އަލްހާން ފަހުމީ (ކ) އާއި، އަޙްމަދު ހައިތަމް (ވ)
އަލްހާން ފަހުމީ (ކ) އާއި، އަޙްމަދު ހައިތަމް (ވ)
ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި، އަލްހާން ފަހުމީ ގެންދަވަނީ ޓެރަރިޒަމަށް ހިތްވަރު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގެ ނައިބުރައީސް ކަމާއި، ޖުމްހޫރީ ޕާޓީގެ ނައިބުރައީސްކަން ވެސް ކުރަށްވާފައިވާ އަލްހާން މިއަދު ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި އެކަމަކީ ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގިވަޑައިގެން އެމީހުން ރުޅި އަރުވައިގެން ދީނީ ނުކިއްސަރު ވާހަކަ ދައްކުވައިގެން ރައީސް ނަޝީދު ކުރުވި ކަމެއް ކަމަށް އަލްހާން ވަނީ ތުހުމަތު ކުރަށްވާފައެވެ.

އަލްހާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު ހައިތަމް މިރޭ ވިދާޅުވީ، އަލްހާން ދަނީ ޓެރަރިޒަމަށް ހިތްވަރުދީ އަދި ޓެރަރިޒަމަށް ދަޢުވަތު ދެއްވަމުން ކަމަށެވެ. އަދި އެކުރެއްވެވެނީ ކުށެއް ކަމަށް ހައިތަމް ވިދާޅުވިއެވެ. ހައިތަމްވަނީ އަލްހާންގެ ވާހަކަތައް ތަހުޤީޤުކުރުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.



"އެއްވެސް ބޭފުޅެއް، އެބޭފުޅެއްގެ ހަށިފުރާނައަށް ނުރައްކަލެއްވާ ކަމަކަށް ދަޢުވަތެއް ނުދެއްވަވާނެ." މެމްބަރު ހައިތަމް ވިދާޅުވެފައިވެއެވެ.



އަލްހާންގެ ވާހަކަތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުށްވެރި ކުރަމުން އަންނައިރު ބައެއް ފަރާތްތަކުން ވަނީ އަލްހާނަށް މީގެ ކުރިން ދިން ނުރައްކާތެރި ވަޅީގެ ޙަމަލާގެ ހަނދާން އާކޮށްދީ އެއީވެސް އަލްހާން ދިން ދަޢުވަތެއްގެ ސަބަބުން ވީކަމެއްތޯ ސުވާލު ކޮށްފައެވެ. އަދި އިންތިޚާބުތަކުގައި ރައްޔިތުން އަލްހާން ބަލައި ނުގަތުމަކީ އެކަމުގެ ރުޅި އެހެން މީހުންނަށް ރައްދު ކުރަން ޖެހޭ ކަމެއް ނޫންކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ވާދަކުރަށްވައިގެން އަލްހާނަށް ލިބިވަޑައިގަތީ 275 ވޯޓެވެ.



މިމައްސަލައިގައި ފާޑުކީ ބައެއް މީހުން ވަނީ، މީޑިއާގެ ސަމާލުކަން ނުލިބުމުން ހެޑްލައިން ހެދުމަށް މިނޫން އެހެން ގޮތަކުން މަސައްކަތް ކުރުމަށްވެސް އަލްހާނަށް ލަފާ ދީފައެވެ.



ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހަމަލާގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެ އެެވެ. ރައީސް ނަޝީދު މީސް މީޑިއާގައި ބައެއް ކަހަލަ މުއާމަލާތް ކުރެއްވުމަށް ގެންގުޅުއްވާ އައިޑީއެއް ކަމަށްވާ، "އެލެކްސް އަހުމަދު"ގެ ޓުވީޓާ އައިޑީއިން މިއަދު ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން