ހިޔާ ފްލެޓަށް ވުރެ އަގުބޮޑުކޮށް އެފްޑީސީގެ 4000 ފްލެޓް ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް، ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ ތ. ހިރިލަންދޫ ކައުންސިލުން ތަރައްގީ ކުރި ރިހިވެލި ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިޙް ވިދާޅުވީ ސަރުކާރުން ކަންކަން ގެންދަނީ އެއްވެސް ތަރުތީބަކުން ނޫން ކަމަށާއި، އެގޮތުން ކަމެއް ކުރަންޖެހުނީމަ އެކަމެއް ކޮށްލަނީ ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން އެމަނިކުފާނުގެ ސަރުކާރުން މާލޭގައި އަޅާ ނިންމި ހަތަރު ހާސް ފްލެޓުގެ ކުލީގެ ގޮތުގައި އޭރު ހަމަޖެއްސި އަގަށް މިހާރު ގެނައި ބަދަލު ރައީސް ސާލިޙް ވަނީ ފާހަގަކުރަށްވާފައެވެ.

"އަޅުގަނޑުމެން އޭރުވެސް ދައްކަމުން ގެންދިޔައީ ދިހަ ހާސް ފަސްސަތޭކަ ރުފިޔާއާއި އަށް ހާސް ރުފިޔާއަކަށް ނޫނޭ އެތަންތަނުގެ ކުލި ހަމަޖައްސަން ޖެހޭނީއަކީ, އެތަން އަޅާފައި އެހުރީ ދެކޮޓަރީގެ ފްލެޓޭ، މިއަދުވެސް އަޅުގަނޑު މިދަންނަވަނީ ހިޔާ ފްލެޓުގެ ދެކޮޓަރީގެ ފްލެޓަކަށް ވުރެ އަޅުގަނޑުމެން ހެދި ހަތަރު ހާސް ފްލެޓުގެ ދެކޮޓަރީގެ ފުލެޓްގެ އަގު ކުޑަވާނެއޭ, އެހެންވީމަ [ހިޔާ] ފްލެޓައް ވުރެ މާ ބޮޑު އަގެއްގައި އެތަން ދޭންޖެހޭ ސަބަބެއް ނެތް." ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން 4000 ފްލެޓުގެ އަގު ކުޑަކުރާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، ރައީސް ސާލިޙް ވިދާޅުވީ މީގެ ކުރިން އެބޭފުޅުން އެވާހަކަ ދެއްކެވި ކަމަށެވެ. މިއީވެސް އެއްވެސް ތަރުތީބެއް ނެތި، ހިތަށް އެރީމަ ކަމެއް ކޮށްލަމުންދާ އުސޫލުން ކުރާ ކަމެއް ކަމަށް ސާލިޙް ވިދާޅުވިއެވެ.

"މިހާރު އަނެއްކާ ރައީސް މުއިއްޒު އެވިދާޅުވީ އޭގެ ކުލި ކުޑަކުރާ ވާހަކަ، އެވާހަކަ އަޅުގަނޑުމެން އޭރުވެސް ދެއްކީ، އެއްވެސް ކަހަލަ ތަރުތީބެއް ނެތި، ހަމަ ހިތަށް އެރީމަ ކަމެއް ކޮށްލަމުން ގެންދަނީ މިހިރީ އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި ވިސްނަންޖެހޭ ކަންތައްތައް." ރައީސް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު