ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ނޫސްވެރިޔާ ޔާމީން ރަޝީދާއި، ބްލޮގަރ އަޙްމަދު ރިޟްވާނުގެ ޢާއިލާއަށް އަދިވެސް އިންސާފު ލިބިފައިނުވާކަމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މަރްޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ބްރޯޑްކޮމްގެ ރައީސް ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރާއިރު ޔާމީން ރަޝީދާއި، ރިޟްވާންގެ ހަނދާން އާކުރައްވައި، އެ ފަރާތްތަކުގެ ޢާއިލާތަކަށް އަދިވެސް އިންސާފް ހޯދައިދެވިފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރައްވާފައެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކުރިމަތިލަނީ އިންސާނީ ހަޔާތުގައިވެސް މީގެކުރިން ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދާ ނާޒުކު ދަނޑިވަޅެއްގައި ކަމަށް ބްރޯޑްކޮމްގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ނޫސްވެރިންގެ މަސައްކަތްތައް ވެސް މި ދުވަސްވަރު ބައްޓަން ކުރަން ޖެހިފައި މި ވަނީ މި ވަބާއިން އިންސާނިއްޔަތު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތާ އެއް މިސްރާބަކަށް ކަމުގައި މަރިޔަމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މިނިވަން ކަމާއެކު ކޮވިޑާ ގުޅުން ހުރި ހަބަރާއި މައުލޫމާތު ފެތުރުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެފައި ވީ ނަމަވެސް، އެ ފުރުސަތުގެ ބޭނުން ކުރަން ވާނީ މި ކަމުގެ ސައްހަ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހުގައި ކަމަށް މަރްޔަމް ވަހީދާ ވިދާޅުވިއެވެ. ހަމައެއާއެކު މިބައްޔާ ބެހޭ ގޮތުން ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީން ރިސާޗްކޮށް ހާމަކުރާ އެންމެ ފަހުގެ މައުލޫމާތަށް ބުރަވެ ނޫސްވެރިކަން ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށް މަރިޔަމް ވަހީދާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވަނީ "ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ" ނުވަތަ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" މިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން