ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ނުކުރެވެނީ، ކޮވިޑް ކޮންޓްރޯލް ކުރުމުގެ ޒިންމާއާއި ޙަވާލުވެތިއްބެވި ވެރިން ގިނަވުމުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލުން ނެއްޓި ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. ހަމައެއާއެކު މީގެ ކުރިން މާލޭސިޓީގައި ބޮޑަށް ފެތުރެމުންދިޔަ ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގެ އަތޮޅު ތަކުގެ ރަށްރަށަށް ފެތުރި މިވަގުތުވެސް ފަންސާސް ވަރަކަށް ރަށް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑްގެ މިހާރުގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ޝަރީފް ވިދާޅުވީ، ކޯވިޑް-19ގެ ސިއްޙީ ނުރައްކާ އެންމެ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ޤައުމަކީ ރާއްޖެ ކަމަށާއި، ސަބަބަކީ ރާއްޖޭގެ އާބާދީ ކުޑަވެފައި، ރާއްޖޭގެ ރައްޔިތުން ވަކިވަކި ރަށްތަކުގައި އުޅެމުން ދާތީ ކަމަށެވެ. މީގެ އިތުރުން ކޮވިޑް ކޮންޓްރޯލް ކުރެވޭނީ މިމަސައްކަތުގައި ހަރަކާތްތެރިވާ ވޮލެންޓިއަރުން އިތުރުކޮށް، ރައްޔިތުން ހޭލުންތެރިކުރުމާއެކު ކޮވިޑް މެނޭޖްކުރަން މަސައްކަތް ކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް މެނޭޖް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ކޯވިޑް-19 މެނޭޖް ކުރާން އުޅޭ ވެރިން ގިނަވުން ކަމަށެވެ. ސިއްޙީ ކަންތައްތަކާބެހޭ ވަކި ވުޒާރާއެއް ހުރި ނަމަވެސް، ކޮވިޑާ ގުޅޭ ނިންމުންތައް އެހެނިހެން ދިމަދިމާއިން ނިންމަމުން ގެންދިއުމުގެ ސަބަބުން އަބަދުވެސް ފެންނަމުންދަނީ ކޮންމެވެސް އެއްދިމާއަކުން ފެއިލްވަމުން ދާތަން ކަމަށް ޝަރީފު ވިދާޅުވިއެވެ. ކަންތައްތައް ގޯސްވަނީ އެފަދަ މައްސަލަތަކުގެ ސަބަބުންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވިއިރު، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވެގެން ކޯވިޑްގެ ފިޔަވަޅުތަކަށް މުޅިން ލުއިދީ އެއްފަހަރާ މުޅި ގައުމު ހުޅުވާލުމުން އިންތިޚާބަށް ފަހު ކޯވިޑްގެ ނުރައްކާ ބޮޑުވެގެން މިދިޔައީ ސިޔާސީ މީހުން ކަންކަމަށް ބަސްކިޔައި އެމީހުންގެ ބަހަށް ނިންމި ސިޔާސީ ނިންމުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅިގެން ޝަރީފް ވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް އިތުރު ހަލުއިކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ކޯވިޑް ވެކްސިން ހިލޭ ލިބޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން އުފައްދަން ފެށި ހިސާބުން ދުނިޔޭގެ ޤައުމުތަކުން ވެކްސިން ގަތުމަށް ކުރިޔާލައި އޯޑަރު ދެމުން ދިޔަ ކަމަށާއި، ރާއްޖެއިން ދިން އޯޑަރުތަކަށް ވީގޮތެއް އޮޅުން ފިލުވައިދޭން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ފަދައިން ރާއްޖެއިން ވެކްސިން ގަންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ގަންނަން ފައިސާ ދެއްކި ކަމަށް ބުނާ 700000 ޑޯޒް ވެކްސިނަށް ވީގޮތަށް އަދި އެކަމާބެހޭ އިތުރު މައުލޫމާތެއްވެސް ކަމާބެހޭ ފަރާތްތަކުން ދީފައެއް ނުވެއެވެ.

ޝަރީފް މިއަދު ވަނީ ހެލްތު މިނިސްޓްރީގެ މިނިވަން އޮޑިޓެއް ކުރުމަށްވެސް ގޮވާލައްވާފައެވެ. އެމިނިސްޓްރީއަކީ މިހާތަނަށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ޚިޔާނާތްތައް ހިނގާފައިވާ ވުޒާރާއެވެ. ވެންޓިލޭޓަރު ގަތުމުގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް މިދަތި އުނދަގޫ ދަނޑިވަޅުގައި އެމިނިސްޓްރީ ތެރެއިން ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން