ޞާދިރު ޢަލީދީދީ   31 މާރިޗު 2021 - 14:47
ވޭނީކަރުނަ
ވޭނީކަރުނަ
65 ވަނަ ބައި

.................

[މަންމާއެވެ. އަދި އަޅުގަނޑަށް ހިނގާފައި ފޯނާ ހަމައަށް ނުދެވޭނެ ވާހަކައާ ކުޑަކޮށް ރަނގަޅުވެލުމުން އަޅުގަނޑު ފޯނުކޮށްލާފާނަމޭ ބުނުއްވާށެވެ.] މަންމަ ވަރަށް އޯގާތެރި ކަމާއެކު މިވާހަކަ ޖައްޔިދާ ގާތު ބުނެދިނެވެ. އަދި ވޭތުވެދިޔަ ދޮޅުމަސް ދުވަހުއްސުރެ ރަމްލާ ބަލިވެއުޅޭ ވާހަކަވެސް ބުންޏެވެ.

ރަމްލާ މިގޮތަށް ބަލިވެ އޮންނަން ޖެހުމުން ލަދުގަނެއެވެ. އެހެނީ އޭނާގެ ބައްޔާއިމެދު އިޢުތިރާޟްކުރާ ހަމައެކަކު ގެއަކު ނޫޅެއެވެ.

މިއަދު އަނެއްކާވެސް ރަމްލާ ތެދުވެ ކުޑަކޮށް ހިނގާލަން މަސައްކަތްކުރިއެވެ. އޭނާ މަޢޫޒުގެ އިނގިލީގައި ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

ގޯތި ތެރޭގައި ތިބި ކުކުޅު ފިޔޮއްތަކަށް ގޮވާހެދިއެވެ. ކުއާޓަރުތަކާ ހަމައަށް ދިޔައެވެ. ނޯކަރުންގެ ޙާލު އަހްވާލު އަހާ ހެދިއެވެ.

އިރުކޮޅަކު ހިނގާލުމުން ޠަބީޢަތަށް ހަމަޖެހުމެއް ލިބުނެވެ. ދެން އެތެރެއަށް އައިސް އިށީނދެއްޖެއެވެ.

އޭނާއަށް އަދި ނޭވާހަމަޖައްސާނުލެވި އުޅެނިކޮށް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. އޭގެ އަޑަށް އަނެއްކާވެސް ރަމްލާ ބިރުގެންފިއެވެ. އޭނާގެ ހިތްތެޅެން ފަށައިފިއެވެ. ކުލަރީނދޫވާން ފަށައިފިއެވެ. އެކަމަކު ރިސީވަރު ނަގާހާ ހިތްވަރެއް އޭނާގެ ކިބައަކުނެތެވެ. އެތައް އިރެއްވީއިރުވެސް ފޯނުގެ އަޑުނުކެނޑުމުން މަންމަ ކޮޓަރީގެ ދޮރުން ބޯނެރެ ބަލާލިއެވެ. ރަމްލާ ފޯނުކައިރީގައި އިނެވެ.

އެހެންކަމުން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެއްޖެއެވެ.

[ރަމްލާ މަރުވެފައިވާ އަތަކުން ރިސީވަރު ހިއްލާލިއެވެ.

[ހަލޯއެވެ.....] އޭނާ ބުންޏެވެ.

[ހަލޯ ރަމްލާއެވެ. ވާހަކަ ދައްކަނީ ޖައްޔިދާއެވެ.]

މިއަޑު އިވުމާއިއެކު ރަމްލާ ރިސީވަރު ބާއްވައިފިއެވެ. އިރުކޮޅަކަށްފަހު އަނެއްކާވެސް ރަނގަބީލުވާން ފަށައިފިއެވެ. މިފަހަރުވެސް ފޯނުކުރަނީ ޖައްޔިދާކަން އޭނާއަށް އެނގެއެވެ. އޭނާ ތެދުވެގެންގޮސް ކޮޓަރިއަށް ވަނަސް މަންމައައިސް ގޮވާނެކަން ޔަޤީނެވެ. އަދި މިހާރަކު ފޯނާ ހަމައަށް ނާދެވޭނެއޭޭބުނެ ދެއްކޭނެ ބަހަނާއެއްވެސް ނެތެވެ. އެހެނީ މިހާރު ޖައްޔިދާއަށް އޭނާގެ އަޑުއިވިއްޖެއެވެ.

[ދަރިފުޅާއެވެ. ފޯނު ނުނަގާ ތިޔައިނީ ކީއްވެގެން ހެއްޔެވެ.]

ކުއްލިއަކަށް މަންމަ ބޭރަށްނުކުމެފައި ބުންޏެވެ. ދެން އަނެއްކާވެސް ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.... ރަމްލާ ފޯނު ނަގައިފިއެވެ.

[ރަމްލާއެވެ!] ޖައްޔިދާ ބުންޏެވެ. [ރަމްލާގެ ދަރިފުޅަށްޓަކާ އަހަރެންގެ ވާހަކަ އަޑުއަހާ ބަލާށެވެ.]

ރަމްލާގެ މުޅިހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އޭނާ ކުއްލިއަކަށް ތިރީތުންފަތުގައި ދަތުން ހިފާ ބާރުކޮށްލިއެވެ. ކޮންމެވެސް ކަހަލަ ރިހުމަކަށް ކެތްކުރާ ކަހަލަ ގޮތަކަށެވެ.

[މިފަހަރު ރަމްލާ ފޯނު ބާއްވައިފިއްޔާ ހުރިހާ ވާހަކައެއް މައިދައިތަކަށް ކިޔާދޭނަމެވެ.]

ރަމްލާ ފޯނުގައި ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅައިގަތެވެ. އޭނާ ފާރުގައި ބުރަކަށި ޖައްސާލިއެވެ.

[ބަލިވެއްޖެއޭ ކިޔައިގެން ތަންމަތީގައި އޮންނަތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ.]

ޖައްޔިދާގެ އަޑުގައިހުރީ ނަފްރަތުގެ ރާގެވެ.

[ރަމްލާގެ މަކަރާއި ޙީލަތުގެ ދަލުގައި ޖެހޭނީ ރަމްލާގެ ފިރިމީހާއާއި މައިދައިތައެވެ. އަހަންނަކީ ތިޔަދަލުގައި ޖެހޭނެ މީހެއްނޫނެވެ.]

ރަމްލާ ނޭވާ ހިފަހައްޓާލިއެވެ.

[އެއްޗެކޭ ނުބުނެ ތިޔައިނީ ކީއްވެގެން ހެއްޔެވެ. ރަމްލާގެ ގަޔަށް ހަރުފަ ވިހަލީ ހެއްޔެވެ؟]

އޭނާ އަނެއްކާވެސް ރުޅިވެރިކަމާއެކު ބުންޏެވެ. ބުނެބަލާށެވެ. ފޯނުގެއަޑު އެބައަހަމު ހެއްޔެވެ. ނުވަތަ ނާހަމު ހެއްޔެވެ..... އަޑުއަހަން ކޮންމެފަދަ މީހަކު އިނަސް ހުރިހާ ވާހަކައެއް ކިޔާދީފާނަމެވެ.]

ރަމްލާ ވަރަށް އުނދަގުލުން ކަރުތެރޭން އަޑުނުރެނެވެ.

[ދައްކަން ބޭނުން ވާހަކައެއް ދައްކަބަލާށެވެ. އަހަރެން މިއިނީ އަޑުއަހާށެވެ.]

[ގޮތްކުޑަޔާއެވެ.....] ޖައްޔިދާ ދަތްކުނޑި ވިކައިގެންފައި ބުންޏެވެ. [ކަލޭ އަހަރެންގެ ފިރިމީހާ މަޅީގައި ޖެއްސިފަހުން އޭނާގެ ޙާލަކީ ކޮބައިކަމެއް ކަލެއަކަށް ނޭނގޭނެއެވެ. އަހަންނަކީ ކަލޭގެ ރަޙްމަތްތެރިއަކަށް ވީތީ ކަލޭ ލަދެއް ނުގަނެއެވެ. އެކުވެރި ރަޙްމަތްތެރިންނަކީ އެއްބަނޑު އެއްބަފާ އުޚްތުން ކަހަލަ ބައެކެވެ. ކަލޭ އެއްބަނޑު އެއްބަފާ ދައްތައެއްގެ ޙަޔާތް ބަރުބާރުކޮށްލަ ފާނަން ހެއްޔެވެ؟ ކަލޭގެ ދައްތަގެ ފިރިމީހާ ދެކެ ލޯބިވެދާނަން ހެއްޔެވެ.

މިހާރުގެ އެކުވެރިންގެ ޙާލަކީ ތިޔައީއެވެ. އެމީހުންގެ ފިރިންގެ މައްޗަށް ކަޅިއުކުމަކީ ރަޙްމަތްތެރިންގެ އާދައެކެވެ. ކަލޭ ލަދެއް ނުގަނޭ ހެއްޔެވެ. ގޮތްކުޑަ އަންހެނާއެވެ. އަހަރެންގެ ފިރިމީހާނޫން އެހެން މީހަކު ކަލެއަށް ނުފެނުނީ ހެއްޔެވެ. ކަލޭ ކަހަލަ ކިތަންމެ އަންހެނަކާ އަހަންނާ ބައްދަލުވެއްޖެއެވެ. އެމީހުން އަބަދުވެސް އުޅެނީ މަޢުޞޫމިއްޔަތުގެ ނަޤާބު މޫނުމައްޗަށް ވައްޓާލައިގެންނެވެ. އެކަމަކު މަޑުމަޑުންތިބެގެން އެހެން މީހުންގެ ފިރިން ލޫޓުވަނީއެވެ. ކަލޭ ތިޔަކުރިފަދަ ޢަމަލެއް ކަލޭގެ ފިރިމީހާއާމެދު އަހަރެން ކުރިނަމަ ކަލޭގެ ހިތްބުނާނީ ކީކޭ ހެއްޔެވެ.

އާވާރާ އަންހެނާއެވެ. އަހަރެންހުރީ ހުރިހާކަމެއް ދެކޭށެވެ. ކެތްކޮށްގެންނެވެ. އަދި ކަލޭގެ ލަދު ކޮބައިބާވައޭވެސް ހިތަށް އެރިއެވެ. އެންމެ ފަހަރަކު ނަމަވެސް ޔާދިރަކީ ކަލޭގެ އެކުވެރިޔާގެ ފިރިމީހާކަން ކަލޭގެ ހިތަށް އަރާފާނެއޭ ހީކުރީމެވެ.]

ޖައްޔިދާ ކުޑަދުލެއް ދިނެވެ.

ރަމްލާގެ ލޮލަށް ފުރެންދެން ކަރުނަ ޖަމާވެއްޖެއެވެ. އެސްފިޔަޖައްސާ ބާރުކޮށްލުމާއެކު ކޯތާފަތް މައްޗަށް ކަރުނައިގެ ސައިލާބު ދެމިގަތެވެ. ދެން ދޯޕައްޓާގެ ކޮޅުން މޫނު ސާފުކޮށްލިއެވެ.

[އަޑުއަހަނީ ހެއްޔެވެ. ނޫނީ މަރުވީ ހެއްޔެވެ؟] ޖައްޔިދާ ރުޅިވެރި ކަމާއެކު ސުވާލުކުރިއެވެ.

އެއާއެކު ރަމްލާއަށް އެހާބާރެއް ލިބުނީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާ ބުންޏެވެ.

[ކަލޭ ދައްކަން ބޭނުން ވާހަކައެއް ދައްކަމުން ގެންދާށެވެ. މިއަދު ކަލޭ ދައްކާ ހުރިހާވާހަކައެއް އަހަރެން އަޑު އަހާނަމެވެ.]

އިތުރަށް ބުނަން ރަމްލާގެ ހިތަށް އެރިއެވެ. ޖައްޔިދާއެވެ. އަހަރެންގެ ފަރާތުން ތިޔަހިފި ބަދަލަކީ އަހަރެންގެ ޙަޔާތް ބަރުބާދު ކޮށްލުންފަދަ ކަމެކެވެ. ކަލޭ އަހަރެން ޖެއްސި މަޅިން އަހަރެންގެ ފިރިމީހާ ސަލާމަތް ކޮށްދީފިއެވެ. ދެން މިހާރު ތިޔައުޅެނީ ކޮންފަދަ ރޭވުމެއް ރާވަން ހެއްޔެވެ. އެކަމަކު ރަމްލާގެ އަނގައަކުން އެކައްޗެއްވެސް ބޭރެއް ނުކުރެވުނެވެ.

އިރުއިރުކޮޅުން މައިދައިތަ ފެނެއެވެ. އެހެންކަމުން މިއަދު އޭނާ އަޑުއަހާނީއެވެ.

[އަޑު އެހެނުންނޫ އެހެންކަމެއް ކުރެވިދާނެ ހެއްޔެވެ. ކަލެއަށް ބުނެވޭނެ އެއްޗެއް އެބައޮތް ހެއްޔެވެ. އަހަރެންގެ ކުރިމަތީގައި ކަލޭހުރިނަމަ އަހަރެން ކަލޭގެ ބޮލުގެ އިސްތަށިތައް ނޮޅާލީމުހެވެ. ކަލޭ އެމޫނެއްގެ މައްޗަށް ފަޚުރުވެރިވާ ރީތި މޫނުގައި ވަކިއަޅާ ނޮޅާލީމުހެވެ. ކަލޭގެ ކަނދުރާ ބިންދާލީމުހެވެ.]

ޖައްޔިދާ ދަތްކުނޑި ވިކާފައި ހުރިވަރުން ހީވަނީ އޭނާގެ އަތް ރަމްލާގެ ކަރާދިމާއަށް އަންނަނީ ހެންނެވެ.

[އެކަމަކު ހިތާމަހުއްޓެވެ.... އަހަންނަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ.... އެއްކަމެއްވެސް ނުކުރެވޭނެއެވެ....]

މިހެންބުނަމުން ޖައްޔިދާގެ އަޑުފުރިގެން އަތުވެއްޖެއެވެ. ރަމްލާވެސް ދެރަވެއްޖެއެވެ. އޭނާ ރުޅިއައުއް ޙައްޤެވެ. ތިމާގެ ފުރިމީހާ އެހެން އަންހެނެއްގެ އަތްދަށުގައި ވާތަން ދެކެން ހުރެވޭނީ ކާކަށް ހެއްޔެވެ. ރަމްލާއަށް ކުށް ކުރެވިއްޖެއެވެ. އޭނާ ހުރީ އެކަމުގެ ސަޒާލިބެން ތައްޔާރަށެވެ. އޭނާ އެދިއެދި ހުރީވެސް ޖައްޔިދާ އޭނާގެ ރުޅިއާއި ނަފްރަތު ފާޅުކުރުމަށެވެ. އެހެނީ އެދެގޮތުން މިކުރެވޭ ފޯނު ނުކުރެވޭގޮތް ވެދާނެއެވެ.

[ދުނިޔޭގައިވާ އެންމެ ނުލަފާ އަންހެނުންވެސް އަވަށްޓެރިންނަށް ރަމްލާ ކުރެއެވެ. އެކަމަކު ކަލޭގެ ހިތުގައި އަހަންނާމެދު ރަޙްމެއް ނުއުފެދުނެވެ. ކަލޭ އަހަރެންގެ ޙަޔާތް ބަރުބާދު ކޮށްލައިފީމުއެވެ. އަހަރެންގެ މަލުގެ ތަންމަތި ވީރާނާ ކޮށްލައިފީމުއެވެ. އަހަރެން ކުރީގައި އުޅެމުން އައީ ކޮންފަދަ އުފާވެރިކަމަކާ އެކުގައި ހެއްޔެވެ.]

މިހެން ބުނުމާއެކު ޖައްޔިދާގެ އަޑު ކުރެހިއްޖެއެވެ. އޭނާއަށް ކަރުނަ ޙަމަލާދިނީ ނޫންކަމެއް ނޭނގެއެވެ. ރުޅިއާއި މޮޅިވެރިކަމުގެ ތެރޭގައިވެސް މިގޮތަށް ކަރުނަ އަތުވެދާނެއެވެ. އޭނާ އަނެއްކާވެސް އެކަރުނައިގެ މައްޗަށް ބާރު ހިންގައިފިއެވެ.

[ގޮތްކުޑަ އަންހެނާއެވެ. އެދުވަހު ކަލޭ ސަލާމަތްވެގެން އަތުވެއްޖެއެވެ. ސަލާމަތްވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެހެންނޫންނަމަ އަހަރެންވެސް ކަލޭ އަނދަމުންދާ މަންޒަރު ދެކެން ހުރީމުހެއެވެ.]

ރަމްލާ ތުރުތުރު އަޅައިގަތެވެ. ޖައްޔިދާވެސް އެރޭވުމުގައި ބައިވެރިވީއެވެ. އޭނާ އެބުނިގޮތް މެދުވެރިވިނަމަ ޙަޤީޤަތުގައިވެސް އެދެމީހުންނަށް ރަމްލާ ބްލެކްމެއިލް ކުރެވިދާނެއެވެ.

ޖައްޔިދާ އިރުކޮޅަކު ރުޔެވެ. އެހެނީ ދެވަނަ ފަހަރަށް އޭނާ ވާހަކަދައްކަން ފެށިއިރު އޭނާގެ އަޑުހުރީ ބަދަލުވެފައެވެ.

[އެކަމަކު މިހާރު އަހަރެން ވިސްނައިފީމެވެ. އަހަންނަށްވުރެ ކަލޭގެ ނަސީބު ރަނގަޅީ ނޫންކަމެއްވެސް ނޭނގެއެވެ. ކަލޭގެ މައިންބަފައިންނާއި މައިދައިތަގެ ދުޢާގެ ސަބަބުން ކަލޭ ސަލާމަތްވީ ނޫންކަމެއްވެސް ނޭނގެއެވެ. ކަލެއަށް ދިލައެއް ހޫނެއް ނުލިބި އަހަރެން ޖެހި ދަލުގައި ނުޖެހި އާދެވުނީ އެހެންވެގެންނެވެ.....]

ރަމްލާ ކުއްލިއަކަށް އެނބުރި ބަލާލިއެވެ. މަންމަ ގޯތި ތެރޭގައި އިނެވެ. މަޢޫޒު ދުވެދުވެފައި އުޅެއެވެ. މަންމަ އިސްއުފުލާ ބަލާލިއެވެ. ރަމްލާ ރިސީވަރު ކަންފަތުގައި ޖައްސައިގެން ފަރުވާވެއަޑުއަހަން އިންތަންފެނިފައި އޭނާ އަނެއްކާވެސް ކޮންމެވެސް ކަމަކާއިގެން މަޝްޣޫލު ވެއްޖެއެވެ.

ޖައްޔިދާ ރޮއިރޮއިފައި ހަމައަކަށް އުޅެނީނޫން ކަމެއްވެސް ނޭނގެއެވެ.

ދެވަނަ ފަހަރަށް ވާހަކަ ފެށިއިރު އޭނާގެ އަޑަށްވަނީ ކުޑަކޮށް ބަދަލު އައިސްފައެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 197 އިން 199 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން