މާލެއަށް ދޯންޏެއް ކައިރި ކުރަނީ
މާލެއަށް ދޯންޏެއް ކައިރި ކުރަނީ
އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ދިއުމުގެ ކުރިން ކަރަންޓީންވާން ޖެހޭގޮތަށް ކަނޑައަޅައި، ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލް ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީން މިއަދު އާންމު ކޮށްފިއެވެ.

އެ އުސޫލުގެދަށުން އެފަދަ ފަރާތްތައް ރަށަށް ފޮނުވުމުގައި އިސްކަންދޭ ތަރުތީބުގައި އެންމެ އިސްކަންދީފައިވަނީ އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ، އެންސްޕާ ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން ޢުމުރުން 5 އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތަކާއި، ވިހެއުމަށް މާލެ އައިސްތިބި އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާތައްވެސް އިސްކަންދޭ ލިސްޓުގެ އެންމެ ކުރީގައި ހިމެއެނެއެވެ.

ބޭސް ފަރުވާއަށް މާލެ އައިސްތިބި ޢުމުރުން 65 (ފަސްދޮޅަސް) އަހަރުގެ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތަކާއި، ބޭސް ފަރުވާއަށް މާލެ އައިސްތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްތިބި ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންވެސް މި ލިސްޓުގައި ހިމެނެއެވެ.

އަދި ރަށަށް އެނބުރި ދިއުމަށްޓަކައި 15 އޭޕްރީލް 2020އާއި 20 އޭޕްރީލް 2020 އާއި ދެމެދުގެ މުއްދަތެއްގައި ޓިކެޓްނަގާފައިވާ ފަރާތްތަކާއި، ރާއްޖޭން ބޭރުން މާލެއަށްއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކާއި ރިސޯޓް ތަކުގައި ވަޒީފާ އަދާ ކުރަމުންގެންދިޔަ ފަރާތްތަކުގެ ތެރެއިން ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާއި ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްތިބި ފަރާތްތަކަށްވެސް އިސްކަން ދޭނެކަމަށް އެ އުސޫލުގައި ހިމަނާފައިވެއެވެ.

ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްތިބި ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކާއި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް ވެސް ވަނީ އިސްކަންދޭ ލިސްޓުގައި ހިމަނާފައެވެ.

މި އުސޫލުގައިވާ ގޮތުން، އެނބުރި ރަށަށް ދިއުމުގެ ކުރިން ކޮންމެމީހަކުވެސް ކަނޑައެޅޭ ސަރަހައްދެއްގައި ކަރަންޓީންވާންޖެހޭނެއެވެ.

އަދި، ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ މާލެ ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއަށް ރިޕޯޓްކޮށްފައި ނުވާ ފަރާތްތައް 1412 އަށް ރިޕޯޓުކުރަމުން ގެންދިއުމަށް ވެސް އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން