ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސަރުކާރު ހިންގާ ކޯލިޝަން ރޫޅާނުލަނީ ރައީސުލްޖުމްހޫރިއްޔާގެ ނާޤާބިލް ކަމުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ތުހުމަތު ކުރަށްވައިފިއެވެ.

ނާކާމިޔާބެއް ލިބުމަކީ ތިމާއާއި ތިމާގެ ޖަމާޢަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަަބަބެއް ނޫންކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓަކަށް އިޝާރަތް ކުރަށްވައި ސައިރިކްސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ، ރައްޔިތުންނަށް އެތައް ގެއްލުމެއް ވަމުން ދާއިރުވެސް ކޯލިޝަން ރޫޅާ ނުލަނީ ރައީސްގެ އަމިއްލަ އެދުން ބޮޑުކަމުން ކަމަށެވެ. އަދި މާޒީގައި ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަންތަކަކީ ރާއްޖެއަށް އެއްވެސް ތަރައްޤީއެއް ގެނެސް ދީފައިވާ ނިޒާމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް ހަދައިގެން ރައްޔިތުން ވެރިކަން ޙަވާލުކުރުމުން، ވެރިކަން ލިބޭ ހިސާބުން ކޯލިޝަން ޕާޓްނަރުން ހިތްރުއްސުމަށް އުޅެން ޖެހޭތީ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކޯލިޝަނުން ކެބިނެޓަށާއި ސަރުކާރުގެ އިސް މަޤާމުތަކަށް އަންނަ މީހުން ކުރާހާވެސް ކަމަކީ ޓައީ އަޅައި، އަތަށް ފޯނެއް ލައިގެން މިނިސްޓްރީ އާއި ރައީސް އޮފީހާއި ދެމެދުގައި ހިނގުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ތިމަންނާ ވެސް ފަސް އަހަރު ވެރިކަން ކޮށްފީމޭ ބުނަން ނާޤާބިލް ކޯލިޝަން ރޫޅާނުލައި، އެ ކޯލިޝަންގެ ވާދަވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ކިތަންމެ ގެއްލުމެއް ވިޔަސް ވަރިހަމަ ކަމަށް ކޯލިޝަން ބާއްވައިގެން ވެރިކަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އެދުން އިސްކުރުން." ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ޒުވާނުންގެ ކެތްތެރިކަން މިހާރު ކޮޅުން ލާފައިވާ ކަމަށާއި، ސަރުކާރާއި ދަޢުލަތަކީ އަބަދު ދާއިމަށް ތިމާމެންގެ އަމިއްލަ ހަރުމުދާ ކަމުގައި ހަދައިގެން ތިބެވޭކަށް ނެތް ކަމަށެވެ. މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް ނިސްބަތްކޮށް ޝަރީފް ވިދާޅުވީ، ދަޢުލަތް ހިންގުމުގައި ފެއިލްވާ މީހުން އެކަހެރިވެ ޒަމާނީ ކުރިއެރުން ގެނެސްދެވޭނެ މީހުން ކަންކަމުގައި އިސްކުރަންޖެހޭ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ސަރުކާރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށެވެ. އެގޮތުން ބައެއް ވުޒާރާތައް ހިންގަވަން ތިބި ވަޒީރުން ބަދަލުކޮށް، ނުވަތަ ވަކިކުރުން އެކަށީގެންވެއެވެ. ނަމަވެސް ސަރުކާރުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކަދައްްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން