ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައިނުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ކުރައްވަން ބޭނުންފުޅުނުވާތީ ކަމަށް މާލޭގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ކައުންސިލާއެކު މަޝްވަރާކުރި ނަމަވެސް، ޚިދުމަތްތަކާ ހަވާލުވާން ކައުންސިލުން ދެކޮޅު ހަދާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވަނިކޮށެވެ. އެހެންވެ، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދެނީ ވަގުތީގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވުމާ ގުޅިގެން 'އެކްސް'ގައި ރައީސަށް ރައްދުދެއްވައި މޭޔަރު އާދަމް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ހަވާލުކުރުމަށް އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް، ކަމާ ގުޅުންހުރި ފަރާތްތަކުން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ، އެ މަސައްކަތް އަވަސްކޮށްދޭން ކައުންސިލުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ޢާޒިމް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅު އެ މަސައްކަތަށް ކައުންސިލުން ސަބްކޮމިޓީތަކެއް ހަދަން ނިންމައި، ކައުންސިލާ މުނިސިޕަލް ޚިދުމަތްތައް ހަވާލުކުރަން ޓައިމްލައިނެއް ދިނުމަށް އެޗްޑީސީގައި އެދިފައިވާނެ ކަމަށެވެ.

އެއަށްފަހު އެކަމަށް ބަޖެޓު ކަނޑައެޅުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާ ކައުންސިލުން ބައްދަލުކޮށް، އެ މަހުގެ 11ވަނަ ދުވަހު ރައީސާ މަޝްވަރާކޮށްފައިވާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި ހަމަ އެ މަހުގެ 25ވަނަ ދުވަހު މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ވެސް ބޭނުންވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް، މިއަދާ ހަމައަށް ވެސް މި ކަމަށް އަމަލީ ސިފަ ނައިސްގެން އުޅެނީ، ސީދާ ރައީސް ޑރ. މުޢިއްޒު އެ ކަން ކުރައްވަން ބޭނުންފުޅު ނުވެގެން،" މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު