-ޙުސައިން ރަޝީދު އަޙްމަދު-



ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާދޭހެވެ! ބަރަކާތްތެރި ރޯދަ މަހަކީ މަތިވެރި މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވުމަށް އަޅާއަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އޭނާއަށްޓަކައި ކޮށައިލެވޭ އަމާންކަމުގެ މަގެކެވެ. ހުޅުވައިލެވޭ ނޫރުގެ ދޮރާއްޓެކެވެ. އަޅާއަކީ ކުށްފާފަ ކުރެވޭ މީހެކެވެ. އަޅާއަށް އޮތް ގޮތަކީ ކާއިނާތުގެ ވެރި، މަތިވެރި އޯގާވަންތަ ﷲގެ ޙަޟުރަތުގައި ތައުބާއަށް އެދި ދެންނެވުމެވެ. ދީލަތި ކަމުން ފުރިގެންވާ، މިބަރާތްތެރި މައްސަރުގައި ﷲ އަށް ރުޖޫޢަވެ ތައުބާ ނުވާ މީހާ ދެން ތައުބާ ވާނެ އެހެން އިރެއް އެބައޮތްތޯއެވެ؟ މިފުރުޞަތުގައި އޮތީ މިމަތިވެރި މައްސަރުގައި ތިމާ ހައްދަވައި ގެންގުޅުއްވާ، ދީލަތިވަންތަ އިލާހުގެ ޙަޟުރަތުގައި ގިނަގިނައިން އަސްތަޣްފާރަށް އެދި ދެންނެވުމާއެކު ތިމާގެ ފާފަތައް ފުއްސެވައި ދެއްވުމަށް އިލްތިމާސް ކުރުމެވެ. ހެއު ޢަމަލުތައް ގިނަކުރުމެވެ. އަދި ދަންނަންޖެހޭ ކަމަކީ ހެއު ޢަމަލުތައް ޤަބޫލު ކުރަށްވައި އެއަށް ޢަދަދު ނުކުރެވޭ ސަވާބު ދެއްވުމަށް ﷲގެ ޙަޟުރަތުން ނިދާ އިއްވެވޭހިނދު ހެއު ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ ޝަރުޠަކީ ތިމާގެ ފާފަތަކުން ތިމާ މިންޖުވެ ހުރުމެވެ. ތައުބާވެ ތިމާގެ ހަށިގަނޑު ސާފުކޮށް ތާހިރުކޮށް ބެހެއްޓުމެވެ.

މިގޮތުން ތިމާ ތައުބާ ވުމަށްފަހު ތިމާގެ ތައުބާ ޤަބޫލު ކުރެވިއްޖެކަން އަންގައިދޭ ޢަލާމަތަކީ ދެން ދެވަނަ ފަހަރަކަށް ތިމާއަށް ކުރެވުނު ފާފަތަކަށް އެނބުރި ރުޖޫޢުނުވާނޭކަން ކަށަވަރުކޮށް އެކަމަށް އިޤްރާރުވެ ދެންނެވުމެވެ. ތެދުހިތުން އެކަންކަމާމެދު ހިތާމަކޮށް ކާއިނާތުގެ ވެރި އިލާހުގެ ޙަޟުރަތުގައި އަދައި ދެންނެވުމާއެކު އެކަން ނުކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅުމެވެ. މިގޮތްމަތީ ދެން ތިމާ ދެމިހުންނާނެ ކަމުގެ ޢަޒުމު ކަނޑައެޅުމެވެ. އެއާއެކު ގިނަގިނައިން އިސްތިޣްފާރު ކޮށް ތިމާ އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ވާނަމަ، ނުވަތަ މީހެއްގެ ޙައްޤަކަށް އަރައިގެންފައިވާނަމަ އެޙައްޤެއް އެމީހަކަށް ރައްދު ކުރުމާއި އަނިޔާ ލިބުނު މީހާގެ ކިބައިން މާފަށް އެދުމެވެ. ދެން ﷲގެ ޙޟުރަތުގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ.

އެހެންކަމުން މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ތިމާގެ ފާފަަތަކުން ތިމާ ސާފު ޠާހިރުވެ އިޚްލާޞްތެރި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް ލިބުނު މިރަނުގެ ފުރުޞަތު ނަގާ ލެވުނަދިޔަ ނުދެމާ ހިނގާށެވެ. ﷲގެ ރަޙްމަތް ފުޅުން މިލިބުނު ހެއުކަމާއި ޚައިރާތުގެ މޫސުމުގެ ފުރިހަމަ ބޭނުން ހިފަމާ ހިނގާށެވެ. ރަމަޟާން މަހުގައި އަޅުގަނޑުމެން ﷲ އަށް ކުއްތަންވެ ތައުބާގެ ފެށުން ކަމަށް އެމައްސަރު ހަދައިފިނަމަ އެކުރެވުނީ ދެދުނިޔެއަށްޓަކައި ހާދަ ބޮޑު ޖިހާދެކެވެ.

އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! މިއަޅުކަންތައް އަޅަމެންގެ ޖިހާދެއް ކަމުގައި ލައްވާށިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން