އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ "ދިޔާ އެއްޗެއް" ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމުން ސޯޝަލް މީޑިއާގައި އޭނާ އަނދައިފިއެވެ.

އާޒިމްގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ބައްދަލުކުރެއްވުމަށް މަޝްހޫރު ހާމިދުސޭޓުގެ ގެޔަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް އާޒިމްގެ ގާތުގައި އަދީބު އެދިފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. އަދި އާޒިމް ވަނީ އެއީ އަސްލު މެސެޖެއް ކަމަށް އޮންލައިން މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި އިޢުތިރާފްވެ ވަޑައިގެންފައެވެ.

އާޒިމް ވިދާޅުވި، އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ މިހާރު ނިޔާވެފައިވާ އަބްދުﷲ ޖަލީލު (ކޭން ސޭޓް) ކައިރިއަށް، ވަޒީރަކަށް ހުރިއިރު އަދީބު ރަސްމީ ކާރުކޮޅުގައި ވަޑައިގަންނަވާ ކަމަށާއި އެގޮތުން އަބްދުﷲ ޖަލީލު އޮފީހުގައި ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވޭ ކަމަށެވެ. އަދި އެފަދަ ބައެއް މަޖިލީސްތަކުގައި އިންނަވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއް ދުވަހެއްގައި އަދީބު ކައިރިއަށް ވަޑައިގެން ދެއްވުމަށް ކޭން ސޭޓު އެދުނު ކަމަށާއި އެއާއެކު އަދީބަށް ފޯނުން ގުޅުމުން، ފަހުން މެސެޖަކުން ދަބަހެއް ހިފައިގެން އައުމަށް އަދީބު އެދުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

"ދަބަހުގައި ހުރީ އެއްވެސް ކަހަލަ ކަރުދާހެއް ނޫން. އެއީ ކޮންމެވެސް ކަހަލަ "ދިޔާ އެއްޗެއް". އެއީ އަބްދުﷲ ޖަލީލަށް އަދީބު ދެއްވި ހަދިޔާއެއް." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވެފައިވަނީ އާޒިމް ޑެލިވަރީ ބޯއި އެއްގެ ގޮތުގައި އުފުލި ދިޔާ އެއްޗެހީގެ ތަފްސީލް އޭނާ ދެއްވަން ޖެހޭނެ ކަމަށާއި، އަދި އެއީ ސަމާސާއަކަށް ހަދައިގެން ދެއްކޭނެ ވާހަކައެއް ނޫންކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނީ ފަންނުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނިފައިވާއިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ އެ ވާހަކަ އޮއްބާލައި، މުޅިން އެހެން އަމާޒަކަށް މީހުންގެ ފޯކަސް އަނބުރާލުމަށް އާޒިމް ކުޅުއްވާ ސިޔާސީ "ގޭމެއް" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ރެއްކަބޭ

15-May-2021

ޢެހެންވީމާ ތިޔަވާނީ ބަނގުރަލަށް. ބަނގުރާ ގެންގުޅުމަކީވެސް ކުށެއްނޫންތޯ.


-3

ޖުހާ

15-May-2021

ޢެއީ ތަހުގީގު ކުރަނެޖެހޭކަމެއް އެބުނާ ދިޠއެއްޗެއް އެޢީ ކޯޗެއްތޯ ބަލަންޖެހޭ އޭނަޔަށް އެއީދިޔާއެއްޗެއްކަން އެގޭކަމައްވަނީނަމަ އެއީ ކޯޗެއްކަން ރަގަޅަށް އެގޭނެ



ޓްރެންޑިން