ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް (ދެފަރާތުގެ) ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުން ޚާއްޞަކޮށް އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރެވޭނެ ގޮތްތަކާމެދު ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ފާގަތިކަމަށްޓަކައި، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ތަރައްޤީގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ދެއްވިއެވެ. އަދި ދެ ޤައުމުގެ ތަރައްޤީގެ އިތުރުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނެވެ.

ޔޫއޭއީއަކީ މިހާރުވެސް އެކި ރޮނގު ރޮނގުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދާ ޤައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު