ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލްގެ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދަޢުލަތުން 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން، ޢަލީ ޙުސައިން ވިދާޅުވީ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއްނެތި ދައުލަތުގެ ފައިސާއިން އެއްވެސް ފަރާތަކަށް ބަދަލު ނުދެވޭނެ ކަމަށެވެ. ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ.

އެކަމާ ގުޅިގެން ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ ދެބަސްވެ ޝަރުޢީ މަރުޙަލާއަށް ގޮސްފައިވާ މައްސަލައެއްގައި ޙުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެންނުވާ ކަމަށެވެ.



ޢަލީ ޙުސައިންގެ ވާހަކައަށް ރައްދުދެމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒު ވިދާޅުވީ، ނިހާއީ ޙުކުމަކުން ބަދަލުގައި ދޭންޖެހޭ ޢަދަދު ބޮޑުވެދާނެ ކަމަށެވެ. ނަމަވެސް ޢަލީ ޙުސައިން ވިދާޅުވީ ޢަދަދު ބޮޑުވީ ނަމަވެސް އެކަން ނިމެންވާނީ ކޯޓުގެ ނިހާއީ ޙުކުމަކުން ކަމަށެވެ.

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް 2015 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިއްމުމެއް ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް ދަޢުލަތުގެ މައްޗަށް ޙުކުމް ކޮށްފައެވެ. ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ސިވިލް ކޯޓުގެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެންދާނީ އެ ޙުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާޢީދުކޮށްފިނަމައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން