މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ވ) އާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ވ) އާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
ޢަދަދު ބޮޑު ކޮށްގެން ބައި އެޅެން ނެތްކަމަށް ވިދާޅުވެ މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލްގެ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދަޢުލަތުން 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން، ރައްޔިތުން އަނގަޔާއަތާ ދިމާނުވެގެން އުޅޭއިރުވެސް ބޮޑުންނަށް މިލިއަނުން ފައިސާ ދެމުން ގެންދާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ނުރުހުން ފާޅުކުރަށްވާފައެވެ.

އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ އޭނާ އަކީ ވައްކަމާ ދެކޮޅު މީހެއް ކަމަށާއި، އާޒިމް ބޭނުންވާގޮތަށް ޢަދަދު ބޮޑުކޮށްގެން ބައިއެޅެން ނެތް ކަމަށެވެ. އަދި ޢަދަދު ބޮޑުކޮށް ބައި އެޅުމުން ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

"ފަސް އަހަރު މި ވޭނުގަ އުޅުނީވެސް ބައި އަޅައިގެން ނުކުރާން. އޭރުވެސް ނުކުރަން. މިހާރުވެސް ނުކުރާނަން." އިބްރާ ވިދާޅުވިއެވެ.



މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް 2015 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިއްމުމެއް ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް ޙުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން