އަހުމަދު ޝާހް   20 އޭޕްރީލު 2021 - 14:42
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު (ވ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު (ވ)
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުމަށް ތާޢީދު ކުރަށްވާކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް، ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ގައުމު ހިންގުމުގައި އެމަނިކުފާނު މިހާރު ވަރަށް ބޮޑަށް ހަވާސާވެ ވަޑައިގެން ހުންނަވަން ޖެހިވަޑައިގެންފައިވާކަން ފާހަގަ ކުރަށްވައި ވެރިކަން ހިންގުން ރައްޔިތުންގެ މަޖިލީހާއި ހަވާލު ކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް އެދިވަޑައިގެންފައި ވައެވެ. މީގެއިތުރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައި ގައުމުގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ކުރަށްވާ ގޮތަށް ހެއްދެވުމަށް ވެސް ހުށައަޅުއްވާފައި ވެއެވެ.

ރައީސް ނަޝީދުގެ އެހުށައެޅުއްވުމަށް ތާޢީދު ކުރަށްވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ، ރައީސް ނަޝީދު އެއްޗެއް ވިދާޅުވާނީ ކަމުގެ ޙަޤީޤަތަށް ވަރަށް ބޮޑަށް ބައްލަވާފައި ކަމަށާއި، މިއަދު އެ ހުށައެޅުމަށް ދެކޮޅުހަދާ މީހުންނަށްވެސް އެއީ ރަނގަޅު ވާހަކައެއްކަން ވިސްނޭނީ ފަހުން ކަމަށެވެ. އަދި މީގެ ކުރިން މާޒީގައިވެސް އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށް ޝިފާ ވިދާޅުވިއެވެ. ނަމަވެސް އެހެން މީހުންނަށް ވިސްނޭއިރު ކޮންމެ ކަމެއްގެވެސް ވަގުތު އޮންނަނީ ފާއިތުވެފައިކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

"ސިޔާސީ ޙަޤީޤަތް ޤަބޫލު ނުކޮށް އަބަދު ތިބެވިދާނެ. އެހެނަސް މިބަދަލު އަންނާނެ ކޮންމެވެސް އެއް ދުވަހަކުން." މޭޔަރު ޝިފާ ވިދާޅުވިއެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމާފައިވާ ނިންމެވުމެއްކަމަށް ވާއިރު، އެކަމަށް ބަދަލެއްވެސް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ވޯޓެއް ނަގަން ރައީސްގެ ވިސްނުންފުޅު ނެތްކަންވެސް ރައީސް ވަނީ ހާމަކުރަށްވާފައެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ނިޒާމް ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި ގުޅުންހުރި ކަންތައްތައް ކަމަށާއި، ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓުންކަން އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން