ފިނޭންސް މިިނިސްޓަރ އަމީރް
ފިނޭންސް މިިނިސްޓަރ އަމީރް
ކޯވިޑް-19 އާ ގުޅިގެން ކުރާ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ހިރާސް (ރިސްކް) ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ދަޢުލަތުގެ މާލީ ވަޒީރު ނިންމަވައިފިއެވެ.

މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ސަރކިއުލަރ އެއްގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން އަދި އިދާރާތައް އެކުއެކީ ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަކާއި ކަންކަން، ކުރަމުންގެންދަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަޤީންކުރުމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ޝާއިއުކޮށްފައިވާ ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާއަށްވެސް ރިޢާޔަތްކޮށް، ކޯވިޑް-19 އާއި ގުޅޭ އެންމެހައި ޕްރޮކިއުމަންޓްތައް ހިންގުމުގައި މިހާރަށްވުރެންވެސް ބޮޑަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އިތުރު ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން ފިނޭންސް މިނިސްޓަރުގެ އެންގެވުމުގައި ވެއެވެ.

އެގޮތުން ދައުލަތުން ޚަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުމާއި، މުޠުލަޤު ބާރުތައް އެކަކުގެ އަތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ޙަވާލުކުރުމަށް ފިނޭންސް މިނިސްޓަރ ވަނީ އަންގަވާފައެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެކިޔުމުން ފެންނަން އޮތުމާއި، މި ގޮތުން، އެފަދަ ނިންމުންތައް ނިންމާ ސަބަބުތަކާއި، ނިންމުން ނިންމާ ފަރާތްތަކާއި، ނިންމުމާ ގުޅުންހުރި މުހިންމު އިތުރު ކަންކަން ހިމެނުމާއެކު، މިފަދަ ލިޔެކިޔުން އެކަށީގެންވާ ފެންވަރެއްގައި، ޙާލަތު ނިމުމަށްފަހުވެސް، އިދާރާތަކުން ބަލަން ބޭނުންވެއްޖެނަމަ ބެލޭނެފަދަ ގޮތަކަށް ރައްކާތެރިކުރަމުން ގެންދިއުމަށްވެސް އަންގާފައިވެއެވެ.

ކޯވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު، މިނިސްޓްރީ އޮފް ފިނޭންސަށް ރިޕޯޓުކުރުމަށާއި، އަދި މި ގޮތަށް ގަވާއިދުން ރިޕޯޓުކުރެވެމުންދާކަން އެ އިދާރާއެއްގެ ފައިނޭންސް އެކްޒެކެޓިވް ކަށަވަރުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ޙާލަތްތަކުގެ ދަށުން ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުޞޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަން ކަށަވަރުކުރުމަށާއި، އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ޙާލަތްތަކުގައިވެސް، އެފަދަ އެއްބަސްވުންތަކުގައި ހުންނަންޖެހޭނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 52.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުމާއެކު، ކުރާ މަސައްކަތެއްގެ މަޤްޞަދު ޙާޞިލުކުރެވޭނެ ފަދަ ބަޔަކާ މަސައްކަތް ޙަވާލުކުރުމާއި، ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށް މާލީ ވަޒީރު އަންގަވާފައިވެއެވެ.

އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ކަނޑައެޅި ލިޔެވިފައިހުރުމާއި، އެކި ނިންމުންތައް ނިންމާއިރު، އެ ނިންމުމެއް ނިންމުނު ސަބަބު ރެކޯޑުކުރެވި ލިޔުމުން ފެންނަން ހުންނަން ވާނެ ކަމަށްވެސް ވަޒީރުގެ މި އެންގުމުގައި ބުނެފައިވެއެވެ. އަދި މަސައްކަތް ޙަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، އެ ފަރާތުގެ އަޞްލު މަސައްކަތުގެ އިޚްތިޞާޞްގައި އެފަދަ މަސައްކަތް ހިމެނޭ ފަރާތެއްކަން ޔަޤީންކުރުމާއި، އަދި އެ ފަރާތަކީ، އެ ޙަވާލުކުރެވޭ މަސައްކަތް ފަންނީ އަދި މާލީ ގޮތުން ކުރުމުގެ ޤާބިލްކަން ލިބިގެންވާ ފަރާތެއްކަން ޔަޤީންކުރުމަށްވެސް ވަނީ އަންގަވާފައެވެ. އަދި މަސައްކަތް ކުރަމުން ގެންދާއިރު، މަސައްކަތް ކުރިއަށްދާވަރު ބަލައި ރަނގަޅަށް ސުޕަވައިޒްކުރަމުން ގެންދިއުމަށް ވެސް އަންގަވާފައިވެއެވެ.

ކާރިސާގެ ޙާލަތުގައި ދައުލަތަށް ހޯދާ ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނަ އާއި، ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމުގައި، ޢާންމު މަޞްލަޙަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުމަށާއި، ކުއްލި ޙާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމުގެ ގޮތުން، ކޮންޓްރެކްޓެއް ޙަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދުމާއި، ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި، ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަން ބޭނުންވާ މަސައްކަތް އެ ވަގުތަކު ދިމާވެފައިވާ ކުއްލި ޙާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރު ނުކުރުމަށް މާލީ ވުޒާރާގެ ސަރކިއުލާއިން އަންގާފައި ވެއެވެ.

ބީލަމެއް ހަވާލުކުރުމަށްފަހު، މާލިއްޔަތު ގަވާއިދުގެ 53.10 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިޢުކުރުމަށާއި، ޝާއިޢުކުރާއިރު ބީލަން ހަވާލުކުރެވުނު ތާރީޚާއި، ބީލަމުގެ ކުރު ޚުލާސާއަކާއި، ބީލަން ހަވާލުކުރެވުނު ފަރާތާއި، ބީލަން ހަވާލުކުރެވުނު އަގާއި މުއްދަތު ހިމެނުމަށް ދަޢުލަތުގެ މާލީ ވަޒީރު ވަނީ ދަޢުލަތުގެ އެންމެހާ ފަރާތްތަކަށް އަންގަވާފައެވެ.

މާލީ ވަޒީރު މިފަދަ ސާކިއުލާއެއް ނެރުއްވާ ޚާއްޞަކޮށް ކޯވިޑް-19 އާއި ގުޅިގެން ކުރެވޭ ޚަރަދު ތަކަށް އިޝާރާތް ކުރައްވާ ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަންކަން ކުރާނެ އުސޫލުތަކެއް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރ ގަންނަން ބިޑް ނުކޮށް ބަޔަކާއި ހަވާލުކުރި މައްސަލާގައި ހެލްތު މިނިސްޓަރާމެދު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި އެމައްސަލަ ރައްޔިތުންގެ މަޖިލީހުންވެސް މިހާރު ވަނީ ބަލަން ފަށާފައެވެ. މީގެއިތުރުން ކޯވިޑް-19 އާއި ގުޅިގެން ތައްޔާރު ކުރި ދެ ފެސިލިޓީއެއްގެ މަރާމާތުގެ މަސައްކަތަށް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނާއިރު އެތަންތަން ބޭނުން ނުކުވޭތީ އެމައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފަހުމީ ސަރ

04-May-2020

މަޖީލުގެ މުސާރަ ދޯ


0

މެޑާމް

04-May-2020

ކަލޯ ހުސްވަގުން. ވެންޓިލޭޓަރުންވެސް ވައްކަން. ޓެސްޓް ކިޓުން ވެސް ވައްކަން. ފެސިލިޓީ ހަދައިގެން ވެސް ވައްކަން. އަދި ލާރިދިން އެކަކުވެސް ވެންޓިލޭޓަރެއް ނުގެނޭ. ހުސް އެހީ. ވަޒީރު އަވަހަށް ބޯދަމައިގަންނަނީ ދޯ ބަޔާން ނެރެފަ.


10

ހަސަންބެ

04-May-2020

ދައުލަތުގެ ނަމުގައި ލޯނުނަގައިގެން ދައުލަތުގެ ބަޖެޓުން މަހަކު ކުރާ ޚަރަދު އަންދާސާކޮށްލީމަވެސް މިދަނީ ފިއްކަޑައިގެން.. މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ.. 30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..



ޓްރެންޑިން