މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާއި ޕާޓީގެ އިސްބޭފުޅުންގެ ޢަމަލުތަކުގެ ސަބަބުން އެކަމުގެ ގެއްލުން އިންތިޚާބުގެ ނަތީޖާއަށް ފޯރާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަކޮށް އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބިފައިވީ ނަމަވެސް މާލޭ ސިޓީން ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުން އެމްޑީޕީގެ ކާމިޔާބަށް ވަނީ ހިޔަނި އެޅިފައެވެ. ވެރިރަށް މާލޭގެ ސުޕަރ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ވަނީ ނަގާފައެވެ.

ކައުންސިލް އިންތިކާބުގެ ނަތީޖާއާއި ގުޅޭގޮތުން މެންބަރު ރާއީ ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ވަކިވަކި ދާއިރާ ތަކަަށް އެކިއެކި ގޮތްގޮތުން އެހީތެރިވެ ވިޔާނުދާ ޢަމަލުތަކެއް ހިންގާފައިވާކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ޖުމުލަކޮށް ވަރަށް ބޮޑު ދެރަ ލިބިގެންދިޔަ ކަމަށް ރާއީ ވިދާޅުވިއެވެ. ނަމަވެސް އެވިދާޅުވާ ވިޔާނުދާ ޢަމަލުތަކުގެ ތަފްސީލް ރާއީ ދެއްވާފައެއް ނުވެއެވެ.



ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރާއި، ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ރަށްރަށަށް ގޮސް އެކި އެކި މަޝްރޫޢުތައް ފަށައި، އެމްޑީޕީން ކުރިން ބުނަމުން އައިފަދަ "ކަޑަ" ޖެހުމުގެ ޢަމަލުތަކެއް ހިންގާފައެވެ. އަދި އެފަދަ ޢަމަލުތަކަށް އެމްޑީޕީގެ ގިނަ ޢާއްމު މެންބަރުންވެސް ވަނީ ފާޑުކިޔައި އެއީ އެމްޑީޕީގެ އުސޫލު ނޫންކަމަށް ބުނެފައެވެ.

ސަރުކާރުގެ ޢަމަލުތަަކަށް މެންބަރު ރާއީ ފާޑު ވިދާޅުވެފައިވާއިރު، ރާއީ ވަނީ މިފަހަރުގެ އިންތިޚާބުގައި އޭނާގެ ދާއިރާގައި ބޮޑު ކެމްޕޭނެއްކުރަށްވައި އިންތިޚާބުން އެކަށީގެންވާ ނަތީޖާއެއް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން