މީގެ ކުރިން ބޭއްވި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ޙަރަކާތްތެރިވަނީ
މީގެ ކުރިން ބޭއްވި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ޙަރަކާތްތެރިވަނީ
ވެރިކަމާއި މަޖިލިސް ދިނުމުންވެސް ފުލުހުން ހަމައަކަށް ނޭޅުވުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖު މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ޒުވާނުންތަކެއް ކުރި ސުލްޙަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިން ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން ހިންގި ޢަމަލާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވޭނީ ޙާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ފުލުހުންނަށާއި އެފުލުހުންނަށް އަމުރު ކުރާ ފުލުހުންނަށް ފިޔަވަޅު އެޅިގެން ކަމަށާއި، އެމްޑީޕީއަށް ފުލުހުންގެ މުއައްސަސާ ހަމައަކަށް ނޭޅުވުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"ރައްޔިތުން ވެރިކަމާއި ސްޕަރ މެޖޯރިޓީ ދިނުމުންވެސް ފުލުސް އޮފީސް ހަމައަކަށް ނޭޅުވި އޮތުމަކީ ލަދުގަންނަންޖެހޭ ކަމެއް." މޫސާ ސިރާޖު ވިދާޅުވިއެވެ.



ރޭ ފުލުހުން ހިންގި ޢަމަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގެ ގޮތުން އެމްޑީޕީން ވަނީ އެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާއިރު، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެވެ.

އަދި ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލު އަޙްމަދު ނަސީމު، އެ މައްސަލާގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އާއި ސުވާލު ކުރެއްވުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ސުލްޙަވެރިކަމާއެކު މުޒާހަރާކޮށް އަޑުއުފުލުމުން، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަދި ތަޅައި އަނިޔާވެރިވުމަށްފަހު ޖަލަށްލުމުން ލިބޭ ވޭނާއި އަނިޔާ އެންމެ ބޮޑަށް ތަކުރާރުކޮށް ތަޙައްމަލުކުރި ބަޔަކަށް އެމްޑީޕީގެ މެމްބަރުން ވީހިނދު، މިފަދަ ޢަމަލުތަކާ ދެކޮޅުހެދުމުގައި އެ ޕާރޓީ އަބަދުވެސް ދެމިއޮންނާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން