ޞާދިރު ޢަލީދީދީ   6 އޭޕްރީލު 2021 - 14:31
ވޭނީކަރުނަ
ވޭނީކަރުނަ
68 ވަނަ ބައި

.................

ރަމްލާ ބޭނުންވަނީ އެކަނިވެރިކަމެވެ. މުޅިން ވަކިން އެކަނި އޮތުމަށެވެ.

މައިދައިތަ ހޫނު ކިރުތަށްޓެއް ގެނެސްދީފިއެވެ. އަދި ރަމްލާގެ ކައިރީގައި ތަށިބަހައްޓާފައި ނުކުމުގެން ހިނގައްޖެއެވެ. އިރުކޮޅަކު އޮވެލާފައި ރަމްލާ ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި އަލަމާރި ކައިރިއަށް ހިނގައްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއިގެން އަލަމާރި ހުޅުވާލައިފިއެވެ. ހަމަ ކުރިމަތީގައި ރަތްމާޖެހި ދޯޕައްޓާ އޮތެވެ. އެއާއިއެކު ޖައްޔިދާގެ ހުރިހާ ވާހަކައެއް އޭނާއަށް ތެދު ކުރެވިއްޖެއެވެ.

މުޢާޒު އޭނާގެ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން މުޢާޒަށް އެނގޭއެއްޗަކީ ފޯނުނެގުމާއިއެކު ރަމްލާ ހޭނެތޭ ކަމެވެ.

މިއަދު ރަމްލާ ލަދުގަތްވަރުން ބިންގަނޑު ފަޅާލާފައި ވަދެދާނެމޭ ހިތަށް އެރިއެވެ.

ބައެއް ފަހަރަށް އިޙްސާސްތައް ނިދައެވެ. އަނެއްބައި ފަހަރަށް ހިތް ނިދައެވެ. ޙަޔާތުގައި ނިދުމާ ހޭލުން ދެމި އޮވެއެވެ. އެހެން ނަމަވެސް ކެނޑިނޭޅި ތަފާތު ކަންތައްތަކާ ކުރިމަތިވާން ޖެހިއްޖެނަމަ ތިމާގެ ނަފްސު ދާނެގޮތަކަށް ދާން ދޫކޮށްލައެވެ. ރަމްލާގެ ސިކުނޑި ފުރިހަމައަށް މަސައްކަތް ކުރުމަށް އިންކާރު ކޮށްފިއެވެ. އެހެންކަމުން އޭނާ ޙަރަކާތެއްނެތި އިނދެއެވެ. ޒަމާންވީ ބަލިމީހެއް ފަދައިންނެވެ. އެއްވެސް މީހަކު އޭނާގެ ހިމޭން ޙަރަކާތާއި ރޮވޭރޮވުން ދެނެގަންނާކަށް މަސައްކަތެއް ނުކުރެއެވެ. ރެޔާއި ދުވާ އާދައިގެ މަތިން ފާއިތުވަމުން ދެއެވެ.

ރަމްލާ ވޭތުވަމުންދާ ދުވަސްތަކާއިއެކު ހިނގުމަށް ވިސްނަމުން ދެއެވެ. މިހާރު ފޯނުގެ ރަނގަބީލުވުމުން ބިރު ގަންނަގޮތް ފިލައިގެން ހިނގައްޖެއެވެ. ނަސީބުގެ އުޑުގައި ހިޔަނި އަޅައިގެންހުރެ ކަޅު ވިލާގަނޑު އަމިއްލައަށް ކެހިގެން ހިނގައްޖެއެވެ. ހުރިހާ ބިރުވެރިކަމެއް ފިލާ ހިނގައްޖެއެވެ. އާނއެކެވެ. މިހާރު އޮތީ ޟަމީރުގައިވާ ކުޑަ ހަމަނުޖެހުމެކެވެ.

މައިދައިތަ ފޯނު ނަގައިފިއެވެ. ވާހަކަ ކޮޅެއް ދެއްކިއެވެ.... ދެން އައިސް ރަމްލާގެ ބޯލާކޮޅަށް ހުއްޓިއްޖެއެވެ. ރަމްލާ އޮތީ މޫނުމަތީގައި މަޑު ބާލީހެއް ބާއްވައިގެންނެވެ. ކުޑަ އިރުކޮޅަކަށްފަހު ކޮންމެވެސް މީހަކު ކައިރީގައިި ހުރިހެން ހީވެގެން މޫނުމަތީގައި އޮތް ބާލީސް ނަގާ ބަލާލިއެވެ.

އޭނާގެ ކައިރީގައި ހުރީ މައިދައިތައެވެ. ގައިގެ ކުލަ ރީނދޫވެފައެވެ.

ރަމްލާ ތެދުވެ އިށީނދެއްޖެއެވެ.

އޭނާ ލޯތްބާއިއެކު ރަމްލާގެ ބޮލުގައި އަތް ބާއްވާލިއެވެ. ރަމްލާގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. އޭނާ މަންމަގެ އަތުގައި ހިފެހެއްޓިއެވެ. އަދި ސިހިފައި ސުވާލުކުރިއެވެ.

[މަންމާއެވެ. ކިހިނެއްވީތޯއެވެ.....؟]

މައިދައިތަ ރަމްލާއާ ހަތަރުކަޅި ހަމަކޮށްފައި ބުންޏެވެ.

[ކޮންމެ ކަމެއްވެސްވަނީ ކަލާނގެ ތަޤްދީރުގައިވާ ގޮތަކަށެވެ. މިންވަރު ކުރެއްވި ގޮތަކަށެވެ.]

ރަމްލާ ހަމައެގޮތަށް މޮޔައެއްހެން ބަލަހައްޓައިގެން އިނެވެ. އޭނާ މައިދައިތަގެ ޖުމްލައާމެދު ވިސްނަނީއެވެ.

މަންމަ އެނދުގެ އަނެއް ފަރާތުން އައިސް ރަމްލާގެ ކައިރީގައިި އިށީނދެއްޖެއެވެ.

[ދިރުއްވުމާއި މެރުއްވުމުގެ ވެރިޔަކީ އެކަލާނގެއެވެ. ހުރިހާ ނިންމެވުމެއް ނިންމަވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ނިންމެވުންތަކުގެ ކުރިމަތީގައި އިންސާނުން ބޯލަނބަން ޖެހެއެވެ. މިއީ އަޅުކަމެވެ. ރެޔާދުވާލު މިވަމުންދާ ހުރިހާ ކަމަކީ އެކަލާނގެ މިންވަރުފުޅުން ވަމުންދާ ކަންތައްތަކެވެ.

ރަމްލާ ނޭވާ ހިފެހެއްޓިއެވެ.

[ދަރިފުޅާއެވެ.......] މައިދައިތަ މަޑުމަޑުން ރަމްލާ ގެނެސް މޭގައި ޖައްސާލިއެވެ.

[ދެންމެ އައީ ރަމްލާގެ ދައްތަގެ ފޯނެކެވެ. ރަމްލާގެ މަންމަ ނިޔާވެއްޖެއެވެ......]

ރަމްލާ ހަޅޭއްލައި ގަތުމާއެކު ރޮއިގަތެވެ. އަދި މައިދައިތަގެ ގައިގައި ހިފާ އޮޅުލައިގަތެވެ.

ހިތްހަމަނުޖެހިފައި އޭނާ ހުންނަތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ. ކިހާވަރަކަށް ދުނިޔެއާއިމެދު ނުބައި ހީކުރަމުން ދިޔަ ހެއްޔެވެ. ސިކުނޑި ކިހާވަރަކަށް ހާސްވި ހެއްޔެވެ. ހަމަ މިހާރު ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭ ކަހަލަ ގޮތަކަށެވެ. އޭނާ އަމިއްލަ ހޫނުން އަނދަމުން ދިޔައެވެ. އަމިއްލަ ނަފްސަށް އަނިޔާދެމުން ގެންދިޔައެވެ. މަންމައާއިމެދު ފަހަރެއްގައިވެސް ވިސްނައެއް ނުލައެވެ.....

އެންމެފަހުން ރަމްލާ ގެއަށްދިޔަ ދުވަހު މަންމަ ކިހާ ހިތާމަވެރިވެފައި ބުނި ހެއްޔެވެ.

[ރަމްލާ ދަރިފުޅާއެވެ. މަންމަ މިއުޅެނީ ދަރިފުޅުގާތުގައި މުހިންމު ވާހަކައެއް ދައްކަންވެގެންނެވެ. ދަރިފުޅާއެވެ. ވަގުތު އޮތިއްޔާ މަޑުކޮށްލަ ބަލާށެވެ.]

އެކަމަކު އެދުވަހު އޭނާއަކަށް ވަގުތެއްނެތެވެ. އަމިއްލަ މަންމަގެ ވާހަކަ އަޑުއަހާނެ ވަގުތެއްނެތެވެ. މަންމަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނީއެވެ. ރަމްލާއަކީ މަންމަގެ އެންމެ ލޯބިވާ ދަރިފުޅެވެ. އޭނާގެ ކުރިމަތީގައި މަންމަގެ ހިތުގެ ގަނޑުތައް އުކަންބޭނުންވީއެވެ. މަންމަ އެބުނަން އުޅުނީ ކީކޭކަމެއްވެސް ނޭނގެއެވެ..... އެކަމަކު ޚުދް އޭނާ އުޅުނީ ޠޫފާނެއްގެ ތެރޭގައެވެ. އޭނާ މަންމައާއިމެދު ފަރުވާލެއް ނުބެހެއްޓިއެވެ. ފަރުވާތެރިކަމާއެކު މަންމަގެ މޫނަކަށް ނުބަލައެވެ. މަންމަގެ ކުރެހިފައިވާ އަޑާއިމެދު ފަރުވާލެއް ނުބެހެއްޓިއެވެ. މުސްކުޅި މައިންނަކީ ދޮން ފަތްތަކެއް ކަހަލަ ބައެކެވެ. ގޮފިގަނޑުގައި ހަރުލާ ހުންނައިރުވެސް ރޫރޫއަޅައެވެ. ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓަސް ވެއްޓޭ ވަގުތު އަންގާނުލައެވެ... ރަމްލާގެ ގިސްލުމާއެކު އެތަކެއް އާހެއް ނުކުތެވެ.

މައިދައިތަ ލޯތްބާއެކު ރަމްލާގެ ބުރަކަށީގައި ފިރިމަމުން ބުންޏެވެ. [އަވަހަށް ތައްޔާރު ވެލާށެވެ. އަހަރެން މުޢާޒަށް ފޯނުކޮށްލާނަމެވެ. އަހަރެމެން ވީހާ އަވަހަކަށް ދާންވާނެއެވެ. ދަރިފުޅާއެވެ! އަވަހަށް ހިނގާށެވެ!]

ރަމްލާއަށް އެކައްޗެއްވެސް ނުފެނެއެވެ. އެކަމަކު ކަރުނައިން ފުރިފައިވާ ލޮލަކާއިގެން އޭނާ ހުއްޓެވެ..... އޭނާގެ ލޮލުން ހުރިހާ މަންޒަރެއް ދުށްޓެވެ. މިއީ އޭނާ ހީވެސްނުކުރާފަދަ ގޮތްތަކެކެވެ. ކިސްރާދައްތަ ފެނުމުން ރަމްލާގެ ރުއިންގަނޑު ފަޅަފަޅައިންގެ ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދެބޭން އެކަކު އަނެކަކާ އޮޅުލައި ގެނެގެން ތިބެ އެތައް އިރެއްވަންދެން ރުޔެވެ.

ހިތާމައަކީ ކޮން އެއްޗެއްކަން މިއަދު ރަމްލާއަށް އެނގިއްޖެއެވެ. އަދި ބައިހަދާލައިގެން ހިތާމަކުރުން ބޭނުންވަނީ ކީއްވެގެންކަން އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. ތިމާގެ މަންމަ ދުނިޔެދޫކޮށް ދިއުމުން އެކަނިވެރިކަން އިޙްސާސް ކުރެވެނީ ކިހާވަރަކަށް ކަންވެސް އޭނާއަށް އެނގިއްޖެއެވެ.

ގަޑިތައް ވޭތުވެގެންދިޔައީ ކިހިނެއްކަމެއް ނޭނގެއެވެ. އެންމެންވެގެން މަންމަ ގެންގޮސް އެންމެފަހުގެ މަންޒިލަށް ދޫކޮށްލައިފިއެވެ. އެއާއެކު މުޅިގެ ހިތާމައިގެ ސާލު އޮޅާލައިފިއެވެ. ގޭގެ ހުރިހާ މީހުން ރޮއިރޮއި ހަލާކުވަނީއެވެ. ޝާންބޭބެ ގެއަށް ވަދެފައި ރޮއިރޮއި ހުރި ކިސްރާ ދައްތައަށް އިޝާރާތުން ގޮވައިފިއިވެ. ރަމްލާ ޝާންބޭބެގެ މޫނަން ބަލާލިއެވެ. އޭނާގެ މޫނު މަތީގައިވަނީ ހަރުކަށިކަމެވެ. ކޮންމެވެސް ކަހަލަ ފަރުޟެއް ނުރުހުމުގައި އަދާކޮށްގެން އައިކަހަލަ ގޮތަކަށެވެ. އެނާގެ އިޝާރާތަށް ކިސްރާ ދައްތަ ދުއްވައިގަތްއިރު ހީވީ އޭނާގެ އަޅެއް ހެންނެވެ. ޝާންބޭބެ ދައްތަ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އެއާއެކު ރޮއިރޮއިހުރި ދައްތަ ލޯފޮހެލާފައި ބަދިގެއަށް ހިނގައްޖެއެވެ. އިރުކޮޅަކަށްފަހު އޭނާ ނުކުތީ ސައިތަބަކެއް ހިފައިގެންނެވެ. އަދި ޝާންބޭބެއިން ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތެވެ. މިކަމުން ރަމްލާއަށް ކަންބޮޑުވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަންހެން ޖަމާޢަތުން ނުކުމެގެން އޭނާވެސް ކޮޓަރިއަށް އަތުވެއްޖެއެވެ. އެތެރެއަށްވަދެ ބަލާލިއިރު ޝާންބޭބެ އޮށޯވެލައިގެން އޮތެވެ. އާދައިގެމަތިން އަތުގައި ސިގިރޭޓެއް އޮތެވެ. ކިސްރާ ދައްތަ ސައިހަދަން ހުއްޓެވެ. ރަމްލާ ފަރުވާތެރި ކަމާއެކު އެމީހުނަށްބަލާލިއެވެ. ދެން ސަލާމްގޮވާލިއެވެ. ޝާންބޭބެ އިޝާރާތުން ސަލާމުގެ ޖަވާބުދިނެވެ. އެހެން އެކައްޗެކޭވެސް ނުބުނެއެވެ. މަންމަ ނިޔާވުމުގެ ހިތާމައެއްވެސް ފާޅެއްނުކުރިމެއެވެ. އޭނާ އަވަސް އަވަހަށް ސައިތަށި އަތުލައިގެން ބޯންފަށައިފިއެވެ. ރަމްލާ ހިތުގައި ހިފަހައްޓައިގެން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ވަރަށް ހިތާމައާއިއެކު ކިސްރާ ދައްތަގެ މިލާފައިވާ ހަށިގަނޑަށް ބަލަން ފަށައިފިއެވެ.

ސައިބޮއި ނިމިގެން ކުއްލިއަކަށް ޝާންބޭބެ ތެދުވެއްޖެއެވެ. އަދި ބުންޏެވެ.

[ކިސްރާއެވެ. އަހަރެންގެ ސޫޓްކޭސް ތައްޔާރު ކޮށްދޭށެވެ. އަހަރެން އެނބުރި ދަނީއެވެ.]

[ހަމަ މިހާރުތޯއެވެ.....] ދައްތަ ބިރުންހުރެ ސުވާލުކުރިއެވެ.

[ކިހިނެއްވީ ހެއްޔެވެ. ދެން އޮތީ ކޮންކަމެއް ހެއްޔެވެ. އަހަރެންގެ މި އިޙްސާންތެރިކަން ދެރައީ ހެއްޔެވެ.

[އަދި އެންމެންވެސް މިތިބީއެވެ.] ކިސްރާ ދައްތަ މަޑުމަޑުން ބުންޏެވެ.

[ދެން އަހަރެން ކުރަންވީ ކޮންކަމެއް ހެއްޔެވެ.] އޭނާ ބޮޑާކަމާއިއެކު ބުންޏެވެ. އެމީހުން އެގޮތަށް ތިބެދާނެއެވެ. އަހަރެން މިހިރީ ރޭހަތަރު ދަމުއްސުރެ ނުނިދައެވެ. އަހަރެން މިދަނީ ގެއަށްގޮސް ނިދާލާށެވެ.]

[ހަމައެކަނި މިރޭ މަޑުކޮށްލައްވާށެވެ.] ދައްތަ ބުންޏެވެ. [މާދަމާ ހެނދުނު ދުރުވާނީއެވެ.]

[މިރޭ މިތާނގައި ހުރެގެން އަހަރެން ކުރާނީ ކޮންކަމެއްހެއްޔެވެ. އޭނާ ރުޅިއައިސްފައި ބުންޏެވެ. [އަހަންނަކީ ތިޔަ ކަހަލަ ރަސްމިއްޔާތުތައް ޤަބޫލުކުރާ މީހެއްނޫނެވެ.]

ޝާންބޭބެ މިހެންބުނެފައި އަމިއްލައަށް ސޫޓްކޭސް ތައްޔާރުކުރަން ފަށައިފިއެވެ.

ކިސްރާ ދައްތަ އޭނާގެ އަތުން ފޮށި އަތުލައިފިއެވެ. އަދި ހެދުން ފަށްޖަހާފައި އަޅަން ފަށައިފިއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 206 އިން 208 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން