ށ. ނަރުދޫޫޫ
ށ. ނަރުދޫޫޫ
ށ. ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅުކުރެވިފައި ނުވާކަމަށާއި، އެކަމާ ކަންބޮޑުވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ނަރުދޫގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތްކަމަށާއި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދިނުމަށް އެކަށީގެންވާ ޓީމެއް ވެސް ނެތް ކަމަށް އެރަށުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެރަށުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި އެތައް ބަޔަކު އެބަތިބި ކަމަށާއި ނަމަވެސް އެމީހުން ވަކިން ގެންގުޅެވޭނެ ފެސިލިޓީއެއް ވެސް ގާއިމުވެފައިނުވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ހާލަތެއްގައި ނަރުދޫ ފަދައިން ވައިރަސްގެ އަސަރު ކޮށްފައިވާ އެހެން ރަށްރަށަށް ސަރުކާރުން ދޭ ސަމާލުކަމަށް އިތުރު ކުރުމަށާއި، އަދި ކޮންމެ ރަށަކަށް ވެސް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދީ، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން ނަރުދޫ މިހާރު ލޮކްޑައުންގެ ހާލަތުގައި އޮތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ބުނީ ރަށުން ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ވެސް މިހާރު ލިބެން ނެތް ކަމަށެވެ. އަދި މި ދުވަސްވަރު ރައްކާތެރިކަމަށް ބޭނުންވާ މާސްކު، ސެނިޓައިޒާ އަދި އަންގި ފަދަ ތަކެތި ރަށުން ނުލިބުމަކީ ރަށު ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައިވާ މައްސަލައެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ށ. ނަރުދޫން މިހާތަނަށް 11 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ނަރުދޫން މީގެ ކުރިން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އަމާޒު ބޯޓުުން ދަތުރުކުރި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 118 މީހުން ދެނެގަނެވިފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އަމާޒު ބޯޓްގެ ކްލަސްޓާއަކީ ވަރަށްބޮޑު ކްލަސްޓަރ އަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް އެންއީއޯސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން