ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ފަލަސްތީނުގެ މައްސަލައިން އެކަނިވެސް އިސްލާމިކް ސްޓޭޓް ނުވަތަ "އައިސިސް" އަކީ ޙައްޤުގައި ތިބި ބައެއް ނޫންކަން އެނގޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތައް އިތުރުވެފައިވާއިރު އެކަމާގުޅިގެން އިސްލާމީ ޚިލާފަތެއް އަމިއްލައަށް އިޢުލާނު ކޮށްގެން އުޅޭ އައިސިސް އިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ރާއްޖޭގައިވެސް އައިސިސްއަށް ތަބާވެ އެމީހުންގެ ޕްރޮޕެގެންޑާ ފަތުރާ ބަޔަކު ތިބިކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ޙާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި އަސްކަރީ ޤާބިލްކަން ލިބިފައިވާކަމަށް ދަޢުވާކުރާ އައިސިސް ވީތަނެއްވެސް ނޭނގޭ ކަމަށެވެ. އަދި އައިސިސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ނުކުރަނީ ކީއްވެތޯ ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ. އައިސިސް އަކީ ޙައްޤުގައި ތިބި ބައެއް ނޫންކަމަށް ބުނަނީ އެހެންވެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

"އެމީހުންގެ އަޑެއްބަޑެއް ނުވެސް އިވޭ. މިކަހަލަ ކިތަންމެ ސަބަބަކާ ހެދި ދަންނަވަން ޖެހެނީ އެއީ އެއްވެސް ޙާލެއްގައި ޙައްޤުގައި ތިބި ބައެއް ނޫން ކަމަށް." ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.



ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެންމެފަހުން އިޒުރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 200 އެއްހާ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، ޒަހަމްވެފައިވާ މީހުންގެ އަދަދު 7000 އަށް އަރައެވެ. މަރުވި މީހުންގެ ތެރޭގައި ކުށެއްނެތް ތުއްތު ކުދިންނާއި ދުވަސްވީ މީހުންވެސް ހިމެނެއެވެ. ހަމަލާ ތަކުގެ ސަބަބުން ގިނަ އަދަދެއްގެ ތުއްތު ކުދީން ވަނީ ޔަތީމް ވެފައެވެ.

ފަލަސްތީނުގެ މައްސަލާގައި އިސްލާމީ ބޮޑެތި ބާރުގަދަ ޤައުމުތައް ހަނުތިބޭތީ ގިނަ މުސްލިމުންގެ ނުރުހުން އެފަދަ ޤައުމުތަކުގެ ސަރުކާރުތަކަށް ވަނީ އަމާޒު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން