މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ކ) އާއި މަޖިލީހުގެ ރައީސް ނަޝީދު (ވ)
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ކ) އާއި މަޖިލީހުގެ ރައީސް ނަޝީދު (ވ)
ދަޢުލަތުން މަންދު ކޮލެޖަށް 240 މިލިއަނަށްވުރެ ބޮޑު ޢަދަދެއް ލިބެން ޖެހޭ ކަމަށް މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ބަދަލެއްގެ ގޮތުގައި މަންދު ކޮލެޖަށް ދޭން ޖެހޭނީ 1.58 މިލިއަން ރުފިޔާއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް މަންދު ކޮލެޖަށް ވަނީ 4.6 މިލިއަން ރުފިޔާ ދީފައެވެ.

މަންދުން ބަދަލުގެ ގޮތުގައި ކަމަށްބުނެ ބޮޑެތި ޢަދަދުތަކުން ދައުލަތުން ފައިސާ ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ ސިޔާސީ ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުން ކުރިމަތިވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވެފައި ވަނީ، މަންދު ކޮލެޖަށް ލިބެންޖެހޭ ބަދަލަކީ 1.5 މިލިއަން އަދި 240 މިލިއަނެއްވެސް ނޫން ކަމަށާއި އެއަށްވުރެ މާ ބޮޑު އަދަދެއް ލިބެންޖެހޭ ކަމަށެވެ.

އަދި އެ އަދަދު ކޯޓުގައި ސާބިތުކޮށްދިނުމަށް ބޭނުންވާ ހެކި އެކަމުގެ ފަންނީ ހަބީރުން ދަނީ އެކުލަވާލަމުންކަމަށް ވިދާޅުވެ އިބްރާ ވަނީ އެ މަސައްކަތް ނިމުމުން އެކަން އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.



މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާއެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން ވަނީ 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައެވެ. އެހެންވެ، ސިވިލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ތެރޭގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށް ދައުލަތަށް އަންގާފައެވެ.

އެސެސްމަންޓުން ހާމަވިގޮތުގައި އެެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ފުރަތަމަ މަންދު ކޮލެޖުން އެދިފައިވަނީ، 243 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. ބަދަލުގެ ގޮތުގައި 243 މިލިއަން ރުފިޔާ ހޯދުމަށް މަންދު ކޮލެޖުން އެދިފައިވީ ނަމަވެސް އެ އަދަދު ނުދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލާގައި ވެރިކަންކުރާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން