މިނިސްޓަރ އިމްރާން ޢަބްދުﷲ
މިނިސްޓަރ އިމްރާން ޢަބްދުﷲ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކުވެސް އިތުރަށް ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމުގައި ދާޚިލީ ވަޒީރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރ އިމްރާން ވަނީ ސައްހަނޫން ޚަބަރުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި މިންތައް ހިފަހައްޓަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ކަމަށް ޝައިޚް އިމްރާންގެ ހިތާބުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިން ކަމަށްވާހިނދު ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކަރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށެވެ.

މިނިސްޓަރުގެ ހިތާބުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުންކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަން ޖެހޭ އެއްމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވެފައިވެއެވެ.

އެގޮތުން މީގެ ދެތިން އަހަރު ކުރިއާއި އަޅާބަލާއިރު، ގާނޫނީ ގޮތުންނާއި ނިޒާމީގޮތުން އަދި އެނޫންވެސް ތަފާތު ބިރުވެރިކަން އުފައްދައިގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އަދި އެ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު ޖުމްލަ 41 ދަރަޖައިގެ ކުރިއެރުން ލިބިފައިވާކަން މިނިސްޓަރ އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށް މެދުވެރިވެފައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރަމުންދާހިނދު އެކަންކަމުގެ އެންމެ ތާޒާ މައުލޫމާތު، ގެތަކުގައި ބަންދުވެފައިތިބި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ގައުމީ ފެންވަރުގައި މިކުރެވޭ މަސައްކަތުގެ އެއްބައި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން