އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުން ކުރިޔަށްދަނީ
އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުން ކުރިޔަށްދަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ޤައުމީ ހިންގާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.

އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީއަކީ ޕާޓީގެ ތިން ވަނަ އަށް އެންމެ ބާރުގަދަ ގުނަވަނެވެ. އެގޮތުން އެމްޑީޕީގެ ކޮންގްރެހާއި ޤައުމީ މަޖިލީހަށްފަހު، އެންމެ ބާރުގަދަ ގުނަވަނަކީ ޤައުމީ ހިންގާ ކޮމެޓީ އެވެ. މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ކެނޑިޑޭޓުންގެ ޝަރުތު ކަނޑައެޅުމާއި، ލޯކަލް ކައުންސިލް އިންތިހާބުގެ ބާތިލްވޯޓުގެ މައްސަލަ ކޯޓަށް ހުށައެޅުމާމެދު ޕާޓީގެ ނިންމުން ވަނީ ނިންމާފައެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އަހަރު ނުވާ މެންބަރުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް މިރޭ ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ފައިނަލް ވޯޓާސް ލިސްޓް ވެސް މިރޭ ޢާއްމު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ރޭޕް ކުރުމާއި މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށެއްގައި ބައިވެރިވިކަމަށް ހާމަވެފައިވާ ފަރާތްތަކަށްވެސް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެމްޑީޕީން ކޯޓަށް މައްސަލައެއް ހުށައަޅަން ނުފެންނަ ކަމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް ކެނޑިޑޭޓުން އަމިއްލަ އަށް މައްސަލަ ހުށައަޅައިފިނަމަ އެކަމަށް ޕާޓީން އެހީތެރިވުމަށް ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީގައި ތިއްބަވަނީ ޕާޓީގެ ޓިކެޓްގައި ޤައުމުގެ ރައީސް ކަމުގައި ހުންނަވާ ފަރާތާއި، ޕާޓީގެ ރައީސްއާއި، ނައިބު ރައީސްއާއި، ޗެއާޕާސަނާއި، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ) އާއި، ޕާޓީގެ ކެބިނެޓް މެންބަރުންނާއި، ޕާޓީއަށް ނިސްބަތްވާ ރައްުޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އަދި އަމީން ޢާއްމާއި އަމީން ޢާއްމުގެ ނައިބު ވެސް ޤައުމީ ހިންގާ ކޮމިޓީގައި ތިއްބަވައެވެ.



ކިޔުންތެރިންގެ ހިޔާލު