ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ފައިސާ ޗާޕް ކުރުން ނޫން ގޮތަކަށް ސަރުކާރަށް ފައިސާ އިތުރު ކުރަން ހަމަ ނޭންގެނީތޯއޭ ވިދާޅުވެ ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި 47 މެންބަރުން ވޯޓު ދެއްވައިގެން ވަނީ ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ސައިރިކްސް ޝަރީފް ވިދާޅުވީ، ރާއްޖޭގައި މިއޮތީ ދުނިޔޭގައި ނެތްވަރުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތެއް ކަމަށެވެ. ނަމަވެސް ކެބިނެޓް މިނިސްޓަރުންނަށް ބަޖެޓަށް ފައިސާ އިތުރުކުރަން އެނގެނީ ފައިސާ ޗާޕް ކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ ފަޅެއްގައި އިންވެސްޓަރެއް ޢިމާރާތް ކޮށްފައިވާ ކޮޓަރިއެއްވެސް އޭނާއަށް ސަރުކާރުން ދީފައިވާ މުއްދަތަށް އެހެން މީހަކަށް ވިއްކާލެވޭ ކަމަށެވެ. އަދި ޢާއްމުކޮށް މިގޮތަށް ކޮޓަރިއެއް ވިއްކާލަނީ ފަސް މިލިއަނާއި ދިހަ މިލިއަން ޑޮލަރުގެ އަގަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ކުއްޔަށް ދީގެންނާއި، ވިއްކައިގެން ލިބޭ ފައިސާ ހޯދަން ނޭންގެނީ ކީއްވެ؟" ސައިރިކްސް ޝަރީފް ވިދާޅުވިއެވެ.



ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިން އޮންނަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ މާއްދާތައް ސަސްޕެންޑްކޮށް، 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށް ހުށައަޅާފައެވެ. އެ ހުއްދަ މަޖިލީހުން އޭރު ވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވަނީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާކަމަށް ބުނެ އެވެ. މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޗާޕުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން