ޞާދިރު ޢަލީދީދީ   7 އޭޕްރީލު 2021 - 15:47
ވޭނީކަރުނަ
ވޭނީކަރުނަ
69 ވަނަ ބައި

.................

[މިރޭ މިތާނގައި ހުރެގެން އަހަރެން ކުރާނީ ކޮންކަމެއްހެއްޔެވެ. އޭނާ ރުޅިއައިސްފައި ބުންޏެވެ. [އަހަންނަކީ ތިޔަ ކަހަލަ ރަސްމިއްޔާތުތައް ޤަބޫލުކުރާ މީހެއްނޫނެވެ.] ޝާންބޭބެ މިހެންބުނެފައި އަމިއްލައަށް ސޫޓްކޭސް ތައްޔާރުކުރަން ފަށައިފިއެވެ.

ކިސްރާ ދައްތަ އޭނާގެ އަތުން ފޮށި އަތުލައިފިއެވެ. އަދި ހެދުން ފަށްޖަހާފައި އަޅަން ފަށައިފިއެވެ.

މި މަންޒަރު ދެކޭކަށް ރަމްލާއަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ކުއްލިއަކަށް ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ. ހަމައެވަގުތު މުޢާޒު ގޭތެރެއަށް ވަދެއްޖެއެވެ. އޭނާހުރީ ބައްޕަގެ ކައިރީގައެވެ. އޭނާ ބައްޕަ ގޮވައިގެން އައިސް ކޮޓަރީގައި ވަށުވައިފިއެވެ. އަދި އެކޮޓަރިން އޭނާ ނުކުތް ވަގުތު ޝާންބޭބެ ސޫޓްކޭސް ހިފައިގެން ނުކުންނަނިކޮށް ފެނިއްޖެއެވެ. މުޢާޒު ކުރިއަށް ނުކުމެފައި ސުވާލުކުރިއެވެ.

[ރަޙްމަތްތެރިޔާއެވެ. މިހާ އަވަހަށް ދަނީ ހެއްޔެވެ؟]

އެކަމަކު ޝާންބޭބެ އެއްވެސް ޖަވާބެއް ނުދިނެވެ. ބޮޑާކަމާއެކު މަތިހަށި ނަގައިގެން އެދިޔަގޮތަށް ހިނގައްޖެއެވެ. ޝާންބޭބެގެ މިޢަމަލާމެދު ރަމްލާ ވަރަށް ރުޅިއަތުވެއްޖެއެވެ. އޭނާ ހީކުރަނީ ކީކޭ ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް މުޢާޒަކީ އޭނާގެ ފިރިމީހާއެވެ. ޝާންބޭބެ މުޢާޒާމެދު ޢިއްޒަތްތެރިކޮށް ހިތަން ޖެހޭނެއެވެ. އޭނާގެ ބޮލަށް ސަވާރުވެފައިވަނީ ކޮންކަހަލަ ބޮޑާކަމެއް ބާވައެވެ.

ޝާންބޭބެ ދިއުމަށްފަހު ކިސްރާ ދައްތަ އަނެއްކާވެސް އަންހެން ޖަމާޢަތުގެ ތެރެއަށްގޮސް އިށީނދެއްޖެއެވެ. ދެން ހިފެހެއްޓުމެއްނެތި ރޯން ފަށައިފިއެވެ.

ހުރިހާ އަންހެނުން އައިސް އޭނާއަށް ހިތްވަރު ދޭން ފަށައިފިއެވެ..... އޭނާގެ ސޫރަފެނިފައި ރަމްލާވެސް ދެވަނަ ފަހަރަށް ރޯން ފަށައިފިއެވެ..... މިހާރު މުޅި އެތަނުންވެސް ރޮނީ ރަމްލާއާއި ކިސްރާއެވެ. އެހެންމީހުން އެދެމީހުން ހަމައަކަށް އެޅުވޭތޯ އުޅުނެވެ.

ކުޑައިރުކޮޅަކަށްފަހު ރަމްލާ ތެދުވެގެންގޮސް ދައްތަގެ ކައިރީގައި އިށީނދެއްޖެއެވެ. ދެމީހުންގެ ނަޒަރު ބައްދަލު ވުމާއިއެކު އެކަކު އަނެކާކާ އޮޅުލައިގަތެވެ. ދެމީހުން ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ.

ރަމްލާ ރޮއިރޮއިފައި އިސްއުފުލާ ބަލާލިއެވެ. މުޢާޒު އެކިމީހުން ވަކިވަކިންގެނެސް އޯގާތެރިކަމާއިއެކު ބައިތިއްބަނީއެވެ. އެކަކަށް ފެން ދިނިއްޔާ އަނެކަކަށް ކޮންމެވެސް އެހެން ޚިދްމަތެއް ކޮށްދެއެވެ.

ރަމްލާ ސިހިއްޖެއެވެ. އޭނާ ފަރުވާތެރި ކަމާއިއެކު މުޢާޒުގެ މޫނަށް ބަލަން ފަށައިފިއެވެ. މިއަދު އެއްގޮތަކަށްވެސް އޭނާގެ މޫނު ހުތުރެއް ނޫނެވެ. މިއަދު އޭނާ ކިހާ ރީތި ހެއްޔެވެ. މިއީ މިގޮތަށް ރަމްލާއަށް ހީވި ފުރަތަމަ ފަހަރެވެ. ހަމްދަރްދީ އާއި ލޯތްބާއެކު އޭނާ އެކިމީހުންނާ ވަކިވަކިން ބައްދަލު ކުރަނީއެވެ. ހިތްވަރު ދެނީއެވެ. ހަމައެފަދައިން މައިދައިތަވެސް އެކި މީހުންނަށް ހިތްވަރުދީ ކެތްތެރިކަން ފާޅުކުރަނީއެވެ.

ރަމްލާގެ ކަރުނަ މައިތިރި ވެއްޖެއެވެ. އޭނާ ވިސްނަން ފަށައިފިއެވެ. އިންސާނާއަށް ބޭނުންވަނީ ހަމްދަރްދީ ހެއްޔެވެ. ނޫނީ ޔޫސުފުގެފާނުންގެ ރީތިކަން ހެއްޔެވެ.

ޝާންބޭބެ ދިޔަފަހުން ކިސްރާ ދައްތަގެ ޙާލުހުރިގޮތް ރަމްލާއަށް ފެނެއެވެ. ކޮންމެ މީހަކުވެސް ކަލޭގެ ފިރިމީހާ އެހާ އަވަހަށް ދިޔައީ ކީއްވެގެންތޯ ސުވާލުކުރެއެވެ. އެއާއެކު ތިމާގެ ކޮންމެ މީހެއްގެ ގާތުގައި ކޮންމެވެސް ޢުޒުރެއް ދައްކަމުން ހަމަޖައްސާލައެވެ. އެކަކު ގާތުގައި މިހާރު އުޅެނީ ވަރަށް ބަލިވެއޭ ބުނެއެވެ. އަނެކަކު ގާތުގައި އިއްޔެ އޭނާ އުޅުނީ ވަރަށް ހުމާއޭ ބުނެއެވެ. އަނެކެއްގެ ގާތުގައި ވަރަށް ވަރުގަދަ ބައްދަލުވުމެއް އޮތް ވާހަކަ ބުނެއެވެ. އެހެން ނަމަވެސް އޭނާގެ ރީތި ފިރިމީހާ މިތާނގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނަން ގަސްތުނުކުރާ ވާހަކައެއް އެކެއްގެ ގާތަކުވެސް ނުބުނެއެވެ. އޭނާ މިތަނަށް ގެނުވީ ކިހާވަރަކަށް އާދޭސްކޮށްގެން ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.

ކިސްރާ ދައްތަ ދެދުވަހު ޝާންބޭބެއަށް ފޯނުކޮށް އައިސްދިނުމަށް އެދުނެވެ. އެހެން ނަމަވެސް އޭނާގެ އެދުން ފުރިހަމަވާ ގޮތެއް ނުވިއެވެ.

ރަމްލާ ވިސްނާލިއެވެ. ރަނގަޅު ހުރިހާ އަންހެނުން އެމީހުންގެ ފިރިންގެ ނޭއްގާނީ ކަންތައްތަކުގެ މައްޗަށް ފަރުދާ ވައްޓައެވެ. އެއީ ކީއްވެގެން ކަމެއްނޭނގެއެވެ. އެމީހުން ގެއަށް އައިސް މައިންބަފައިންނާ ޝަކުވާނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސާފުކޮށް ހުރިހާ ވާހަކައެއް ކިޔާނުދެނީ ކީއްވެގެން ހެއްޔެވެ.

އެރޭ ޝާންބޭބެގެ ފޯނު އަތުވެއްޖެއެވެ. އޭނާ ކިސްރާ ދައްތައަށް އެންގީ ހަމަފަތިހާ ޕަންޑީއަށް އައުމަށްޓަކާ ފުރުމަށެވެ. ކިސްރާ ދައްތަ ވަރަށް ވާހަކަ ދެއްކިއެވެ. އެކަމަކު އޭނާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން އޭނާބުނީ ކީކޭކަމެއްވެސް ނޭނގެއެވެ. ކިސްރާ ދައްތަ ދަތުރު ހަދަން ފަށައިފެއެވެ. އަނެއްދުވަހު ހެނދުނު އޭނާ ދިޔައިރު ހުރީ ރޮވިފައެވެ. އޭނާ ގަސްތުކޮށްގެންހުރީ ދޮޅުމަހެއްހާ ދުވަހު ހުރުމަށެވެ. ބޮޑުފޮއްޓެއް ފުރެންދެން ހެދުން ގެނައެވެ. އެކަމަކު މިހާރު އޭނާއަކަށް މަންމަގެ ގޭގައި އިނުމުގެ ހުއްދައެއްނެތެވެ. އޭނާ ރުއިމުގެ ހުއްދައެއް ހިތާމަކުރުމުގެ ހުއްދައެއްނެތެވެ. އެހެންވެގެން އޭނާ ދިޔައީއެވެ. އަދި އޭނާ ދިޔައީ ރަމްލާގެ ލޯ ހުޅުވާދީފައެވެ.

އިރުކޮޅެއްގެ ފަހުން މައިދައިތައާއި މުޢާޒު ގެއަށްދާން އުޅުމުން ބޭއިޚިތްރިޔާރުގައި ރަމްލާ ބުންޏެވެ.

[މަންމާއެވެ! މިއަދު އަޅުގަނޑުވެސް ގެއަށްދާނީއެވެ. ދެން މާދަމާ އަންނާނީއެވެ.]

[އަދި ދަރިފުޅު ނުގޮސް އިންނާށެވެ.] މައިދައިތަ ލޯތްބާއެކު ބުންޏެވެ. ތިމާގެ ހުރިހާ މީހުން މިތިބީނޫން ހެއްޔެވެ.]

[ނޫނެކެވެ. މަންމާއެވެ! އަޅުގަނޑުގެ ހިތެއްހަމައެއް ނުޖެހެއެވެ. ރޭގަނޑު މިތާނގައި އެއްގޮތަކަށްވެސް ނުނިދެއެވެ. މިއަދު ގެއަށްގޮސް ހަމަޖެހިލައިގެން ނިދާލާނީއެވެ. ދެން ހެނދުނު އަންނާނީއެވެ. އެހެންނޫނަސް މަޢޫޒުގެ ކަންތަކާހުރެ މަންމައަށް ވަރަށް އުނދަގޫވާނެއެވެ.]

މުޢާޒު ހިމޭންކަމާއެކު އެދެމައިންގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އިރުކޮޅަކަށްފަހު ރަމްލާވެސް އައިސް ކާރުގައި އިށީނދެއްޖެއެވެ.

ރަމްލާގޮސް ކޮޓަރިއަށްވަންއިރު އޭނާގެ ހިތާއިސިކުނޑީގައި ކިސްރާ ދައްތަގެ މިލާފައިވާ މޫނު އެނބުރި އެނބުރި ހުއްޓެވެ. އަންހެން ކުދިންނަކީ ކިހާ މަޖުބޫރު ބައެއް ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ފިރިމީހާގެ ގެއަކީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ އެއްޗެއް ނޫންކަން މިހާރު އޭނާއަށް އެނގިއްޖެއެވެ.

މުޢާޒު އައިސް ކޮޓަރިއަށް ވަނުމުން ބޭއިޚްތިޔާރުގައި ރަމްލާ ބުންޏެވެ.

[މިއުޅޭ ޝާންބޭބެއަކީ އަޖައިބެއް ކަހަލަ މީހެކެވެ.]

މުޢާޒު ޙައިރާންވެފައި ރަމްލާއާ ދިމާއަށް ބަލާލިއެވެ. އެއާއެކު ޝާންބޭބެ ކަންތައްކުރިގޮތުގެ ހުރިހާ ވާހަކައެއް ރަމްލާ ކިޔާދީފިއެވެ. މިއީ ދެމަފިރިންގެ ދެމެދުގައި ދައްކާ ކަހަލަ އަމިއްލަ ވާހަކައެއް ރަމްލާ ދެއްކި ފުރަތަމަ ފަހަރެވެ.

މުޢާޒުހުރީ ކަޅިޖަހާނުލާ އޭނާގެ މޫނަށް ބަލަހައްޓައި ގެންނެވެ.

ރަމްލާ ބުންޏެވެ.

[ޝާންބޭބެ އެހާ ބޮޑަލީ ކީއްވެގެން ބާވައެވެ. ފިރިހެނަކު ރީތިވުމަކީ އަދި ރީތިކަމެއް ނޫނެވެ.]

މުޢާޒު ކުޑަކޮށް ހިނިތުންވެލިއެވެ.

ރަމްލާއަށް މިބެނުވުނު އެއްޗަކާއިމެދު ޚުދް އޭނާ ސިހިއްޖެއެވެ..... ކޮންއިރަކު ހެއްޔެވެ.... އޭނާގެ ސިކުނޑިއަށް މިޖުމްލަ ވެއްދީ ކާކު ހެއްޔެވެ. މިޖުމްލަ ކުރިލައިގެން އައީ އޭނާގެ އެތެރެހަށިން ނޫންކަމެއް ނޭނގެއެވެ. މިކަމަށްޓަކާ އޭނާ ކިތައް މަރްޙަލާ ކަޑައްތު ކޮށްފައިވޭ ހެއްޔެވެ. އޭނާ ލަދުން އިސްދަށަށް ޖަހާލިއެވެ. އެއާއެކު މުޢާޒުގެ ޙަރަކާތާމެދު ވިސްނަން ފަށައިފިއެވެ.

މުޢާޒު ހުރީ ހިމޭންވެފައެވެ. އެކަމަކު މުޅިން އެހެން ގޮތަކަށެވެ.

ރަމްލާ އިސްދަށަށް ޖަހައިގެންހުރެ ރޯން ފަށައިފިއެވެ. ހަމަ އެވަގުތު މަޢޫޒު ގޮވައިގެން މަންމަ އެތެރެއަށް އަތުވެއްޖެއެވެ.

[އަސްތާ ދަރިފުޅާއެވެ! އަނެއްކާވެސް ރޮނީ ހެއްޔެވެ.] އޭނާ ކައިރިއަށް ޖެހިލާފައި ބުންޏެވެ. [ރޭގަނޑު ރޯކަށް ނުވާނެއެވެ. މަރުވެފައި ތިބި މީހުންނަށް އެކަމުން އުނދަގޫ ވާނެއެވެ.]

ރަމްލާ ގިސްލާން ފަށައިފިއެވެ. މުޢާޒު އަނެއް ކޮޓަރިއަށް ހިނގައްޖެއެވެ. މަންމަ ރަމްލާގެ ކައިރީގައި އިށީނދެއްޖެއެވެ.

[ހުސްވެފައިވާ މަންމަގެ ޖާގަ ފަހަރެއްގައިވެސް ފުރިހަމަ ނުކުރެވޭނެކަން އަހަރެމެންނަށް އެނގެއެވެ. މަންމައެއްގެ ޖާގައަށް އެހެން އެއްވެސް މީހަކު ނުފެދޭނެއެވެ. އެކަމަކު މަންމައާނުލާ މިހާރު ދަރިފުޅު ދިރިއުޅެން ދަސްކުރަން ވެއްޖެއެވެ. އެކަނި އުޅެން ދަސްކުރަން ވެއްޖެއެވެ..... މަންމައަށް ހެޔޮދަރުމަ ދެއްވުން އެދި މާތްރަސްކަލާނގެ ކިބައަށް ދަންނަވާށެވެ. ދަރިންގެ ފަރާތުން ލިބޭ މިހަދިޔާ އާޚިރަތުގައި ބޭނުން ހިފޭނެއެވެ. ވީމާ ކަރުނަ އޮހޮރަ އޮހޮރާފައި އަމިއްލައަށް ބަލިވެގެންނާނީ ހެއްޔެވެ. އަދި އެކަމުން މަންމައަށް އުނދަގޫ ފޯރުވާނީ ހެއްޔެވެ.]

ރޮވިފައިވާ ރަމްލާގެ މޫނު މަންމައާ ދިމާއަށް އަނބުރާލިއެވެ. އެއާއެކު ގަދައަޑުން ރޮއިގަތެވެ.

[މަންމާއެވެ. އަޅުގަނޑުގެ ޙަޤީޤީ މަންމައެއްގެ މަޤާމު ތިޔަ މަންމަ ފުރާދެއްވާށެވެ.]

[މިއީ ދަރިފުޅުގެ މަންމައެވެ.] އޭނާ ރަމްލާ ގެނެސް މޭގައި ޖައްސާލަމުން ބުންޏެވެ.

[ތިޔަގޮތަކަށް ނޫނެވެ. އަޅުގަނޑުގެ ކުށްތައް މާފުކުރާ މަންމައަކު ކަމުގައި ވެލައްވާށެވެ. އަޅުގަނޑު ކޮށްފައިވާ ކުށްތަކުގެ ވާހަކަ އަދި އަޅުގަނޑު ނަމެއް ނުގަންނަމެވެ. އަޅުގަނޑު ކޮށްފައި ނުކުރަނީ ކޮންކަމެއްތޯއެވެ. މިއަދު އަޅުގަނޑުގެ މަންމައެއްނެތެވެ. މިއަދު އަޅުގަނޑަށް މާފުކުރާނީ ކާކުތޯއެވެ.... ވީމާ އަޅުގަނޑުގެ ޙަޤީޤީ މަންމައަކަށް ވެގެން ތިޔަ މަންމަ އަޅުގަނޑުގެ ހުރިހާކުށެއް މާފު ކޮށްދެއްވާށެވެ.]

[މާފަކީ ބުނެކިޔައިގެން ކުރާ އެއްޗެއް ނޫނެވެ. ކުޑަކުދިންނަށް މާފުކުރުމަކީ ބޮޑެތިމީހުންގެ ކަމެކެވެ. މިއަދަށް ފަހުގައި ތިޔައީ އަހަރެންގެ އަންހެން ދަރިފުޅެވެ.]

މިހެން ބުނެފައި އޭނާ ރަމްލާ ގެނެސް މޭގައި ލައްކޮށްލިއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 209 އިން 211 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޙައްވަ

21-Apr-2021

މަރުވިތަ ވަަހަކަ



ޓްރެންޑިން