސިފައަކީ އެއްގޮތަކަށް ހުންނަ އެއްޗެއްނޫނެވެ. އެއީ އެއްވެސް މީހެއްގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ.

އޭނާ ފިނި ނޭވާއެއް ލާފައި އެނދުގައި އޮށޯވެއްޖެއެވެ. ވިސްނާނެ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ.

އެރެއަށް ފަހުގައިވީ ކިހިނެއް ހެއްޔެވެ؟

އެކައްޗެއްވެސް ވިސްނުމަކަށް ނާދެއެވެ. އަބަދުވެސް އޭނާގެ ހިތުގައިވަނީ މުޢާޒު ދުށުމުގެ އެދުމެވެ. ބަލިވެ އޮންނައިރުވެސް މުޢާޒު އޭނާއާއިމެދު ފިކުރުކޮށް ޚިދްމަތްކުރާ ވަރު އޭނާއަށް އިޙްސާސް ކުރެވެއެވެ. ރޭގަނޑުވެސް އެތައް ފަހަރަކު ތެދުވެގެން އައިސް ރަމްލާގެ ޙާލު އަހްވާލު ބަލާ ހަދައެވެ. އޭނާ ބަލިވީފަހުން މުޢާޒު ހަމަނިދި ނުނިދައެވެ.

ދެންވާނީ ކިހިނެއްކަމެއް ނޭނގެއެވެ.

އޭނާގެ ހުރިހާ ހިތްވަރެއް ޙަޔާތުގެ ދަތުރުމަތީގައި ކޮންމެވެސް މީހަކު ލޫޓުވާލި ކަހަލައެވެ.

މުޢާޒުގެ ސިފަ އޭނާއަށް ރީތި ނޫންކަން މިއަދު މައިދައިތައަށްވެސް އެނގިއްޖެއެވެ.

ރަމްލާ އެނދުގައި އޮވެގެން ވިސްނުމުގެ އަސްދުއްވަމުން ދިޔައެވެ. އެހެން އޮއްވާ މައިދައިތަގެ އަޑު އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނެވެ.

[ދަރިފުޅާއެވެ. ފޯނެކެވެ. މިހިސާބަށް އާދެވިދާނެކަމަށް ވަންޏާ އައިސް ވާހަކަ ދައްކާލަ ބަލާށެވެ.]

ރަމްލާ ތެދުވެއްޖެއެވެ. ހިނގައި ގަތުމަށްޓަކާ ފައިނަގާއިރަށް މޫނު މައްޗަށް އަނދިރިވެގަތެވެ. އެތައްދުވަހެއް ވަންދެން ނުހިނގާ އޮތުމަށްފަހު ކުއްލިއަކަށް ހިނގައިގަތުމުން ވީގޮތެއް ނޫންކަމެއްވެސް ނޭނގެއެވެ. ހައެއްކަ ފިޔަވަޅު އަޅާލާއިރަށް އޭނާގެ ހިތްތެޅިގަތެވެ. މޫނުމަތިން އޮށްދާ ހިއްލާލިއެވެ. އޭނާ ގޮނޑީގެ ލެނގޭބައިގައި ހިފހަައްޓައިގެން ހުރެ ރިސީވަރު ނެގިއެވެ.

ދެން ވަރަށް މަޑުމަޑުން ހަލޯއޭ ބުންޏެވެ.

[ރަމްލާއެވެ.......]

ހަމައެކަނި މިއަޑުއިވުމާއެކު އޭނާގެ އަތުން ރިސީވަރު ދޫވެގެން ވެއްޓިއްޖެއެވެ. މިތަން މައިދައިތަ ދުށްޓެވެ. އޭނާއަށް ރަމްލާގެ ގާތަށް އާދެވުނުއިރު ރަމްލާ ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ފޯނު ރަނގަބީލުގެ އަޑުއިވުމުން ރަމްލާގެ ހިތްގެނބެން ފަށަނީ ކީއްވެގެން ހެއްޔެވެ. ތަކުރާރުކޮށް އޭނާ ހޭނެތެނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ މައްޗަށް އެތައް ފަހަރަކު ރަމްލާ ރުޅިއައެވެ. އޭނާ އެހުންނަނީ ހިތަށް ހަމަޖެހުން ދީގެންނެވެ. ހުރިހާ ވާހަކައެއް އޭނާވަނީ ފިރިމީހާއަށް ކިޔާދީފައެވެ. ވީއިރު މިހާރު ދެން ކޮންބިރެއް ހެއްޔެވެ..... އެކަމަކު އަދިވެސް އޭނާއަށް ފިރިމީހާގެ ރައްދު ޢަމަލެއްގެ ޚަބަރެއް ނުވެއެވެ. އޭނާ ހުމާ އޮންނަތާ ކިހާދުވަހެއް ހެއްޔެވެ. ބަލިވީއްސުރެ މުޢާޒާއި މައިދައިތަ އުޅެނީ އަވަދިނެތި އޭނާއަށް ޚިދްމަތް ކުރުމުގައެވެ. ކެނޑިނޭޅި ޑަކްޓަރުންނަށް ދައްކަމުން ދިޔައެވެ. އެތައް ފަހަރެއްގެ މަތިން ހަސްފަތާލަށްވެސް ގެންދެވުނެވެ. އޭނާގެ ޙާލުދެކެން ހުރިހާ ތިމާގެ މީހުނާއި މަންމައާއި ބައްޕައައެވެ. މަންމަ އޭނާ ގެއަށް ގެންދަންވެސް ގަދައެޅިއެވެ. އެކަމަކު ރަމްލާ ސާފުބަހުން އިންކާރު ކުރީއެވެ. ރާވަލް ޕަންޑީގައި އިން އޭނާގެ ކިސްރާ ދައްތަ ފޯނުކޮށްފައި އައުމަށްއެދި ދަޢުވަތު ދިނުމުންވެސް ދެކޮޅު ހެދީއެވެ. އޭނާއަށް އެއްތަނަކަށްވެސް ނުދެވުނެވެ. މައިފުނަގޭގެ ދޮށުގައިި ޔާދިރު އުޅެއެވެ. އަނެއްކޮޅުން ޕަންޑީގައި ޝާންބޭބެ އުޅެއެވެ. އެހެންކަމުން މިއިން އެއްވެސް މަގަކުންދާކަށް އޭނާ ނޭދެއެވެ. ރަމްލާގެ ދެމަފިރިން މިއުޅޭގެއަކީ ކިހާ ހަމަޖެހުމެއް ލިބޭ ގެއެއް ހެއްޔެވެ. އަމިއްލަ ގެއަކީ ކިހާ އަރާމު ގެއްއެއް ހެއްޔެވެ. ހިތްހަމަޖެހުމެވެ. އަމިއްލަވަންތަ ކަމެވެ. މިއީ އޭނާއަށް މިގޮތަށް އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. މިގޭގައިވާ ހުރިހާ އެއްޗެއްސަކީ އޭނާގެ އެއްޗެއްސެވެ. އޭނާއަކީ މިގޭގެ އެއްބައެވެ. ފުރާޅުގެ އެއްބައެވެ. އޭނާގެ ކުރިމަތީގައި މިގެއާ އަޅާބަލާއިރު މަންމަގެ ގެއަކީ އެކައްޗެއްވެސް ނޫނެވެ. އެގެއަށް އޭނާ ގޮސްއުޅެނީ މެހްމާނަކު ފަދައިންނެވެ. އެހެންނަމަވެސް އެގެއަށް ނުވަދެވޭނެ ގޮތެއް ނެހެދޭނެއެވެ.

އެންމެ ޙައިރާންވާންޖެހޭ ކަމަކީ މިހާފަހުން މިކަން ވިސްނުނުކަމެވެ. އެއީ ކީއްވެގެން ހެއްޔެވެ. ރަމްލާ މުޢާޒާއި ބެހޭގޮތުން ވިސްނަން ފެށުމުން ވޭތުވެދިޔަ ހުރިހާކަމެއް ހަނދާނަށް އަންނަން ފަށައިފިއެވެ. އެއާއެކު އޭނާ އަމިއްލަ ނަފްސަށް މަލާމާތްކޮށް ނަފްރަތު ކުރިއެވެ.

އޭނާގެ އެއްވެސް ވާހަކައަކުން ދުވަހަކުވެސް އޭނާ މުޢާޒުދެކެ ލޯބިވާކަމުގައި އިޝާރާތްކޮށްފައެއް ނެތެވެ. ލޯބިވުމަކީ މާދުރުގެ ކަމެކެވެ.

ވޭތުވެދިޔަ ހަފްތާގައި ފޯނުގެ އަޑުއިވިފައި އޭނާ ހޭނެތުމުން މައިދައިތަ ވަގުތުން މުޢާޒަށް ފޯނުކުރިއެވެ. އެއާއެކު ހަމައަވަހަށް އޭނާ ޑަކްޓަރު ގޮވައިގެން އައެވެ. ދެން ހުރިހާ ވާހަކައެއް މައިދައިތަ ކިޔާދިނެވެ.

އެއަށްފަހު ފުރިހަމަ ހަފްތާއެއް ވަންދެން އޭނާ އަނެއްކާވެސް އެނދުގައި އޮންނަން ޖެހުނީއެވެ. މިދުވަސްކޮޅުގެ ތެރޭގައި ދެފަހަރެއްގެ މަތިން ޖައްޔިދާ ފޯނުކުރިއެވެ. މަންމަ މިވާހަކަ ބުނުމުން ރަމްލާ ސާފުބަހުން ބުންޏެވެ.

[މަންމާއެވެ. އަދި އަޅުގަނޑަށް ހިނގާފައި ފޯނާ ހަމައަށް ނުދެވޭނެ ވާހަކައާ ކުޑަކޮށް ރަނގަޅުވެލުމުން އަޅުގަނޑު ފޯނުކޮށްލާފާނަމޭ ބުނުއްވާށެވެ.]

މަންމަ ވަރަށް އޯގާތެރި ކަމާއެކު މިވާހަކަ ޖައްޔިދާ ގާތު ބުނެދިނެވެ. އަދި ވޭތުވެދިޔަ ދޮޅުމަސް ދުވަހުއްސުރެ ރަމްލާ ބަލިވެއުޅޭ ވާހަކަވެސް ބުންޏެވެ.

ރަމްލާ މިގޮތަށް ބަލިވެ އޮންނަން ޖެހުމުން ލަދުގަނެއެވެ. އެހެނީ އޭނާގެ ބައްޔާއިމެދު އިޢުތިރާޟްކުރާ ހަމައެކަކު ގެއަކު ނޫޅެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 194 އިން 196 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން