ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ފްރީ ފަލަސްތީން" ކެންޕެއިންގައި ބައިވެރިވެވަޑައިގެންފިއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ހާއްސަ ހަރަކާތެއް މިހާރު ދަނީ ކުރިއަށެވެ. ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަން ހާމަކުރުމުގެ ގޮތުން މަޖީދީމަގުގައި ކުރިއަށް ގެންދާ ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި މަގުތަކަށް ވަނީ ނުުކުމެފައެވެ.

ފަލަސްތީނުގެ ދިދައާއެކު ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވަނީ މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.



މި ސަރުކާރުން އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް އެކި ފޯރަމްތަކާއި ބައްދަލުވުން ތަކުގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަ ދައްކާފައިވެއެވެ. އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހް ވަނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ހިލާފަށް ހިފައި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ. ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން