އެމްޑީޕީ އުފެއްދި ދުވަސްވަރު ޕާޓީ ލީޑްކުރެއްވި ބައެއް ބޭފުޅުން
އެމްޑީޕީ އުފެއްދި ދުވަސްވަރު ޕާޓީ ލީޑްކުރެއްވި ބައެއް ބޭފުޅުން
ޕާޓީ ނަގާ ކޮޅަށްޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް މާޒީ ނުފޮހެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ރީކޯ މޫސާ މަނިކު އެޕާޓީގެ ލީޑަރޝިޕަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ، 2006 ވަނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުޒާހަރާ އަކީ 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ސިއްސުވާލި މުޒާހަރާއެއް ކަމަށެވެ. އަދި އެއީ ޕާޓީގެ ފުރަތަމަ މަގުމަތީ މުޒަހަރާ ކަމަށާއި އެއީ ފެށުމެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޕާޓީ މިއަދު އޮތް ހިސާބަށް ގެނައުމަށް ހުރިހާ ބުރަޔަކާ ނާމާންކަމެއްގައި ޕާޓީ ނަގާކޮޅަށްޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް މާޒީ ނުފޮހެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕުން ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް މޫސަ ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރަށްވާފައެވެ.

"ރިޔާސީ ހާލީގައި ބަރުލަމާނީ ބިހެއް ފީއެއް ނުކުރެވޭނެ." މޫސަ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ މާޒީއާއި މެދު ރީކޯ މޫސަ ވާހަކަ ދައްކަވާފައިވާއިރު، 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން "މަގުމަތިން ވައްޓާލި" ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުވުމަށްފަހު، ކުރިން އުޅުއްވި ޕާޓީ ދޫކޮށްލާފައި އެމްޑީޕީއާއި ގުޅިވަޑައިގެން މިހާރު ޕާޓީގެ އެންމެ އިސް މަގާމުތަކުގައި އެފަދަ ފަރާތްތައް ތިބެ ޕާޓީގެ އެތެރޭގައި ގަޑުބަޑު ހެދުމަށް މަސައްކަތް ކުރަމުން ގެންދާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެވެއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް އެ ޕާޓީން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވިދާޅުވެފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމި އޮންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން