އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އަކުންބަކުން ކުޅޭހެން ސަރުކާރެއް ނުހިންގޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އިބްރާގެ މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ބަދަލެއްގެ ގޮތުގައި މަންދު ކޮލެޖަށް ދޭން ޖެހޭނީ 1.58 މިލިއަން ރުފިޔާއެވެ. ނަމަވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި އެއްބަސްވެފައެވެ.

ދަޢުލަތުގެ ދެ އިދާރާއަކުން ދެގޮތަކަށް ޢަމަލު ކުރާކަމަށް ތުހުމަތުކޮށް އިބްރާ މިއަދު ވިދާޅުވީ، މިހާރު ރައީސުލްޖުމްހޫރިއްޔާވެސް ހޭލައިގެން އެއްޗެއް ބުނަން ވެއްޖެ ކަމަށާއި، ސަރުކާރު ހިންގުމަކީ އަކުންބަކުން ކުޅޭހެން ވާކަމެއް ނޫން ކަމަށެވެ.

"ދަޢުލަތުގެ ދެ ވުޒާރާއިން މީޑިއާގައި އެއްކަމެއްގައި ދެގޮތަށް ބުނެ އާންމު ފަރުދުންގެ އަބުރު ނަގާލާ ހިސާބަށް ދިޔައިމާ ދެން އެއްޗެއް ބުނާނީ ރައީސުލްޖުމްހޫރިއްޔާ." އިބްރާ ވިދާޅުވިއެވެ.



އިބްރާ އިތުރަށް ވިދާޅުވީ ދިވެހިންނަށް ވީ ވަރަކީ މާކަނާ ރަދުން ޢަޒުލް ކުރުމަށްފަހު ވެރިކަމަށް ނެގުނީ ރާމާ މަކުނާއި ކަންޒުކަހަނބާއި ބޮޑު ވަރިހަމަ ކަމަށެވެ. އަދި ދާދި ފަހުންވެސް އެމްއީއެސް ހުރި ޢިމާރާތުގައި ކުލަކޮޅެއްލާން 20 މިލިއަން ހޭދަކުރި ކަމަށާއި، ނަމަވެސް މަންދު ކޮލެޖުން ކުރި މަރާމާތަށް 1.5 މިލިއަންވެސް މާ ގިނަވެއްޖެ ކަމަށެވެ.

އިބްރާ މިމޭރުމުން ވިދާލުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައިވެސް މަންދު ކޮލެޖުން ވަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 4.6 މިލިއަން ރުފިޔާ ހޯދައިފައެވެ. އަދި މަންދު ކޮލެޖުން މަސައްކަތް ކުރަމުންދަނީ މި ވެރިކަމުގައިވެސް 240 މިލިއަނަށް ވުރެ ބޮޑު ޢަދަދެއް ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

މަންދުން ބަދަލުގެ ގޮތުގައި ކަމަށްބުނެ ބޮޑެތި ޢަދަދުތަކުން ދައުލަތުން ފައިސާ ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ ސިޔާސީ ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުން ކުރިމަތިވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އިބްރާ މީގެ ކުރިން ވިދާޅުވެފައި ވަނީ، މަންދު ކޮލެޖަށް ލިބެންޖެހޭ ބަދަލަކީ 1.5 މިލިއަން އަދި 240 މިލިއަނެއްވެސް ނޫން ކަމަށާއި އެއަށްވުރެ މާ ބޮޑު އަދަދެއް ލިބެންޖެހޭ ކަމަށެވެ.

އަދި އެ އަދަދު ކޯޓުގައި ސާބިތުކޮށްދިނުމަށް ބޭނުންވާ ހެކި އެކަމުގެ ފަންނީ ހަބީރުން ދަނީ އެކުލަވާލަމުންކަމަށް ވިދާޅުވެ އިބްރާ ވަނީ އެ މަސައްކަތް ނިމުމުން އެކަން އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން