66 ވަނަ ބައި
.................
ރަމްލާ ކުއްލިއަކަށް އެނބުރި ބަލާލިއެވެ. މަންމަ ގޯތި ތެރޭގައި އިނެވެ. މަޢޫޒު ދުވެދުވެފައި އުޅެއެވެ. މަންމަ އިސްއުފުލާ ބަލާލިއެވެ. ރަމްލާ ރިސީވަރު ކަންފަތުގައި ޖައްސައިގެން ފަރުވާވެއަޑުއަހަން އިންތަންފެނިފައި އޭނާ އަނެއްކާވެސް ކޮންމެވެސް ކަމަކާއިގެން މަޝްޣޫލު ވެއްޖެއެވެ. ޖައްޔިދާ ރޮއިރޮއިފައި ހަމައަކަށް އުޅެނީނޫން ކަމެއްވެސް ނޭނގެއެވެ.
ދެވަނަ ފަހަރަށް ވާހަކަ ފެށިއިރު އޭނާގެ އަޑަށްވަނީ ކުޑަކޮށް ބަދަލު އައިސްފައެވެ.
[ރަމްލާއެވެ. އަހަރެން މިދެއްކި ވާހަކައާމެދު އަހަންނަށް މަޢާފުކުރާށެވެ. އަހަރެންގެ މަޤާމުގައި ރަމްލާ ހުރިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ..... ވިސްނާލަ ބަލާށެވެ.... އަޑު އެބައަހަމު ހެއްޔެވެ......؟] އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ.
[އަޑު އެބައަހަމެވެ.] ރަމްލާ ބުންޏެވެ.
[އެހެންވީއިރު ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ.]
[ޖައްޔިދާއެވެ! އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ. ބޭނުން އެއްޗެއް ކިޔުމުގެ ޙައްޤު ޖައްޔިދާއަށް ލިބިގެން ވެއެވެ. އަހަރެން މިޙާލުގައި އޮންނަތާ ދޮޅުމަހެއްހާ ދުވަސް ވެއްޖެއެވެ. އެކަމަކު ޖައްޔިދާގެ ހިތް އުފާވާނެކަމެއް އޮތިއްޔާ އަހަރެން ކުރާނަމެވެ.]
ރަމްލާ މައިދައިތައަށް އަޑު ނީވޭވަރަށް މަޑުމަޑުން ބުންޏެވެ.
[ރަމްލާއެވެ!] ޖައްޔިދާ ބުންޏެވެ. [ރަމްލާއަށް ފެންނަ ކޮންމެ އެއްޗަކީ އަދި ޙަޤީޤަތެއްނޫނެވެ. އަހަރެން ރަމްލާގެ ސިފަ ދެކޭކަށްވެސް ބޭނުމެއްނޫނެވެ. އެކަމަކު އަހަރެންގެ ޙަޔާތާއި ބެހޭގޮތުން މިއަދު ރަމްލާ ގާތުގައި ކުޑަ އެއްޗެއް ބުނެލާނަމެވެ. ހަމައެކަނި ރަމްލާ ގާތުގައެވެ. ޠަބަޢީގޮތުން ރަމްލާއަކީ މާތް ނަފްސެއްކަން އަހަންނަށް އެނގެއެވެ. އަދި މިޙާދިސާއަށް ފަހުގައި ރަމްލާގެ ފަރާތުން އަހަންނަކަށް އެއްވެސް ބިރެއްނެތެވެ.]
މަންމަ ކުޑަކޮށް ގޮތަށް ޖެހިލައިފިއެވެ. ގޯތި ތެރެއަށް އަވިއަރަމުން އަންނާތީއެވެ. ރަމްލާ ވަރަށް ރައްކާތެރި ކަމާއެކު މަޑުމަޑުން ބުންޏެވެ.
[އާއެކެވެ. ބުނާށެވެ.....] މިއަޑު މަންމައަށްވެސް އިވިއްޖެއެވެ. އެހެންކަމުން ރަމްލާ ވަރަށް ފޯރީއާއެކު ވާހަކައެއް އަޑު އަހަނީކަން އޭނާއަށް އެނގިއްޖެއެވެ.
[ރަމްލާއެވެ! އަހަރެންގެ ކައިވެނި ކުރެވުނީ ކިހިނެއްކަމެއް ރަމްލާއަކަށް ނޭނގޭނެއެވެ. އަހަރެން ޔާދިރުގެ މަޅީގައި ޖެހުނުއިރު އަހަރެންގެ ޢުމުރަކީ ސަތާރަ އަހަރެވެ. ޔާދިރަކީ ރަނގަޅު ހުރިހާކަމެއްގެ ނަމޫނާއަކަށް ވެގެންހުރި ނަގްލީ މީހެއްކަމެއް އަހަރެން ނުދެނެހުރީމެވެ. އަހަންނަށް ދުނިޔޭގައި ޔާދިރު ފިޔަވާ އެހެން އެކައްޗެއްވެސް ނުފެނެއެވެ. އަހަރެންގެ މައިންބަފައިން ޔާދިރާއި ކައިވެނިކުރާކަށް އެއްބަހެއް ނުވިއެވެ. އެހެނަސް ޔާދިރުގެ އެދުމުގެ އެއްގޮތަށް އެއްދުވަހަކު އަހަރެން އޭނާއާއެކު ފިލައިފީމެވެ. ޔާދިރު އޭނާގެ ރައްޓެހިން ކޮޅެއްގެ ޙާޟިރުގައި އަހަންނާ ކައިވެނި ކޮށްފިއެވެ. ދެން އެއަށްފަހު އަހަރެމެން އެތަން މިތަނަށް ދަތުރުކުރީއެވެ. އަދި އެންމެފަހުން ޝަހަރުން ބޭރަށްވެސް ދިޔައީއެވެ.
އިންގްލެންޑަށް ދިއުމަށްފަހު އަހަންނަށް ޔާދިރުގެ ޙަޤީޤަތް އޮޅުން ފިލައިފިއެވެ.]
މިހިސާބަށް ބުނެފައި އޭނާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. ދެން އަނެއްކާވެސް ބުނަން ފެށިއެވެ.
[އެކަމަކު އެވަގުތު އެއްކަމެއްވެސް ނުވެވުނެވެ. އަހަންނަކީ އޭނާގެ ކުޅޭކުޅޭ އެއްޗަކަށް ވެއްޖެއެވެ. އޭނާގެ އިޝާރާތަށް ނަށަން ޖެހިއްޖެއެވެ....
[ކީއްވެގެންކަން އެނގޭ ހެއްޔެވެ.......]
އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާވެސް ބުންޏެވެ.
[ޙަޤީޤަތުގައި ޔާދިރު އަހަންނަކާ ކައިވެންޏެއް ނުކުރެއެވެ. އެހެނީ އެއީ މުޅިންވެސް މަކަރެވެ. މިހާރު އަހަންނަށް ހެދޭނެ ހަމައެއްގޮތެއް ނެތެވެ. ދުނިޔޭގެ ނަޒަރުގައި އަހަރެމެންނަކީ ދެމަފިރިންނެވެ. އަހަންނަކަށް މިސިއްރު ބޭޒާރުކޮށެއް ނުލެވުނެވެ. އަހަރެންގެ ގެއާ ހަމައަށް މިހިތާމަވެރި ޚަބަރު ހިނގައިދާނެތީއެވެ. އެމީހުން އޮތީ މާކުރިންވެސް ޔާދިރަކީ ރަނގަޅު މީހަކު ނޫން ކަމުގައި ބުނެފައެވެ.]
[ދެން ކިހިނެއްވީ ހެއްޔެވެ؟] ރަމްލާ ބޭއިޚްތިޔާރުގައި އަމިއްލަ ހިތުގައިވާ ހަމްދަރްދީ ފާޅުކުރިއެވެ.
[މިހާދިގު ވާހަކަގަނޑެއް ދައްކާނީ ކިހިނެއް ހެއްޔެވެ؟] ޖައްޔިދާ ހިތާމަވެރި ގޮތަކަށް ބުންޏެވެ. [ޔާދިރު އަހަރެން މިވައްޓާލީ ސަލާމަތްވުމެއްނެތް ކިސަނޑުގަނޑެއްގެ ތެރެއަށް ކަމުގައި ހީކޮށްލާށެވެ. މީގެ އިތުރުން ޔާދިރު އަދިވެސް އެހެން އަނިޔާއެއް ދިނެވެ. އެކަން އަހަންނަށް އެނގުނީ ވަރަށް ފަހުންނެވެ.] މިހެން ބުނެފައި ޖައްޔިދާ ރޯން ފަށައިފިއެވެ.
[ޖައްޔިދާއެވެ! ނުރޯށެވެ.] ރަމްލާ މަޑުމަޑުން ބުންޏެވެ. [އަހަރެން ގާތުގައި ތިޔަ ހުރިހާވާހަކައެއް ކިޔާދޭށެވެ.]
[ދެއްކުމުގެ މިކައިވެނީގެ ފަހުގައި އަހަރެންގެ ބަނޑުބޮނޑުވިނަމަ.....] ޖައްޔިދާ އަނެއްކާވެސް ބޭއިޚްތިޔާރުގައި ރޯން ފަށައިފިއެވެ.
[އެ އަނިޔާވެރިޔާ ވައްތަރު ވައްތަރުގެ ފިއްތުންތައް ފިއްތަންފެށީ ވަކިގޮތެއް ބަލައިގެނެއް ނޫނެވެ. ލޯބީގެ އެތައް އެތައް ބަގީޗާއެއް ހައްދައިފިއެވެ. އަހަރެންގެ މަގުގައި ދޫލައަޅާ ހައްލުވައިފިއެވެ. މިކަމުގެ ސަބަބުން ދަރިއަކު ލިބުމަކީ ލޯތްބަށް ހުރަސްއަޅާފާނެ ކަމެއް ކަމުގައި އަހަންނަށް ފެނިއްޖެއެވެ. އެންމެފަހުން ޔާދިރުގެވެސް އެދުމާއެކު އަހަރެން ނުވިހާގޮތް ހަދައިފީމެވެ. އަހަރެންގެ މޮޔަކަން ނިކަން ދެކެބަލާށެވެ. މިކަން އަހަންނަށް އިޙްސާސް ކުރެވުނީ ވަރަށް ފަހުންނެވެ. އަހަރެން ދެން ދުވަހަކުވެސް ކުއްޖަކު ނުހިވާނެކަން އެނގުނީ ފުރިހަމަ ފަސްއަހަރަށް ފަހުގައެވެ.]
ޖައްޔިދާ ރޯން ފަށައިފިއެވެ.
ރަމްލާގެ ހިތުގައި ރިހުމެއް އުފެދުނު ކަހަލައެވެ. އަދި ޔާދިރުގެ ބިރުވެރި މޫނު އޭނާ ލޯމަތީގައި އަނބުރިގަތެވެ. މާތް ކަލާކޯއެވެ. ދުނިޔޭގައި ހާދަހާ ގިނަ ނުލަފާ ޖައްބާރު މީހުން އުޅެއެވެ.
ޖައްޔިދާ ރޮމުން ގެންދިޔައެވެ.... ރަމްލާ ހިމޭންކަމާއިއެކު އޭނާގެ ގިސްލުމުގެ އަޑުއަހަން އިނެވެ.
މިވާހަކަ މީގެކުރިން ޖައްޔިދާ ކިޔާދިންނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ކިހާ ވަރަކަށް ރައްކައުތެރި ވެވުނީސް ހެއްޔެވެ.
ޖައްޔިދާ ރޮއިރޮއިފައި ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ.
[ރަމްލާއެވެ! އަޑު އެބައަހަމު ހެއްޔެވެ؟]
[އާނއެކެވެ! އަހަރެން މިއިނީ ހުރިހާ ވަހާކައެއް އަޑުއަހާށެވެ. ވާހަކަ ކުރިއަށް ގެންދާށެވެ!]
މަންމަ އިސްއުފުލާފައި ރަމްލާއާ ދިމާއަށް ބަލާލިއެވެ. އޭނާ އިނީ ވަރަށް ފަރުވާތެރި ކަމާއެކު ފޯނުގެ ތެރެއަށް ގެއްލިފައެވެ.
[ރަމްލާއެވެ! އަހަންނަކީ ވަރަށްބޮޑު ކުށްވެރިއަކީމެވެ.] ޖައްޔިދާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
[ޙަޤީޤަތުގައި އަހަންނަކީ އަހަރެންގެ މައިންބަފައިންގެ ހިތަށްއަނިޔާދީފައިވާ އަންހެނަކީމެވެ. މައިންބަފައިންނަށް ހިތްދަތިކަމެއް ދީފައިވާ މީހަކަށް ފަހަރެއްގައިވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. ދުނިޔޭގައި ވެނާއި މޮޅިފިޔަވާ އެހެން އެކައްޗެއްވެސް އެމީހަކަށް ނުލިބޭނެއެވެ.]
[ޖައްޔިދާއެވެ....] ރަމްލާ ހިތްވަރުކޮށްލާފައި ބުންޏެވެ.] ޖައްޔިދާއަށް އަދިވެސް އެމީހުންގެ ގާތަށްގޮސް މާފަށް އެދެވިދާނެއެވެ. މައިންބަފައިންގެ ހިތަކީ ވަރަށް ތަނަވަސް އެއްޗެކެވެ. އެމީހުން ދަރިންގެ ހުރިހާކުށެއް މާފުކޮށްދެއެވެ.]
[އާނއެކެވެ....] ޖައްޔިދާ ރޮއިގަތެވެ. [އަހަރެން އެމީހުންގެ ފައިދޮށަށްގޮސް ރޯން ފަށައިފިއްޔާ އެމީހުން މާފު ކުރާނެކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަންނަކަށް ދެނެއް އެހެނެއް ނުހެދޭނެއެވެ.]
[ކީއްވެގެން ހެއްޔެވެ؟] ރަމްލާ ސުވާލުކުރިއެވެ.
[ރަމްލާއެވެ. އަހަރެންގެ އަނދިރި ޙަޔާތުގެ ވާހަކަ ކިޔާދޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ޔާދިރުގެ ކުޅޭކުޅޭ އެއްޗަކަށްވެފައިވާ މީހެކޭ ދެންމެ ބުނީމެއްނޫން ހެއްޔެވެ. ޔާދިރަކީ ރީތި ޝަހެޒާއެއްފަދަ މީހެކެވެ. އެކަމަކު އޭނާގެ އެތެރެ ހައްޓަކީ މަކްރޫހަ އެތެރެ ހައްޓެކެވެ. އޭނާ ރީތި އަންހެން ކުދިން ދަލުގައި ޖައްސައެވެ. ދެން އެމީހުން ބްލެކްމެއިލް ކޮށްގެން ދާއިމީ ގޮތެއްގައި ފައިދާނަގައެވެ. މިރޭވުން ތަކުގައި އޭނާއާއެކު މަސައްކަތް ކުރަނީ އަހަންނެވެ. އޭނާ އެތަކެއް އަންހެން ކުދިންނަކާ އޭނާ ކައިވެނިކޮށްފިއެވެ. މިކަންކުރުވީ ޚުދް އަހަންނެވެ. އޭނާގެ ސަބަބުން ކިތަންމެ އަންހެން ކުދީންނެއް އަމިއްލައަށް މަރުވެފައިވެއެވެ. މީނާގެ މަޅީގައި ޖެހިފައިވާ އަންހެން ކުދިންނަކީ މީނާއަށް ޚަރަދުކުރަން ވާޖިބު ބައެއް ކަހަލައެވެ.... އެކަމަކު އޭނާގެ ސިފަ ކަލޭ ދުށީމުނޫން ހެއްޔެވެ. ކީހިރީތި ހެއްޔެވެ. ކިހާ މަޢުޞޫމުގޮތެއް ދައްކުވާ ހެއްޔެވެ... އޭނާ އަހަރެންގެ މައިންބަފައިންނާ ބައްދަލުކުރުމުގެ ހުއްދައެއް ނުދެއެވެ. އަހަރެން ގަދަހަދާލާފައި ހިނގައްޖެއްޔާ އޭނާ އެމީހުނާ މެދުވެސް އަނިޔާވެރި ވެދާނެއެވެ.]
[ނާތެދެއް ހެއްޔެވެ.....] ރަމްލާ ބޯއަނބުރައިގަތް ކަހަލައެވެ. އޭނާ އަނެއް އަތުން ރިސީވަރުގައި ހިފައިފިއެވެ. އަދި ގަތްބިރަކުން އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.
[ޖައްޔިދާއެވެ....] އޭނާ ބިރުވެރި ރާގަކަށް ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެވުނެވެ.
[އާނއެކެވެ. އޭނާގެ ދަލުގައި ރަމްލާ ޖެހޭކަށް އަހަރެން ނޭދެމެވެ. އަހަރެން ރަމްލާގެ މައިންބަފައިންވެސް ރަނގަޅަށް ދަންނަމެވެ. އެކަމަކު އަހަންނަށް މަޖުބޫރެވެ. ރަމްލާގެ މައްސަލާގައި އޭނާއޮތީ ކާމިޔާބު ބުވެއްޖެއްޔާ އަހަރެން ޤަތުލުކުރާނޭ ކަމުގާވެސް ބުނެފައެވެ. އަހަރެން އެހުރިހާ ރޭވުމެއް ރޭވީ އެހެންވެގެންނެވެ. ރަމްލާއަކީ އެހާބޮޑު މޮޔައެކެވެ....]
[އާނއެކެވެ.....] ރަމްލާ ހަމައެކަނި މިހެން ބުނެލިއެވެ. ދެން އަނެއްކާވެސް ތުރުތުރުއަޅާ އަޑުގެ މައްޗަށް ވެރިވެގަތެވެ.
[މިކައިވެނީގެ ވާހަކަ އަހަރެން ދެއްކީވެސް ހަމަ އޭނާގެ ބުނުމުގެ މަތިންނެވެ. އަދި ރަމްލާ އެކަމާ އެއްބަސް ނުވުމުން އޭނާ ދެވަނަ ރޭވުމެއް ރޭވީއެވެ. އަހަރެން ލައްވާ ރަމްލާއަށް ފޯނުކުރުވީއެވެ. އެއަށްފަހު އަހަރެން ގެއިން ބޭރަށް ފޮނުވީއެވެ.
އެދުވަހު އަހަރެންގެ ޟަމީރު އަހަންނަށް ވަރަށް އަނިޔާކުރިއެވެ. އެދުވަހު ރަމްލާ ގެއިން ނުނިކުންނާނެ ނަމައޭ އަހަރެންގެ ހިތަށް ކިތަންމެ ފަހަރަކު އެރިއެވެ. އަދި އައި މަގުމަތީގައި އެކްސިޑެންޓެއްވެގެން ނަމަވެސް މަގުބަންދުވާނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އޭރުން ޔާދިރުއާ ހަމައަށް ރަމްލާއަކަށް ނާދެވުނީހެވެ.... ޔާދިރު ކޮޓަރީގައި ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. އެތާނގައި ޓޭޕް ރެކޯޑަރުވެސް ތައްޔާރަށް ހުރެއެވެ. އޭނާ ބުލެކްމެއިލް ކުރުމުގެ ހުރިހާ އުކުޅެއް ދަނެއެވެ. ވަރަށް ނުލަފާ އިންސާނެކެވެ....]
ހަމަ މިވަގުތު ރިސީވަރު ބާއްވާފައި ސަޖިދައަށް ތިރިވެދާނަމޭ ރަމްލާގެ ހިތަށް އެރިއެވެ. އެފަދަ ނުބައިނުލަފާ އިންސާނެއްގެ އަތްދަށުން ސަލާމަތް ވެވުނީތީއެވެ.
* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 100 އިން 103 ހަމައަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު