ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް
ކޯވިޑް-19 އާ ގުޅިގެން ތިން މައްސަލައެއް ބަލަމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި ވެންޓީނޭޓަރުތަކުގެ މައްސަލަވެސް ހިމެނޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއއްސަސާތަކާބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި، ކޯވިޑް-19 އާގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާ ގުޅިގެން އޭސީސީގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތާ ބެހޭގޮތުން މެންބަރުން ވަނީ ސުވާލު ކުރެއްވާފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްްވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާއި ގުޅޭ ގޮތުން އާއްމުންގެ ފަރާތުން ދެ ޝަކުވާއެއް ހުށަހަޅާފައިވާއިރު، ކޮމިޓީގެ މެންބަރުންނަށް ފާހަގަވެގެން ތިން މައްސަލައެއް ބަަލަމުން އަންނަ ކަަމަށެވެ.

ޝިއުނާ ވިދާޅުވީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންނަން ނިންމާފައިވާ، ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލު ކުރި މައްސަލާގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައާއި، މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭން ބޭރުގައި ތިބި ފަރާތްތައް މާލެ ގެނައުމުގައި ދައުލަތުގެ ވެރިންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް މަގާމުގެ ނުފޫޒުން އިސްކަންދިން ކަމަށް ބުނާ މައްސަލައިގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ ކަންކަމުގެ ތެރެއިން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާތަކެއް ލިބޭގޮތަށް ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ޝިއުނާ ވިދާޅުވީ މި ތިން މައްސަލަވެސް ބަލަނީ ވަކިވަކި މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. ނަަމަވެސް އާއްމު ފަރާތްތަކުން ހުށަހަޅައިގެން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް ޝިއުނާ ވިދާޅެއް ނުވެއެވެ.

މި މައްސަލަތަކުގެ ތެރެއިން ވެންޓިލޭޓަރާބެހޭ ހުރިހާ ޑޮކިއުމެންޓްތަކެއް ލިބިފައިވާ ކަމަށާއި، މޯލްޑިވިއަންގެ މައްސަަލައިގައި އެދިފައިވާ އެއްވެސް ޑޮކިއުމެންޓެއް އަދި ލިބިފައި ނުވާ ކަމަށްޝިއުނާ ވިދާޅުވިއެވެ.

އަދި އެ މައްސަަލަތައް ބެލުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި، ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ މައްސަަލަތައް ލަސްވަނީ ލޮކްޑައުންގެ މިހާލަތުގައި އޮފީސްތައް ބަދުކޮށްފައިވާތީ، އެކަމަށް ބޭނުންވާ ޑޮކިއުމެންޓްތައް ހޯދުމަށާއި، ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލުކުރަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކޮށްފައިވާ މައްސަލައިގައި، ކޮރަޕްޝަން ހިމެނޭތޯ، ބައެއް މެންބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ، އެއީ ބަލަމުން އަންނަ މައްސަލައަކަށް ވާތީ، އެކަމުގައި ކޮރަޕްޝަން އެބައޮތް ކަމަށް އަދި ދެންނެވެން ނެތް ކަމަށެވެ. އަދި ޕްރޮކިއުމެންޓް ކަންތަކުގައިވެސް ތަހުގީގު ކުރިއަށްދާތީ ވަކިކަމެއް ނުކުރަން ނުވަތަ ވަކިކަމެއް ރަނގަޅުކުރަން އަދި ދެންނެވެން ނެތް ކަމަަށެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރުމުގައި، ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާ މައްސަލައިގައި މެންބަރުން ސުވާލު ކުރެއްވުުން، ކޮމިޝަންގެ ރައީސާ ވިދާޅުވީ، އެއީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އެއްވެސް އިރެއްގައި އެއްވެސް ތަނަކަށް އެ މައްސަލައާ ގުޅިގެން އެގޮތަށް މައުލޫމާތު ދީފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި ވަކި ސަރުކާރެއް އިސްކަންދީގެން މައްސަލަތައް ބަލަމުން ނުދާކަމަށާއި، އެހެން ނަމަވެސް މިހާރު ހިނގާ ކަމެއް ފާހަގަކުރެވޭ ހިސާބުން އެކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބު ދާރީ ކުރެވޭ ހިސާބުގައި، އަސްލު ޙާލަތުގައި އެ މަސައްކަތް ކުރަން މަސައްކަތް ކުރާކަމަށް ޝިއުނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން